ކޮވިޑްގެ ބަލި ރާއްޖޭގައި ފެތުރެމުން ދަނީ ވަރަށް ބާރަށް ވަރަށް ބޮޑަށް ބިރު ގަންނަ މިންވަރަށެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި 173 ދުވަސް ހޭދަވެގެން ދިޔައިރު 7200 ވުރެ ގިނަ މީހުންނަށް ރާއްޖެއިން އެ ބަލި ޖެހިއްޖެއެވެ. އަދި އެ ބަލީގައި 28 މީހަކު މަރުވެއްޖެ އެވެ.
ބަލިމަޑު ކަމުގެ މި ހާލަތުން ނުކުމެވޭތޯ އިދާރާތަކުން ބުރަ މަސައްކަތްތަކެއް ވެސް ކުރެ އެވެ. ސައުވީސް ގަޑިއިރު ހިދުމަތުގައި ތިއްބެވި ޑޮކްޓަރުންނާއި ނަރުހުން އަދި ފްރަންޓަލައިން އޮފިސަރުންގެ އެ މަސައްކަތަށް އޮތީ ޝުކުރެވެ. ނަމަވެސް މި ހާލަތުގެ ތެރޭ، ގުޅުންހުރި އިދާރާތަކުގެ އިހުމާލުގެ އަޑުވެސް ގަދައެވެ. ކިތަންމެ ބަޔަކު އެ ވާހަކަތައް ދައްކައފި ވެސް މެއެވެ. ހާއްސަކޮށް އެޗްޕީއޭ އިން ބައެއް ފަހަރު އަމަލު ކުރާ ގޮތުން ކަންބޮޑުވުން އޮތް ކިތަންމެ ބަޔަކު އެބަތިއްބެވެ. މަސައްކަތް ބުރަވެ. މެނޭޖް ނުކުރެވޭ ހިސާބަށް ދިއުމުން ކަންކަން ގޯހުން ގޯހަށް ދެއެވެ. ނަމަވެސް އިހުމާލަކުން ލިބޭ ގެއްލުމުގެ ވާހަކަ އެކަން ތަހައްމަލު ކުރަންޖެހުނު އާއިލާތަކުން ދައްކާނެ އެވެ.
ފުވައްމަލުކު ސިޓީ، ފުނާޑް، ހިއުމަންގޭ އުމުރުން 73 އަހަރުގެ އައިމިނަތު ސައީދާއަކީ ދެ ތާރީހެއްގައި ހެދި ދެ ޓެސްޓަކުން ކޮވިޑަށް ޕޮޒިޓިވްވީ މީހެކެވެ. އޭނާގެ ހާލަތު ގޯސްވެ ހުޅުމާލެ މެޑިކަލް ފެސިލީޓީގެ އައިސީޔޫގައި ދަނީ ފަރުވާ ހޯދަމުންނެވެ.
އައިމިނަތުގެ ހާލު ގޯސްވެ އައިސީޔޫއަށްލާ ހިސާބަކަށް ކަންކަން ދިޔައިރު އޭގެ ކުރިން ކަމާގުޅޭ އިދާރާއިން އަމަލު ކޮށްފައިވާ ގޮތާއިމެދު އާއިލާގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެ އިދާރާތަކާއި ކުރަން ބޭނުންވާ އެތައް ސުވާލެއް އެބަ ހުއްޓެވެ. އެ ވާހަކަތައް އައިމިނަތު މާމަ ދަރިއަކު ވަނީ އަވަސްއާ ހިއްސާ ކޮށްފައެވެ.
އައިމިނަތު ސައީދަކީ އޭނާގެ ދުވަސްވީ ފިރިމީހާއާއެކު ހުޅުމާލޭގައި ދިރިއުޅެމުންދާ މީހެކެވެ. ވަރުބަލިވެ ނޭވާއަށް އުނދަގޫވާތީ މާމަ ދަރިފުޅަކާއެކު ސައީދާ ހުޅުމާލެ ފްލޫ ކުލިނިކަށް ދައްކަން ގޮސްފައިވަނީ މިމަހުގެ ތިންވަނަ ދުވަހު އެވެ. އެ ދުވަހު ޑޮކްޓަރުން ބުނީ އެހެން ދިމާވަނީ ޕްރެޝަރު ހައިވުމުގެ ސަބަބުން ކަމަށެވެ. އައިމިނަތުއަކީ އެ ބައްޔަށް ގަވާއިދުން ބޭސް ކަމުންދާ މީހެކެވެ.
