ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އެމްޑީޕީއާއި ޖޭޕީ އަދި ޕީޕީއެމްގެ ކެންޑިޑޭޓަކު ނަން ނަގައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި އިތުރު ތިން ކެންޑިޑޭޓަކު ނަން ނަގައިފި އެވެ. މިފަހަރު ނަން ނަގާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓަކާއި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެކެވެ.

މިއަދު ނަން ގެންދިޔަ ކެންޑިޑޭޓުންނަކީ ބ. ކުޑަރިކިލު ކައުންސިލްގެ މެންބަރު ކަމަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަން ފޯމް ހުށައެޅި މުހައްމަދު ހަސަން އާއި ޅ. ހިންނަވަރު ކައުންސިލްގެ މެންބަރު ކަމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ފޯމް ހުށައެޅި ޝާން އަބްދުލްވައްހާބުގެ އިތުރުން ތ. ގާދިއްފުށީ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮޑިއަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާން ފޯމް ހުށައެޅި ރައުދާ އަބްދުﷲ އެވެ.

މި ތިން ކެންޑިޑޭޓުންނާއިއެކު މިހާތަނަށް 28 ކެންޑިޑޭޓަކު ވަނީ ނަން ނަގާފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކެންޑިޑޭޓުން ގިނައެވެ.

އަދި އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި ކެންޑިޑޭޓަކު ވަނީ މަރު ވެފައެވެ. އެއީވެސް އެމްޑީޕީގެ ޓިކެޓް ލިބުނު ކެންޑިޑޭޓެވެ. މެއި މަހުގެ ކުރީކޮޅު މަރުވެފައިވަނީ ހދ. ހަނިމާދޫ ކައުންސިލް ގޮނޑިއަށް ވާދަ ކުރަން އެމްޑީޕީގެ ޓިކެޓް ލިބުނު ހުސްނުބާން އަބްދުއްރަހުމާނެވެ.