ލައިފްސްޓައިލް

ވަޅުލަން ތައްޔާރު ކުރަނިކޮށް އަންހެނަކު ލޯ ހުޅުވާލައިފި

އެމެރިކާގެ ޑީޓްރޮއިޓްގެ ޒުވާން އަންހެނަކު މަރުވީ ކަމަށް ނިންމާ ފިއުނެރަލް ހޯމް އަށް ގެންގޮސް އެމްބާމްޑް ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުން ދަނިކޮށް ލޯ ހުޅުވާލައިފި އެވެ.

އެ އަންހެންމީހާގެ ގާނޫނީ ވަކީލު ބުނި ގޮތުގައި އޭނާ ލޯ ހުޅުވާލިއިރު އެމްބާމް -- ވަޅުލުމެއް -- ކުރަން ތައްޔާރު ވަނީ އެވެ. މަރުވާ މީހުން އެމްބާމްޑް ކުރަނީ ގައިގައި ހުންނަ ހުރިހާ ލޭތައް ނާރުތަކުން ލާފައި ހަށިގަނޑުން ބޭރުކުރުމަށް ފަހު ކެމިކަލްތަކެއް އާޓްރީޒްތަކުން ހަށިގަނޑަށް ފޮނުވައިގެންނެވެ. މިގޮތަށް ހެދުމަށްފަހު ލޯ ވަޅު ތޮރުފި ތަންތަން ފަހާ ބެއްދުމުން ހަށިގަނޑު އެ އޮތީ އެމްބާމްޑް ކުރެވިފަ އެވެ. އޭރުން ކިތަންމެ ދުވަހެއް ވިޔަސް ކުނި ނުވެ އޮވެ އެވެ. ސައިންސްގެ ބޭނުންތަކަށް ވަޅު ނުލާ ނުވަތަ އަންދާނުލާ ބަހައްޓާ ހަށިގަނޑުތައް ބަހައްޓަނީ މިގޮތަށް އެމްބާމްޑް ކޮށްފަ އެވެ.

އެމެރިކާގެ ޓީވީ އަކަށް ދިން އިންޓަވިއު އެއްގައި އަންހެންމީހާގެ ވަކީލު ޖިއޮފަރީ ފީގާ ބުނި ގޮތުގައި 20 އަހަރުގެ ޒުވާން އަންހެންމީހާ އަކީ ވަރަށް ގިނަ ނުކުޅެދުންތެރިކަން ހުންނަ ބަލި މީހެކެވެ. އޭނާ ލޯ ހުޅުވާލިއިރު ގައިން ލޭ ހުސް ކުރުމުގެ މަސައްކަތް ފަށަން އޮތީ ކުޑަތަން ވެފަ އެވެ.

ސައުތުފީލްޑް ފަޔާ ޑިޕާޓްމަންޓުން ވަނީ މިއީ ހިނގި ހާދިސާއެއް ކަން ކަށަވަރު ކޮށްދީފަ އެވެ. މިދިޔަ އާދިއްތަ ދުވަހު ހިނގި މި ހާދިސާ އަކީ ވަރަށް އަޖައިބު ކަންތައްތަކެއް މެދުވެރިވެގެން ހިނގި ކަމެއް ކަމަށް އެ ޑިޕާޓްމަންޓުން އޮފިޝަލުން އެއްބަސްވެފައި ވެއެވެ. އެ މީހުން ބުނި ގޮތުގައި ބަޔަކު ގުޅުމުން ރެސްކިއު ޓީމުން އަންހެންމީހާގެ ގެޔަށް ގޮސް އެމީހާ ޗެކްކުރިއިރު އޭނާގެ އެއްވެސް ހަރަކާތެއް ހިތުގެ ވިންދެއް ވެސް ނެތެވެ.

ޕަރަމެޑިކްސް އިން 30 ވަރަކަށް މިނިޓް ވަންދެން އަންހެންމީހާ ނޭވާ ލާތޯ މަސައްކަތް ކުރުމަށްފަހު ނޭވާ ނުލައިގެން އިމަޖެންސީ ރޫމް ޑޮކްޓަރަކަށް ގުޅައިގެން އޭނާގެ ލަފާ ހޯދީ އެވެ. އަންހެންމީހާގެ ފަރާތުން ފެންނަމުން ދިޔަ އަލާމާތްތައް ކިޔައިދިނުމުން އެ ކިޔައިދިން ވާހަކަތަކަށް ބަލާފައި އޭނާ މަރުވެފައިވާ ކަމަށް ނިންމީ އިމަޖެންސީ ޑޮކްޓަރެވެ.

އާއިލާ އާ އެ މީހާގެ ހަށިގަނޑު ހަވާލުކުރީ އޮޓޮސްޕީ ނުހަދާ ކަމަށާއި އެއީ އެތާގެ ގަވާއިދުތައް އޮންނަ ގޮތުން ހުއްދަ ކަމެއް ކަމަށް އޯކްލެންޑް ކައުންޓީ މެޑިކަލް އެކްޒެމިނާސް އޮފީހުން ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައި ވެއެވެ.

ފިއުނެރަލް ހޯމްގައި ބާއްވާފައި އޮއްވާ އެ އަންހެންމީހާ ހޭ އަރައިގެން ލޯ ހުޅުވާލީ އެވެ. ޓިމޭޝާ ބިއުޗެމްޕް ނަމަކަށް ކިޔާ މި އަންހެންމީހާގެ ފަރާތުން ވަކާލާތު ކުރާނެ ގާނޫނީ ވަކީލެއް އޭނާގެ އާއިލާގެ ފަރާތުން ހަމަޖައްސައި މިހާރު މި މައްސަލަ ވަނީ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފަ އެވެ.

އަންހެންމީހާގެ ގާނޫނީ ވަކީލު ބުނީ މިކަމުގައި އެންމެ ބިރު ގަން އެއް ކަމަކީ އޭނާ ދިރިއޮއްވާ އެމްބާމް ކުރެވެން އުޅުނީމަ އެވެ. އޭނާއަށް ލޯ ހުޅުވާލެވުނުލެއް ކިރިޔާ ލަސްވި ނަމަވެސް އެ މީހާ ދިރިއޮވެ އޭނާގެ ދުވަސް ދިޔައިހެވެ. އޭނާ ލާފައި އޮތް ބޮޑީ ބޭގްގެ ޒިބް ދަމާލިއިރުވެސް އެމީހާ އޮތީ ލޯ ހުޅުވައިގެން ކަމަށް އޭނާގެ ގާނޫނީ ވަކީލު ބުންޏެވެ.

މިހާރު ހޮސްޕިޓަލުގައި ޓިމޭޝާ އަށް ފަރުވާ ދެމުންދާއިރު އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ޚަބަރުތައް ބުނެ އެވެ. ޓިމޭޝާގެ މަންމަ އެރިކާ ލެޓިމޯ ބުނި ގޮތުގައި އޭނާގެ ދަރިފުޅު ދިރިހުއްޓާ މަރުވީ ކަމަށް ބުނެ އޭނާ އެމްބާމް ކުރަން އުޅުނުކަން ހިތަށް އެރިޔަސް ކުރާ އަސަރުން ހިތް ފަޅައިގެންދާވަރު ވެއެވެ. މިކަން ދިމާވި ސަބަބު ބެލުމަށް މިހާރު ތަހުގީގު ފަށާފައިވާ ކަމަށް ފަޔާ ޑިޕާޓްމަންޓުން ބުނެ އެވެ.