ފުލޫ ކްލިނިކަށް ދައްކަން އަންނަ ދުވަސްވީ މީހުން ކޮވިޑަށް ޓެސްޓް ކުރާ އުސޫލުން އައިމިނަތުވެސް ކޮވިޑަށް ޓެސްޓް ކުރިއެވެ. މިމަހުގެ ހަތަރުވަނަ ދުވަހު ނަތީޖާ ލިބުނުއިރު އައިމިނަތުގެ ސާމަޕަލް ވަނީ ޕޮޒިޓިވްވެފައެވެ. ނަމަވެސް އެހާ ހިސާބަކަށްވެސް ކޮވިޑްގެ އެއްވެސް އަލާމާތެއް ފެންނަން ނެތެވެ. އައިމިނަތު ބޭރަށް ނިކުމެ ނޫޅޭތާ އޭރު އަށެއްކަ މަސް ވެއްޖެއެވެ. ގޭގައި އުޅޭ މީހަކުވެސް ޕޮޒިޓިވްވެފައެއް ނުވެއެވެ. އެ ގޭގައި ކޮންޓެކްޓެއްވެސް ނެތެވެ.
ޕޮޒިޓިވްވުމާއި ގުޅިގެން ވީހާވެސް އަވަހަށް ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ގެންދަން ޖެހޭ ކަމަށް އެޗްޕީއޭއިން އާއިލާއަށް އެންގިއެވެ.
"ދިހަ ވަރަކަށް ދުވަސް ވަންދެން މާމަ ރަނގަޅު. ނަމަވެސް އިންޖެކްޝަނެއް ކޮންމެ ދުވަހަކު ޖަހާ. އެ ވަގުތުން ފެށިގެން ދެތިން ގަޑިއިރަށް އުނދަގޫވާތީ އުޅޭ. މާމަ ބުނާ ގޮތުން 17 އިންޖެކްޝަނެއް ޖެހި،"
ހޮސްޕިޓަލްގައި ހޭދަކުރި 14 ވަރަކަށް ދުވަހަކީ ފެސިލިޓީގައި ހިދުމަތުގައި ތިބި ނަރުހުންނާއި ޑޮކްޓަރުންގެ ފުރިހަމަ އަޅާލުމާއި ލޯބި އިންތިހާއަށް ލިބިގެންދިޔަ ދުވަސްތަކެކެވެ. ނަމަވެސް އެތަނުން ދޫކޮށްލުމުގެ މަރުހަލާގައި ކަންކަން ހިނގާދިޔަ ގޮތުން އާއިލާއިން ތިބީ ވަރަށް ބޮޑަށް ދެރަވެ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފެސިލިޓީން އައިމިނަތު ދޫކޮށްލާފައިވާކަން އެ އާއިލާއަށް އެންގީ އެ ތަނުގައި އޮތް ކޮވިޑްގެ ބަލި މީހެކެވެ. ބަލިން ރަނގަޅުވާ އުމުރުން ދުވަސްވީ މީހަކު ދޫކޮށްލުމުގައި އެ ގޮތަކަށް އަމަލުކުރި ސަބަބެއް ނޭންގޭތީ އާއިލާއިން އަދިވެސް ތިބީ ސުވާލުތަކެއްގައި ތެރޭގައެވެ. ކޮންމެ ހާލަތެއްގައިވެސް ގުޅޭނެ ނަންބަރުތައް އެޗްޕީއޭއާ ވަނީ ހިއްސާކޮށްފައެވެ. ނަމަވެސް އައިމިނަތު ދޫކޮށްލިކަން އެ އިދާރާއިން އާއިލާއަކަށް ނާންގައެވެ.
