ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

މާސްކާ ނާޅާނަމަ ބެލިޖެހޭ މިންވަރު 10،000 ގުނަ އިތުރު

ބައެއް މީހުންނަށް ފޭސް މާސްކް އެޅުމުގެ މުހިއްމުކަން އެއްގޮތަކަށް ވެސް ނުވިސްނެ އެވެ. ބޮޑު ޖޫރިމަނާއެއް ކޮށްފާނެތީ ބިރުން ފުލުހަކު ފެންނައިރަށް މާސްކް އަޅާ މީހުންނަށް ހަގީގަތުގައި ވެސް އެއީ އެމީހާ އާއި އެހެން މީހުންގެ ރައްކަލަކަށްޓަކައި ކިހާ މުހިއްމު އެއްޗެއްކަން ނުވިސްނޭކަން ޔަގީންވެ އެވެ.

ގައިން ގަޔަށް ފަސޭހައިން އަރާ ބޮޑު ބަލިމަޑުކަމެއް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ފޭސް މާސްކަކީ ކޮންމެހެން ވެސް އަޅަން މަޖްބޫރު އެއްޗެކެވެ. ސައިންސްވެރިން ބުނާ ގޮތުގައި މާސްކް ނާޅާ ހުރެ ކެއްސާ ކިނބިހިއަޅާ ހެދުމުން އެ ނުކުންނަ ކުޅު ތިކިތަކުގައި ހުންނަ ވައިރަސްތަކަށް އެ މީހާގެ ވަށައިގެން ތިބި އެންމެން ހުށަހެޅޭ މިންވަރު 10،000 ގުނަ އިތުރެވެ.

މި ތިކިތަކުގެ ބޮޑު ބައެއް ފައިބަނީ ބިންމައްޗަށެވެ. ނުވަތަ ކެއްސާ، ކިނބިހިއަޅާ މީހާ ހުރި މޭޒެއް ހަރުގަނޑެއް ފަދަ އެއްޗެއް ކައިރީގައި ނަމަ އެ އެއްޗެއްގެ މައްޗަށެވެ. ސިޑިއެއް ކައިރިގައި ނަމަ އެ ސިޑީގެ ތަންތަނަށެވެ. ހަގީގަތުގައި ކޮވިޑް-19 އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރަނީ ވެސް މިފަދަ ކޮންމެވެސް ގޮތަކުންނެވެ.

ސައިންސްވެރިން މިކަމާ ގުޅޭ ގޮތުން ވަރަށް ތަފާތު އެކްސްޕެރިމެންޓްތައް ހަދާ ތަހުލީލުތައް ކޮށްފައި ވެއެވެ. އިންސާނުންގެ ސައިޒުގެ ބުދުތައް މެޝިންތަކާ ގުޅައިގެން އެ މެޝިން ޖެއްސުމުން އޭގެ އަނގައިން ތިކިތައް ބުރުވާ ގޮތް ހަދައިގެންނެވެ. މިއީ އިންސާނަކު ކެއްސާ، ކިނބިހި އެޅީމަ ތިކިތައް ބުރާކޮށް ބަލަން ސައިންސްވެރިން ހަދާފައިވާ އެކްސްޕެރިމެންޓެކެވެ.

ދެން ސައިންސްވެރިން ބެލީ ބުދުގެ އަނގައިން ނުކުތް ތިކިތަކުގެ ތެރެއިން އެކި ތަންތަނަށް ވެއްޓުނު ތިކީގެ މިންވަރެވެ. އަދި އޭނާގެ ކުރިމަތީގައި ތިބި މީހުންގެ ގަޔަށް ތިކި ބުރައި އެ މީހާއަށް އޭގެ އަސަރު ފޯރި މިންވަރެވެ. ޚާއްސަކޮށް މާސްކް ނާޅާ މީހަކު ކުރިމަތީގައި ހުރެގެން ވާޙަކަ ދައްކާ ކެއްސާ ހެދުމުން އެ ނުކުންނަ ލޮލަށް ނުފެންނަ ވަރުގެ ކުދި ތިކިތަކުން އަނެއް މީހާގެ ގަޔަށް ވާސިލުވާ މިންވަރެވެ.
މި ހޯދުމުން އެނގުނު ގޮތުގައި މާސްކް ނާޅާ ހުރެ މީހަކު ކެއްސުމުން އޭނާގެ އަނގައިން ނުކުންނަ ތިކިތަކަށް އޭނާއާ ދެ މީޓަރު ދުރުގައި ހުންނަ މީހަކާ ހަމަޔަށް ވެސް ފޯރާ އެ ތިކިތަކުގައި ހުރި ނަމަ ހުރި ޖަރާސީމަކަށް އޭނާ އެކްސްޕޯސްވާ މިންވަރު 10،000 ގުނަ އިތުރު ވެއެވެ.

