ލައިފްސްޓައިލް

ދުވާލު އެއްގަޑިއިރަށް ވުރެ ގިނައިން ނިދުމުން ހިތަށް ގެއްލުންވޭ!

ދުވާލުގެ ކޮންމެވެސް ގަޑިއެއްގައި ނިދާލަން ބޭނުންވޭ ހެއްޔެވެ؟ ވަރަށް މަދު މީހަކު ނޫނީ ނިދާލަން ބޭނުންވާނެ ކަން ޔަގީނެވެ. ނަމަވެސް މިހާރު ސައިންސްވެރިން ބުނަނީ ދުވާލު ނިދުމަކީ އަހަރެމެން ހީކުރާހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ޕަވަ ނެޕެއް ނެގުމަކީ ބިޒީކޮށް މަސައްކަތްކުރާ މީހުންނަށް ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ދުވަހަކުގެ ބާކީ އޮތްބައިގައި ނިދި ނައިސް ހަމަޖެހިލައިގެން އިނދެ މަސައްކަތް ކުރުމަށްޓަކައި މި ޕަވަ ނެޕް މުހިއްމު މީހުން އުޅެ އެވެ. އެގޮތުން ގަޑިއެއްހާއިރަށް ވުރެ މަދުން ނިދާލުމުގައި މައްސަލައެއް ނެތް ކަމަށް ސައިންސްވެރިން މިހާރު ވެސް އެއްބަސް ވެއެވެ. ނަމަވެސް ޕަވަ ނެޕް ނަގާއިރު ގަޑިއިރަކަށް ވުރެ ގިނައިރު ނިދުމަކީ ހިތުގެ ބަލިތަކުގެ ނުރައްކާ އިތުރުވެގެންދާ ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.

މީގެ ކުރިން ސައިންސްވެރިން ބުނެފައިވާ ވާހަކަތަކާއި މިހާރު ދައްކާ ވާހަކަ ތަކުގައި ކޮންމެވެސް ވަރެއްގެ ފުށުއެރުމެއް އެބަ ވެއެވެ. ކުރިން ބުނެފައިވަނީ ދުވާލު ނިދުމުން ހިތުގެ ހާލަތު ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ނިދަން ޖެހޭނީ ކިހާ އިރަކު ކަމެއް ކުރިން ބުނެފައެއް ނެތެވެ. އަދި ރޭގަނޑުގެ ވަގުތުގައި ކިހާ ވަގުތަކު ނިދަން ޖެހޭނެ ކަމެއް ވެސް ހާމަކޮށްފައެއް ނެތެވެ.

އީއެސްސީ ކޮންގްރެސް 2020 ދި ޑިޖިޓަލް އެކްސްޕީރިއަންސްގައި ހުށަހެޅި ފަހުގެ ދިރާސާއެއް ބުނާ ގޮތުން ދުވާލު ގަޑީގައި ނިދުމާއި ހިތުގެ މައްސަލަތައް އަދި އެކި ސަބަބު ތަކާ ހެދި މަރުވުމުގެ މައްސަލަތަކާ ކޮންމެވެސް ކަހަލަ ގުޅުންތަކެއް އެބަހުއްޓެވެ.
މިފަހަރުގެ ދިރާސާ ރިޕޯޓު ތައްޔާރުކުރީ 3،13،615 މީހުން ބައިވެރިކޮށްގެން ހަދާފައިވާ ތަފާތު 20 ދިރާސާއެއްގެ މައްޗަށެވެ. މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ދިރާސާގެ ބައިވެރިންގެ ތެރެއިން 39 ޕަސެންޓް މީހުންނަކީ ދުވާލު ގަޑީގައި އާދަކޮށް ނިދާ ބައެކެވެ.

ޗައިނާގެ ގުއަންގްޒޫ މެޑިކަލް ޔުނިވަސިޓީގެ ޑރ. ޒީ ޕަން އަކީ މި ދިރާސާ ރިޕޯޓު ތައްޔާރުކުރުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ސައިންސްވެރިއެކެވެ. އޭނާ ވިދާޅުވި ގޮތުގައި ދުވާލު ނިދުމަކީ ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. އަދި އެއީ ސިއްހަތަށް ފައިދާ ހުރި އާދައެއްގެ ގޮތުގައި ބެލެވިފައި ވެއެވެ. އަދި ނިދާލުމުން އެ މީހަކު އެ ދުވަހަކު ކުރަން ޖެހޭ ކަންތައްތައް މާ ބަރާބަރަށް ކުރެވޭ ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮވެ އެވެ.

