އާލިއާ ބަޓް

ސުޝާންތުގެ މަރު: އެންމެ ގިނަ ހަމަލަ އާލިއާއާ ދިމާއަށް

ބޮލީވުޑާއި ނެޕޯޓިޒަމް އާ ގުޅުވައިގެން ސޯޝަލް މީޑިއާގައި އެންމެ ގިނަ ބަޔަކު މިހާރު ރުޅިގަނޑު ބާލުވަމުން ދަނީ މަޝްހޫރު ބަތަލާ އާލިއާ ބަޓް އަށާއި އޭނާގެ އާއިލާގެ މެމްބަރުންނަށެވެ. އެގޮތުން އާލިއާއަށް އަމާޒުވަމުންދާ ހަމަލަތަކުގައި ސީދާ އޭނާގެ ފިލްމީ ކެރިއަރު ހަލާކު ކޮށްލަން ބަޔަކު ގަސްދުގައި ކުރާ ކަންތައްތައް ހިމެނެ އެވެ.

މި ސިލްސިލާގެ އިތުރު ކަމެއް އަނެއްކާވެސް އާދިއްތަ ދުވަހު ވަނީ ފެންމަތިވެފަ އެވެ. އާލިއާއަށް ލިބިފައިވާ ވަރަށް ބޮޑު ޕްރޮޖެކްޓަކުން އޭނާ ވަކިކޮށް ޕްރިޔަންކާ ޗޯޕްޅާ އަށް ދީފި ކަމަށް ބުނެ ފެތުރި ޚަބަރެކެވެ.

"ބަހޫބަލީ" ސީރީޒްގެ ފިލްމުތައް އުފެއްދި ކުޅަދާނަ ޑައިރެކްޓަރު އެސްއެސް ރާޖާމޯލީގެ "އާރްއާރްއާރް" އަކީ އާލިއާގެ ޑްރީމް ޕްރޮޖެކްޓެކެވެ. އެ ފިލްމު ލިބުމުން އާލިއާ ވަރަށް އުފާ ކޮށް ސޯޝަލް މީޑިއާގައި އެ ވާހަކަ ދައްކާފައި ވެއެވެ. ވީމާ އެ ފިލްމުން އޭނާ ވަކި ކޮށްފިނަމަ އެއީ ހަމަ ޔަގީނުން ވެސް އާލިއާ ވަރަށް ދެރަވާނެ ކަމެކެވެ.

"އާރްއާރްއާރް" އިން އާލިއާ ވަކި ކުރި ޚަބަރު ފެތުރެން ފެށުމައެކު އާލިއާ ވަނީ މި ވާހަކަތަކަށް ރައްދު ދީފަ އެވެ. އޭނާ ބުނި ގޮތުގައި މިއީ "ކަނޑައެޅިގެން ދޮގެކެވެ".

އާލިއާ އަށް އަމާޒުވަމުންދާ ރުޅި އާއި ނަފްރަތުގެ ސަބަބުން އޭނާގެ އާއިލާގެ މީހުން ވެސް މިހާރު ތިބީ ވަރަށް ކަންބޮޑުވެފަ އެވެ.

"އާލިއާ އަދިވެސް ހުރީ ވަރަށް ސާބިތުކަމާއެކު ހަމަޖެހިގެން. ނަމަވެސް އަބަދާ އަބަދު ސޯޝަލް މީޑިއާގައި ބަޔަކު އޭނާއާ ދިމާކޮށްގެން ފާޑުފާޑުގެ މާލާމަތްކޮށް އެއްޗެހި ކިޔަމުން ދާތީ އޭނާއަށް ވެސް އަސަރު ނުކޮށެއް ނުހުންނާނެތާ. އާލިއާ އާ ސުޝާންތު ސިންގް ރާޖްޕޫތާ އޮތީ ކޮން ގުޅުމެއް؟ އޭނާގެ މަރާ ގުޅުވައި އާލިއާއަށް ހަމަލަތައް އަމާޒު ކުރަންވީ ސަބަބަކީ ކޮބާ؟ ސުޝާންތު އަށް ތާއީދުކޮށް ވާހަކަ ދައްކާ މީހުން ހަގީގަތުގައި އާލިއާއަށް އެ ހަދަނީ މީހުން ސުޝާންތަށް ހެދި ކަމަށް އެ ބުނާ ގޮތަށް. އެފަދަ ހާލަތަކަށް އާލިއާގެ ފިލްމީ ކެރިއަރާއި ދިރިއުޅުން ވެސް އެ ގެންދަނީ. އަބަދާ އަބަދު އެގޮތަށް ދިމާކުރުމުގެ ސަބަބުން އާލިއާ އަށް އޭގެ ނޭދެވޭ އަސަރު އެބަ ކުރޭ،" އާލިއާގެ ގާތް އެކުވެރިޔަކު އިންޑިޔާގެ ނޫހަކާ ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.

މި ޚަބަރަށް ޑައިރެކްޓަރު ރާޖާމޯލީ އެއްވެސް އެއްޗެކޭ ނުބުނެ އެވެ. ނަމަވެސް ޑައިރެކްޓަރުގެ ގާތް މީހަކު ބުނި ގޮތުގައި މިފަދަ ޚަބަރެއް ފެތުރެން ޖެހުނު ސަބަބެއް ޚުދް ރާޖަމޯލީ އަކަށް ވެސް ނޭނގެ އެވެ.

"އާލިއާ އެ ފިލްމަށް ހޮވީ ރާޖާމޯލީ ވަރަށް ބޮޑަށް ބޭނުންވެގެން. އެހެންވީމަ އޭނާ އަތުން ފިލްމު އަތުލައި އެހެން މީހަކަށް ދޭކަށް ނުޖެހޭ. އެކަމާ މެދު ސުވާލެއް ވެސް ނޫފޭދޭ،" ވާހަކަ ދެއްކި މީހާ ބުންޏެވެ.