އޭގެ ބަދަލުގައި އާދައިގެ ތުނި މާސްކެއް އަޅައިގެން ހުރި މީހަކު ކެއްސާލުމުން އޭނާއާ އެންމެ ބައި މީޓަރު ދުރުގައި މީހަކު ހުއްޓަސް އެމީހާ އަކަށް އެ ކެއްސާ މީހާގެ އަނގައިން ނުކުންނަ ކުޅުތަކުގެ އަސަރު މާ ބޮޑަކަށް ނުކުރެ އެވެ.

ސައިންސްވެރިން ބުނަނީ ސާޖިކަލް މާސްކް އަޅައިގެން ހުރި މީހަކު ކެއްސާ ކިނބިހި އެޅިޔަސް އޭނާ އާ ވަރަށް ކައިރީގައި ހުންނަ މީހަކަށް ވެސް އޭނގެން މާ ބޮޑު އަސަރެއް ނުފޯރަ އެވެ. އެހެންވީމާ އާދައިގެ ކޮޓްން ފޮތިން ފަހާފައިވާ ތުނި މާސްކަކުން ވެސް އެކަށީގެންވާ ވަރުގެ ރައްކާތެރިކަމެއް އެ މީހެއްގެ ވަށައިގެންވާ މީހުންނަށް ލިބޭކަމަށެވެ.

ކޮވިޑް-19 އިން ދިފާއުވުމަށްޓަކައި މާސްކް އެޅުމުގެ މުހިއްމުކަން ސައިންސްގެ އަލީގައި ސާބިތު ކުރެވިފައި ނެތް ކަމަށް މީގެ ކުރިން ގިނަ ބަޔަކު ބުނި ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކޮރޯނާވައިރަހުން ދިފާއުވުމަށް މާސްކް އެޅުމަށްވުރެ މުހިއްމު ކަމެއް ނެތެވެ.
ޔުނިވަސިޓީ އޮފް އެޑިންބަރާގެ ލީޑް ރިސާޗާ ޑރ. އިގްނާޒިއޯ މާރިއާ ވިދާޅުވި ގޮތުގައި ތަފާތު ފޮތިން ތައްޔާރުކޮށްފައިވާ ފޭސް މާސްކުން ރައްކާތެރިކަން ލިބޭ މިންވަރު ތަފާތެވެ. އަނގައިން ނުކުންނަ ތިކިތައް ފިލްޓާ ވަނީ އެކި ފޮތިން އެކި މިންވަރަށެވެ.

ނަމަވެސް އެންމެ ބޮޑު ނުރައްކަލެއް އޮންނަނީ އަނގައިން ނުކުންނަ ބޮޑެތި ތިކިތަކަށް ކަމަށް ވާތީ އާދައިގެ ކޮޓްން ފޮތީގެ ތުނި މާސްކެއް އަޅައިގެން ހުއްޓަސް އެ ބޮޑު ތިކިތައް މައިތިރި ކުރެވޭތީ ފުދޭ ވަރެއްގެ ރަނގަޅު ދިފާއެއް މި ފަދަ މާސްކުން ވެސް ލިބޭނެ ކަމަށް މިހާޜު ގަބޫލު ކުރެވެ އެވެ.

"އެހެންވީމާ މާސްކް އެޅިމަ ހަމަ ވަރަށް ބޮޑު ތަފާތެއް ފެންނާނެ،" އޭނާ ވިދާޅުވި އެވެ.