ލައިފްސްޓައިލް

ގައިދީއަކު ހިންގާ ކައްކާ ޗެނަލެއް!

އެމެރިކާގެ ކެލިފޯނިއާގެ މީހަކު ޖަލުގައި ހުރެގެން ކައްކާ ޗެނަލެއް ހިންގަމުން އެބަދެއެވެ. މީހަކު މަރާލުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަކަށް ލާފައިވާ މިމީހާ ޓިކްޓޮކްގައި ހިނގާ މި ކުކިން ޝޯއަށް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ. ޖަލުގައި ހުރެގެން މި މީހާ ކާ އެއްޗެތި ތައްޔާރުކޮށްލާލެއް މޮޅު ކަމުން މި ޝޯ ބަލާ ގިނަ ބަޔަކު ތިބީ ބަސް ހުއްޓިފަ އެވެ.

ޖެރޯން ކޯމްބް ނަމަކަށް ކިޔާ 31 އަހަރުގެ މި މީހާ އަކީ މީހަކު މަރާލިކަން ސާބިތު ވެގެން 70 އަހަރަށް ޖަލަށް ލާފައިވާ މީހެކެވެ. މި މީހާގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްލީއިރު އޭނާގެ އުމުރުން އެންމެ 18 އަހަރެވެ.

ޖެރޯން ކައްކަން ދަސްކުރީ ވެސް ޖަލުގައި ހުރެގެންނެވެ. އަދި އޭނާގެ ކެއްކުމުގެ ހުނަރު މުޅި ދުނިޔެއަށް ޓިކްޓޮކް މެދުވެރިކޮށް ދައްކަން ފެށުމުން އެ ޝޯގައި އޭނާ ދައްކާލާ ކެއްކުމުގެ މޮޅު ހުނަރުތަކަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.

ޖެރޯން ކައްކަން ބޭނުންކުރަނީ ހަލާކުވެފައި ހުރި އުނދުނެކެވެ. އެ އުނދުން އޭނާ ހޯދީ ޖަލުގެ ބަދިގެއިންނެވެ. އަދި އޭނާ ކައްކަނީ އޭނާ ނިދަން ދީފައިވާ ދަގަނޑުގެ އެނދު ދަށުގައި އުނދުން ބަހައްޓައިގެންނެވެ.

"އަހަރެން އަމިއްލައަށް ކައްކަން ފަށަން ނިންމީ ޖަލުން ދޭ ކާ އެއްޗިއްސަށްވުރެ އަމިއްލައަށް ކައްކާލީމަ މާ މީރުވީމަ. އަހަރެމެންނަށް ޕެކެޓްކޮށްފައި ހުންނަ ކާ އެއްޗެތި ކެންޓީނުން ލިބޭ. އަހަރެމެން އޯޑަރު ކުރީމަ އެ އެއްޗެތި ގެނެސްދޭ. ހަލާކުވެފައިވާ އުނދުނެއް ދަގަނޑު ޝީޓް ނަގައިގެން އަހަރެން ތެއްޔެއް ތައްޔާރުކޮށް އެނދު ތަންދޮށުގަ ބަހައްޓައިގެން ކައްކަނީ،" ޖޭރޯން ބުންޏެވެ.

މި ގައިދީ ތައްޔާރުކުރާ ކާނާގެ ތެރޭގައި އެކި ވައްތަރުގެ ކޭކާއި ޓާކޯސް އަދި ބްރެކްފަސްޓް ބަރިޓޯސް ހިމެނެ އެވެ. ޖެރޯންގެ އުންމީދަކީ ޖަލުގައި ގައިދީން ހަގީގަތުގައި އުޅޭ ގޮތް އާއްމުންނަށް ދައްކާލުމުވެ. އެއީ ޓީވީ ޝޯ ތަކާއި މީޑިއާ އިން ދައްކާ ގޮތާ ވަރަށް ތަފާތު ދިރިއުޅުމެއް ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ބޭނުމެއް ނޫން މީހުން އަހަރެމެންނާ ދޭތެރޭ ގޯސްކޮށް ދެކޭކަށް. ހަޔާތުގައި ކުރެވިފައިވާ ކުށްތަކުގެ ސަބަބުން އަހަރެމެންނަށް ޖަލުގައި ދުވަސްތައް ހޭދަ ކުރަން ޖެހިފައި ވިޔަސް މީހުންނަށް މިތަނުގެ ހަގީގަތް ދައްކާލަން އަހަރެން ބޭނުންވަނީ،" ޖެރޯން ބުންޏެވެ.

ޖެރޯން ގަބޫލުކުރާ ގޮތުގައި ކޮންމެ ގޮތެއް ވިޔަސް ޖަލުން ދޭ ކޮއްތަށް ވުރެ އޭނާ ތައްޔާރުކޮށްލާ ކާ އެއްޗެހި މާ މީރުވާނެ އެވެ. އެހެންވީމާ އެ އެއްޗެތި އޭނާ ތައްޔާރުކުރާ ގޮތް އެހެން މީހުންނާ ހިއްސާ ކުރަން ބޭނުންވީ އެވެ.