ޑރ. ޕަން ވިދާޅުވި ގޮތުގައި ދުވާލު ނިދިޔަސް ނިދަން ޖެހޭނީ 60 މިނިޓަށް ވުރެ މަދު ވަގުތު ކޮޅަކު އެވެ. އެއަށް ވުރެ ގިނައިރު ނިދާނަމަ އެމީހަކަށް ހިތުގެ ތަފާތު މައްސަލަތަކުގެ ނުރައްކާ ބޮޑުވާ މިންވަރު 34 ޕަސެންޓަށް ވުރެ މަތިވެ އެވެ.

މި ދިރާސާގައި ރޭގަނޑު މީހުން ނިދާ ވަގުތު ވެސް ބަލާފައި ވެއެވެ. ރޭގަނޑު ހަ ގަޑިއިރަށް ވުރެ ގިނައިން ނިދާ މީހުންނަށް ހިތުގެ މައްސަލަތައް ޖެހޭލެއް މަދުކަމަށާއި އެނޫން ތަފާތު ސިއްހީ މައްސަލަތައް ވެސް ޖެހޭލެއް މަދުކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ.
ޚާއްސަކޮށް އަންހެނުން ދުވާލު ގަޑިއެއްގެ އިރަށް ވުރެ ގިނައިން ނިދުން ރަނގަޅު ނޫން ކަމަށާއި ދުވާލު ގިނައިރު ނިދާ އަންހެނުން ނިދީގައި މަރުވާ މިންވަރު ނުނިދާ މީހުންނަށް ވުރެ 22 ޕަސެންޓް އިތުރުކަމަށް ސައިންސްވެރިން ބުނެ އެވެ.

އުމުރުން ދުވަސްވީ މީހުން ވެސް ދުވާލު މާ ގިނައިރު ނިދާނަމަ މި މައްސަލަތައް އިތުރުވާކަން ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
ފަސްދޮޅަސް މިނިޓަށް ވުރެ މަދު ވަގުތުކޮޅަކު ދުވާލު ގަޑީގައި ނިދާލުން މައްސަލައަކަށް ނުވާކަމަށް ރިޕޯޓުގައި ވެއެވެ. ޚާއްސަކޮށް ހިތުގެ މައްސަލަތަކަށް މިހާ ކުޑަ ވަގުތުކޮޅަކު ނިދާލައިގެން އިތުރު ނުރައްކަލެއް ކުރިމަތި ނުވާ ކަމަށް ވެއެވެ.

ޑރ. ޕެން ވިދާޅުވީ ރޭގަނޑު ރަނގަޅަށް ނުނިދޭ މީހުން ދުވާލު ކުޑަކޮށް (މިސާލަކަށް ދުވާލަކު 30 މިނިޓް ނުވަތަ 45 މިނެޓެއް ހާއިރު) ނިދާލުމަކީ ހިތުގެ ހާލަތު ރަނގަޅު ކޮށްދޭނެ ކަމެއް ކަމަށް އެ ބޭފުޅުންގެ ދިރާސާއިން ވަނީ ހާމަވެފަ އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި ދުވާލު ނިދުމުން ހަގީގަތުގައި ހަށިގަނޑަށް ލިބޭ ގެއްލުންތައް އަދިވެސް ރަނގަޅަށް ބެލިފައެއް ނެތެވެ. ނަމަވެސް ދިރާސާތަކުން އެނގޭ ގޮތުގައި ދުވާލު ގަޑީގައި މާ ގިނައިރު ނިދާފައި އޮތުމުން ހަށީގަނޑު އިންފްލެމޭޝަން އުފެދޭލެއް މާ ބޮޑަށް އިތުރުވާތީ ހިތުގެ މައްސަލަތަކުގެ ނުރައްކާ އިތުރު ވަނީ އެވެ.