"ދެން އަޅުގަނޑުމެން އަވަހަށް ދިޔައީ މާމަ ބަލާ. އޭރު މާމަ ވަރަށް ގަދައަށް ކެއްސާ. ހުންވެސް ހުރި. އަޅުގަނޑު ބުނިން މާމަ މި ހާލަތުގައި ހުއްޓާ ހެއްޔޭ ތިޔަ ފޮނުވާލަނީ. އެހެން ބުނީމަ ބުނި އާއެކޭ. ދޫކޮށްލާއިރު ޓެސްޓެއް ނުކުރާނޭ. މާމަ ގެންދާށޭ. އެހެން ކިޔާފަ ޑިސްޓާޖް ސަމަރީ މި ދެނީ،" އާއިލާއިން ވާހަކަ ދެއްކި އައިމިނަތު މާމަ ދަރިއަކު ބުންޏެވެ.
ޑިސްޓާޖް ސަމަރީގައި އެ ތަނުން ދިން އެއްވެސް ފަރުވާއެއްގެ ތަފްސީލެއް ހިމަނާފައެއް ނުވެއެވެ. އެހެން ކަމުން މާމަގެ ގަޔަށް ޖެހިކަމަށް މާމަ ބުނާ އިންޖެކްޝަންތަކުގެ ހަގީގަތެއް އާއިލާއަކަށް ނޭންގެއެވެ.
އައިމިނަތު ގެއަށް ގެންދިޔައިރުވެސް ހާލަތު ގޯހެވެ. އަދި އޭގެ ފަހުން ހާލަތު ވަރަށް ބޮޑަށް ގޯސްވިއެވެ. ކެއްސާ ހޮޑުލުން އިތުުރުވިއެވެ. ހުން ގަދަވިއެވެ. އެހެން ކަމުން އެޗްޕީއޭއަށް އެކަން ރިޕޯޓްކުރިއެވެ. އިތުރު ޓެސްޓްތަކެއް ހެދުމަށް އެޗްޕީއޭގެ އޮފިޝަލަކު އޭގެ އަނެއް ދުވަހު އެ ގެއަށް އައެވެ. އަދި ނަތީޖާ ލިބުމުން އެ ރިޕޯޓްތައް އެޗްޕީއޭއާއި ހިއްސާކުރިއެވެ. އެޗްޕީއޭއިން އެދުނީ ވަގުތުން ހޮސްޕިޓަލަށް އައުމަށެވެ.
"އެންގި އެމްބިއުލާންސްގައި އަންނަން. އެހެންވެ އެމްބިއުލާންސްގައި އައީވެސް. އައުމާއެކު އަނެއްކާވެސް ޓެސްޓްތަކެއް ހަދަން ޖެހޭ ކަމަށް ބުނީ،"
ޓެސްޓްތަކަށް ފަހު ހޮސްޕިޓަލުން ދޫކޮށްލިއެވެ. ނަމަވެސް ރިޕޯޓްތައް ދެއްކުމުން އަނެއްކާވެސް އެންގީ އައިމިނަތު އެޑްމިޓް ކުރާށެވެ. އަދި އަލުން ކޮވިޑަށް ޓެސްޓްކުރިއެވެ. މިއީ އާއިލާއިން ސުވާލު އުފައްދާ ކަމެކެވެ.
އެޗްޕީއޭގެ އުސޫލު އޮންނަ ގޮތުން ކޮވިޑް ބަލީގެ މީހަކު 14 ދުވަސް ފަހުން ޓެސްޓެއް ނުކުރެއެވެ. އެއީ އެ މުއްދަތުގެ ފަހުންވެސް ދުވަސްތަކެއް ވަންދެން އެ މީހެއްގެ ސާމްޕަލް ޕޮޒިޓިވް ކަމަށް ދައްކާތީއެވެ.
"އަނެއް ދުވަހު މެންދުރު ކުރިން ނަތީޖާ ލިބުނުއިރު ޕޮޒިޓިވް ކަމަށް ވަނީ،"
އަނެއްކާވެސް އައިމިނަތު ފެސިލިޓީއަށް ގެންދަން އެޗްޕީއޭއިން އެންގިއެވެ. ނަމަވެސް ކުރިން ފެސިލިޓީން ދޫކޮށްލިއިރު ކަންކަން ދިމާވި ގޮތުން އައިމިނަތު ވަރަށް ބިރުގަތެވެ. އަދި ފެސިލިޓީއަށް ދާން ދެކޮޅު ހަދާ ވަރަށް ރޮއި ހެދިއެވެ.
