އިދިކޮޅު ފަރާތްތައް

އިދިކޮޅުން މާފުށީ ބޭރުގައި މުޒާހަރާ ކޮށްފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކ. މާފުށި ބޭރުން ކަނޑުމަތީ މުޒާހަރާ ފަށައިފި އެވެ.

މާފުށީ ބޭރުން ކަނޑުމަތީގައި ކުރަމުންދާ މުޒާހަރާގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުޅުންނާއި އެ ޕާޓީގެ ސަޕޯޓަރުން ބައިވެރިވެއެވެ. މުޒާހަރާގެ ބައިވެރިން ތިބީ މުދާ އުފުލާ ދޯންޏެއްގައެވެ. އެ ދޯނި ވަނީ ޕީޕީއެމްގެ ދިދަ ޖަހާ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޝުއޫރުތައް ލިޔެފައިވާ ބެނާތައް ހަރުކޮށްފައިވެއެވެ.

އެ ސަރަހައްދުގައި ފުލުހުންވެސް ދަނީ ފޯރިމަރަމުންނެވެ.

ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން މާފުށީ ފަޅުތެރެއަށް ވަނުމަށް ހުރަސް އަޅާފައެވެ. ގިނަ އަދަދެއްގެ ފުލުހުންނާއެކު ފުލުހުންގެ ދެ ލޯންޗެއް މާފުށީ ބޭރުގައި އެބައޮތެވެ.

މި މުޒާހަރާގައި ކ އަތޮޅުގެ ރައްޔިތުންވެސް ދަނީ ބައިވެރިވަމުންނެވެ. އެ ގޮތުން އެކި ރަށްރަށުން ލޯންޗު ފަހަރުގައި މީހުން އައިސް މުޒާހަރާގައި ދަނީ ބައިވެރިވަމުންނެވެ. އަދި މާފުށީ ބަނދަރުމަތީގައި އެ ރަށުގެ ބައެއް ޒުވާނުން ގެންދަނީ މުޒާހަރާގައި ބައިވެރިވަމުންނެވެ.

މާފުށި ބޭރުން ކަނޑުމަތީގައި މުޒާހަރާއެއް ކުރަން އިދިކޮޅުން ހަމަޖެއްސީ މާފުށީ ޖަލުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދު ކޮށްފައި ހުންނެވުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އޭގެ އިތުރުން ރާއްޖޭގެ ހަރުމުދާ ވިއްކުމާއި ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަަށް އަޑުއުފުލަމަށް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ.

ކަނޑުމަތީ ކުރަމުންދާ މުޒާހަރާގައި ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އިދިކޮޅުން މިއަދު ފެށި ހަރަކާތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ. ޖަމީލް ވަނީ އިދިކޮޅު މުޒާހަރާއަށް ފުލުހުން ހުރަސް އަޅުއްވާފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ މި މަސައްކަތާއެކު ރައީސް ޔާމީން މިނިވަންވެ، މުޅި ރާއްޖޭގައި އަޅުގަނޑުމެންގެ މި ދަތުރުގެ ލަޝްކަރުގެ ހަރަކާތްތައް ވަރުގަދަވެެގެން ދިއުން،" ޖަމީލް ވިދާޅުވިއެވެ.

އިދިކޮޅު ލީޑުކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ފުލުހުން ހުރަސް އެޅި ނަމަވެސް އިދިކޮޅުން ފެށި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންކޮށް 2023 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށްވެސް ގެންނަވާނެ ކަމަށެވެ.

މިއަދުގެ މުޒާހަރާއާ ގުޅިގެން އިދިކޮޅުގެ އިސް ބޭފުޅުން ވަނީ ފުލުހަށްވެސް ހާޒިރުކޮށްފައެވެ.

އިދިކޮޅުން ވަނީ އަންނަ ހުުކުރު ދުވަހު މާލެ ސިޓީ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި މުޒާހަރާ ކުރުމަށް ނިންމާފައެވެ.