ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ޖޭއެސްސީން މަޝްވަރާ ދެއްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ދެ ބޭފުޅުންގެ ނަން ދިރާސާ ކުރަން މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ދެ ބޭފުޅެއްގެ ނަމާމެދު މަޝްވަރާ ހޯއްދަވަން ރައީސް ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނަން ފޮނުއްވީ މި މަހުގެ ހަވަނަ ދުވަހު އެވެ. އެއީ ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑރ. މުހައްމަދު އިބްރާހިމާއި، މާލޭ ދަފްތަރު ނަންބަރު ރސ 2302، އަލީ ރަޝީދު ހުސައިނެވެ.
މިއަދުގެ ޖަލްސާގައި އެ ދެ ބޭފުޅުންގެ ނަން ދިރާސާކުރަން ރިޔާސަތުން ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.
އަލީ ރަޝީދަކީ ކްރިމިނަލް ކޯޓްގެ ގާޒީ އެވެ. އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އޮތް ބޭފުޅެކެވެ. ކުރި ސިވިލް ކޯޓްގެ އިސް ގާޒީކަން. ވެސް ކުރެއްވި އަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ގާޒީ އެވެ. އަދި އަލީ ރަޝީދަކީ ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ފަހުން ފުރަތަމަ މަރުގެ ހުކުމެއް އިއްވެވި ގާޒީއެވެ.
މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު ފަނޑިޔާރު މުއުތަސިމް އަދުނާނު ހިމެނި ވަޑައިގަންނަވާ ގޮތަށް ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ. ގާނޫނަށް ފަހުން ގެނައި ބަދަލާއެކު ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހެ އެވެ.
މީގެ ކުރީން ރައީސް ސޯލިހު އެ މަގާމަށް އައްޔަން ކުރައްވަން މަސައްކަތް ކުރެއްވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުއް ރައޫފެވެ. ނަމަވެސް އެ ބޭފުޅުންނާ ގުޅޭ ތަފާތު މައްސަލަތަކެއް ފެންމަތިވެ، ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ޖޭއެސްސީއިން އެ ދެ ބޭފުޅުންނާ ގުޅޭ ގޮތުން ލަފާއެއް ނުދިނެވެ.