ޖެހިޖެހިގެން ހަތް އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައިވާ ޕޮލިސް ކްލަބް އަތުން 3-1 ސެޓުން މޮޅުވެ، ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނައިފަރު ޖުވެނައިލް ރޭ ހޯދައިފި އެވެ.
ޖުވެނައިލް އިން ގައުމީ ވޮލީބޯޅަ މުބާރާތުގައި ޕޮލިހުން ކުރަމުންދިޔަ ރަނިކަން ނިންމާލީ، ހަތަރު ވަނަ ސެޓު 25-19 އިން ކާމިޔާބުކޮށްގެނެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖުވެނައިލް އަށް ތަށި ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ސްރީލަންކާގެ ހުނަރުވެރި ކުޅުންތެރިއާ ވަސާނާ މަދުމަލް އެވެ.
މި މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ޖުވެނއިލްގެ އައިޝަތު ޝިލްފާ އާއި އައިމިނަތު އަރީޝާ އާއި ފަރަހާޒް މުހައްމަދު ނައީމާއި ޕޮލިސް ކްލަބުގެ ފާތިމަތު ޒީނިޔާ މޫސާ އާޢި ހަދީޖާ އިބްރާހިމް އަދި ހައްވާ ރާޝިދާ އަދި ހައްވާ ޝިފާނާޒް އެވެ. ޑްރީމް ޓީމުގެ ކޯޗަކަށް ހޮވުނީ ޖުވެނައިލްގެ ކޯޗު މުހައްމަދު ފައިސަލް އެވެ.
މި މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޖުވެނައިލްގެ އަރީޝާ ހޮވުނުއިރު، އެ އުމުރު ފުރައިގެ އެނއްމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އިމިގްރޭޝަންގެ ފާތިމަތު ޖޫޒަން އެވެ.
މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ޕޮލިސް ކްލަބެވެ. ތިން ވަނަ ޓީމަކީ އިމިގްރޭޝަނެވެ.