ލައިފްސްޓައިލް

ކާރު ޝޯރޫމް އެނދުމުން ކުށްވެރިވީ މީދަލެއް!

އިންޑިޔާގެ ހައިދަރުއާބާދުގައި ވަރަށް އަގު ބޮޑު ކާރުތައް ލާފައިވާ ބޮޑު ޝޯ ރޫމެއްގައި އަލިފާން ރޯވެ އަނދާ އަޅިޔަސް ވީތާ ހަ މަސް ދުވަސް ވީއިރު ވެސް އެ ތަނުގައި ރޯވާން މެދުވެރި ސަބަބު އޮތީ ނުހޯދި އެވެ. މި އަހަރުގެ ފެބްރުއަރީ މަހު އެތަނުގައި އަލިފާން ރޯވުމުން ފުރަތަމަ ބުރި މުޅިން އަނދައިގެން ދިޔަ އެވެ. އެއާއެކު އެތަނުގައި ހުރި ހުރިހާ އަގު ބޮޑު ވެހިކަލްތަކެއް ވެސް ވަނީ އަނދާފަ އެވެ.

މި ހާދިސާއަށް ހަ މަސް ފަހުން މި ކަން ތަހުގީގު ކުރަމުންދިޔަ ޓީމަށް އަލިފާން ރޯވި ހަގީގީ ސަބަބު ހޯދުނުއިރު ކަމަކު ދާކަށް ނެތެވެ. މިތަނުގައި އަލިފާން ރޯވެފައި ވަނީ މީދަލެއްގެ ސަބަބުން ކަން އެނގުނީ އެތަނުގެ ސީސީޓީވީ ފުޓޭޖް ވަރަށް ތަފްސީލުކޮށް ބެލުމުންނެވެ.

އިންޑިޔާގެ ނޫހަކުން ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ ބެލެވުނީ އަލިފާން ރޯވީ ކަރަންޓު މައްސަލައެއް ދިމާވެގެން ކަމަށެވެ. ނަމަވެސް ފެބްރުއަރީ 8 ގައި ހިނގި މި ހާދިސާ ތަހުގީގު ކުރަމުން ދިޔަ ފޮރެންސިކް އެކްސްޕާޓުން ރޯވި ތަނުގައި ހުރި އަނދާފައިވާ ވަޔަރު ކޮޅުތަކާއި އެނޫންވެސް ސާމާނު ނަގައިގެން ޓެސްޓް ކުރުމުން އެއީ ކަރަންޓުގެ މައްސަލައެއް ދިމާ ވެގެން ހިނގި ހާދިސާއެއް ނޫން ކަން ޔަގީން ކުރެވުނެވެ.

"އަހަރެމެންގެ ޓީމުން އެ ރޯވި ތަނަށް ގޮސް އެތަނުން އެއްކުރި ފިޒިކަލް އެވިޑެންސް އެނަލައިސް ކުރުމުން ހައިޑްރޯކާބަންސް އެއްގޮތަކަށް ވެސް ހުރި ކަމަކަށް ނުދެއްކި. އެހެންވެ އެއީ ކަރަންޓުގެ މައްސަލައެއް ނޫންކަން ޔަގީންވި،" މި މައްސަލަ ތަހުގީގު ކުރި ޓީމުގެ އޮފިޝަލަކު ބުނެފައި ވެއެވެ.

އެހެންވެ އެތަނުގެ ސީސީޓީވީ ފުޓޭޖް ވަރަށް ތަފްސީލުކޮށް ބަލަން އެ ޓީމުން ނިންމީ އެވެ. އެގޮތުން ބެލި ބެލުމުން އެ ދުވަހު އެ ހާދިސާ ހިނގި ވަގުތު އެ ތަނުގައި ކުޑަ ކުޑަ މީދަލެއް އުޅެނިކޮށް އެމީހުންނަށް ފެނުނެވެ. އެ ސޮރުގެ އަނގައިގައި އަނދިރީގައި ދިއްލޭ ކަހަލަ ކޮންމެވެސް އެއްޗެއް އޮތެވެ. އެސޮރު އެތާގައި ހުރި މޭޒު ތަކެއްގެ ތަންދޮށުން ދުވަމުން ގޮސް އަނގައިގައި އޮތް އެތި ވައްޓާލަނީ ގޮނޑިއެއް މައްޗަށެވެ. އޭރު ރޭގަނޑު 11.55 އެވެ.

ދަންވަރު އެންމެ ފުރަތަމަ ރޯވަނީ އެ ގޮނޑީގަ އެވެ. އަދި އިސާހިތަކު މުޅި ފްލޯގައި ހުޅު ހިފަނީ އެވެ.

ކޮންމެ ހުކުރު ދުވަހަކު އެ ތަނުގައި މަސައްކަތްކުރާ މީހުން އަޅުކަން ކުރަން ބަހައްޓާފައިވާ ބުދެއް ކައިރީގައި ކުޑަ އުއްބައްތިއެއް ދިއްލަ އެވެ. އެތަނުގައި ރޯވި ރޭ އެ އުއްބައްތި އިނީ ދިއްލާފަ އެވެ. އެތަނުގައި މަސައްކަތްކުރާ މީހުން ދަމުން އެ ބައްތި ނިއްވާލަން ހަނދާން ނެތުނީ އެވެ. މީދާ އަނގައިން ހިފައިގެން އުޅުނީ އެ ބައްތި އެވެ. އަދި އެ ސޮރު ގޮސް އެ ބައްތި ގޮނޑި މައްޗަށް ވައްޓާލުމުން ގޮނޑީގައި ރޯވީ އެވެ.