ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އެމަނިކުފާނާއި ގުޅޭގޮތުން ދެއްކެވި އަހުލާގީ ގޮތުން ދަށު ދަރަޖައިގެ ވާހަކަތަށް ޕްރޮގްރެސިވް ކޯލިޝަނުން ކުށްވެރިކޮށްފި އެވެ.
ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފައިވަނީ ރޭ އެ މަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެއާއެކު ޖާބިރު ވަނީ ޣައްސާނަށް މެސެޖެއް ދެއްވާފަ އެވެ. އެ މެސެޖްގައި އޭނާ ވިދާޅުވީ ރައީސް މައުމޫން އޭނާގެ އަތުން ފައިސާ ނަންގަވާފައިވާ ކަމަށެވެ. -- މިއީ ފަހަކަށް އައިސް ޖާބިރު ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ ވާހަކަތަކެކެވެ.
ޖާބިރު ވަނީ ރައީސް މައުމޫންގެ ގެކޮޅު ކިނބިގަސްދޮށުގޭގެ ރަޖިސްޓްރީއަށް އޭނާއަށް ދޭންޖެހޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"މަނިކުފާނު ހަނދާން ބަހައްޓަވަންޗޭ، ތަރިކަ މުދަލުން އަޅުގަނޑުމެންގެ ހައްގު ދޭން ޖެހޭނެ. 29 މިލިއަންތާ ބައްޕަ ނަގާފައި ވަނީ. އެކަން ހަނދާން ކޮށްދެއްޗޭ،" ޣައްސާން ކުރެއްވި ޓްވީޓާއެކު ހިމަނާފައިވާ އޯޑިއޯއެއްގައި ޖާބިރު ވިދާޅުވެއެވެ.
ޖާބިރުގެ ވާހަކަތައް ކުށްވެރިކޮށް ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގުރައިދޫ ދާއިރާގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ގައްސާން މައުމޫނަށް، އަބްދުﷲ ޖާބިރު ފޮނުއްވި އޯޑިއޯ މެސެޖުގައި ދައްކަވާފައިވާ ހަޑި ހުތުރު ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"އަޅުގަނޑުމެންގެ ދުއާއަކީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް (ނޣޢވ) އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ ފުރިހަމަ ސިއްހަތެއް ދެއްވުމެވެ. އަދި ޕީޕީއެމްގެ ނާއިބް ރައީސް ތ. ގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރާއި އެމަނިކުފާނުގެ އާއިލާއަށް ހިތްވަރާއި ކެތްތެރިކަން ދެއްވާ ފުރިހަމަ ސިއްހަތެއް މިންވަރު ކުރެއްވުމެވެ،" ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.