"މާމަ ހުރީ ކުރިން ޑިސްޗާޖު ކުރި ގޮތުން ވަރަށް ބިރުގެންފައި. ކަންކަން ހިނގާދިޔަ ގޮތުން. ނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން އެ ތަނުގައި ނަރުހުންނާއި ޑޮކްޓަރުން އަމަލު ކުރި ގޮތް ރަނގަޅުކަން،"
ދެވަނަ ފަހަރަށް އައިމިނަތު ފެސިލިޓީގައި އެޑްމިޓް ކުރީ އޭނާގެ މާމަ ދަރިއަކަށް ކައިރީގައި ހުރެވޭނެ އިންތިޒާމު ހަމަޖެހުމުންނެވެ. އޭގެ ފަހުން ކޮވިޑްގެ 20 ޕޭޝަންޓުންނާއެކު އައިމިނަތު އޮތީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ.
ނަމަވެސް އިހަކަށް ރޭ އައިމިނަތުގެ ހާލަތު އިތުރަށް ގޯސްވިއެވެ. އަދި އައިސީޔޫގައި ފަރުވާ ދޭން ފެށިއެވެ. މިވަގުތު އައިމިނަތުގެ ހާލަތު ވަރަށް ދަށެވެ. އޮކްސިޖަން ލެވެލް ދަށްވެ، ގުނަވަންތަކުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.
އާއިލާއިން ދެކޭ ގޮތުގައި މި މަހުގެ ހަތަރުވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވް ކަމަށް ނިންމާ އައިމިނަތު ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ގެނައިއިރު ބައްޔެއް ނުޖެހެއެވެ. ކޮވިޑް ޖެހިފައިވަނީ ފެސިލިޓީގެ ތެރެއިން ކަމަށް އާއިލާއިން ދެކެއެވެ.
"އަޅުގަނޑުމެން މި ގަބޫލުކުރަނީ މާމަ ފެސިލިޓީއަށް ގެނައި ފަހުންނޭ ޕޮޒިޓިވްވީ،"
އަދި އުމުރުން އެހާ ދުވަސްވީ މީހަކު ޑިސްޗާޖު ކުރުމުގައި އެޗްޕީއޭއިން އަމަލުކުރި ގޮތާމެދުއެވެ. އޭގެ ފަހުން ދެ ފަހަރަށް ކޮވިޑަށް ޓެސްޓްކޮށް ދެ ފަހަރަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނުމެވެ. މިއީ އެޗްޕީއޭއިން ދައްކާ ވާހަކަތަކަށް ބަލާއިރު ދެކޮޅު ނުޖެހޭ ވާހަކަތަކެވެ. އެ ސުވާލުތަކަށް އާއިލާއިން ޖަވާބު ބޭނުންވެއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ކަންކަން ރަނގަޅުވާން. އެއްވެސް ހާލެއްގައި މި ބުނަނީ މި ތަނުގެ [ހުޅުމާލެ މެޑިކަލް ފެސިލިޓީ] ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލެއްގެ ވާހަކައެއް ނޫން. އެ މީހުން ވަރަށް ރަނގަޅު. ވަރަށް އޯގާތެރި. މިއީ މެނޭޖު ކުުރުމުގެ މައްސަލައެއް. އިހުމާލު މި އަންނަނީ ކަމާބެހޭ އިދާރާތަކުން. އެކަންކަން ރަނގަޅުވާން އެދޭތީ ދެވަނަ މީހަަކަށް މި ގޮތަށް ކަންކަން ވާން ނޭންދޭތީ މި ވާހަކަ ދައްކަން ބޭނުންވަނީ،" އައިމިނަތު އާއެކު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހުރި އޭނާގެ ދަރިފުޅު އަވަސްއާ ވާހަކަ ދައްކަމުން ބުންޏެވެ.