ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް ޕްރޮގްރެސިވް ކޯލިޝަންގެ ޒުވާނުން އިސްނައިގެން ސައިކަލު ބުރެއް ބާއްވައިފި އެވެ.
ޕީޕީއެމްގެ އޮފީސް ކުރިމަތީ ހަވީރު 4 ޖެހިއިރު ފެށި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ. އަދި ޕީޕީއެމް އާއި ޕީއެންސީގެ އިސް ބައެއް ބޭފުޅުންވެސް ސައިކަލް ބުރުގައި ބައިވެރިވެފައިވެއެވެ.
އެގޮން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ޕީޕީއެމްގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު އަދި ޕީއެންސީގެ ނާއިބް ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި ޕީޕީއެމް އާއި ޕީއެންސީގެ ކައުންސިލް މެންބަރުންނާއި އެ ދެ ޕާޓީގެ ޒުވާނުންގެ ކައުންސިލްގެ ގިނަ މެންބަރުން ބައިވެރިވިއެވެ.
މި ސައިކަލް ބުރަކީ އުމުގެ ހަރު މުދާ ވިއްކުމާއި ދެކޮޅަށާއި ސައިކަލް ޖޫރިމަނާ އަދި ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭން ވައުދުވީ ކަންކަން ކޮށްދީފައިނުވާތީ އެކަމާއި ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި ހަރަކާތެވެ.
ޕީޕީއެމްގެ ދިދަ ތަކާއެކު ކުރިއަށް ގެންދިޔަ ސައިކަލް ބުރު ފުރަަތަމަ ކުރިއަށް ގެންދިޔައީ މާލޭގެ ބޮޑުތަކުރުފާނު މަގުގައެވެ.
އިދިކޮޅު ކޯލިޝަނުން އަންގާރަ ދުވަހު ވަނީ މާފުށީ ބޭރު ކަނޑުމަތީވެސް މުޒާހަރާއެއް ކޮށްފައެވެ.
އަދި މިއަދު ރާއްޖޭގެ ގިނަ ރަށްތަކެއްގައިވެސް ވަނީ މުޒާހަރާ ކޮށްފައެވެ.
ސައިކަލް ބުރު ކުރިއަށްދިޔައިރު ފުލުހުން އެ ސައިކަލް ބުރަށް އެއްވެސް ވަރަކަށް ހުރަސް އަޅާފައެއް ނުވެއެވެ.
އިހުތިޖާޖުގެ ބައިވެރިން ވަނީ މާލެ ވަށާ ބޮޑުތަކުރުފާނު މަގުން ސައިކަލް ބުރު ކުރިއަށް ގެންގޮސް، މަޖީދީމަގުންވެސް ކުރިއަށް ގެންގޮސްފައެވެ.
އޭގެ ފަހުން ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ޕީޕީއެމްގެ އޮފީސް ދޮށައް ވަނީ އެއްވެފައެވެ. ސައިކަލް ބުރު ނިންމާލުމަށްފަހު ޕީޕީއެމްގެ އޮފީސް ކުރިމަތީ ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ވާހަކަ ދައްކަވާފައެވެ.