ލައިފްސްޓައިލް

ހެދުންތައް އަލުން ބަލުން "ތުރިފްްޓިން" އަށް

ތުރިފްޓް ކުރުމަކީ ނުވަތަ ތުރިފްޓިން ވައިގައި ހިފައިގެން އުޅުނު ނަމަވެސް މީގެ އެތައް އަހަރެއް ކުރިން ވެސް މިކަން އައީ ފާޑަކަށް ކުރަމުންނެވެ. ރާއްޖޭގައި ތުރިފްޓު ޝޮޕާއި ތުރިފްްޓު ކްލޯތްސްގެ ބޮޑު މާކެޓެއް ފެންނަން ނެތަސް މީގެ ބޮޑު މާކެޓެއް ސޯޝަލް މީޑިއާގައި މިހާރު އެބަ އޮތެވެ. ހާއްސަކޮށް ލޮކްޑައުންގެ ތެރޭގައި މިއީ ހިނގާ އެންމެ ޓްރެންޑްވީ އެއް ކަމެވެ.

ތުރިފްްޓިން އަަކީ، ބޭނުންކޮށްފައި ހުންނަ ތަކެތި، ޑިސްކައުންޓަކާއެކު ވިއްކުމެވެ. މިހެން ވިއްކާއިރު ވިއްކަނީ ވަރަށް ހެޔޮ އަގެއްގަ އެވެ. އަަސްލު އަގުގެ ކުޑަ އަގެއް ޖެހޭ ގޮތަށެވެ. ބޭނުމަކީ ކުރިން ބޭނުންކޮށްފައި ހުރި އެއްޗެއް އެހެން މީހަކަށް ހެޔޮ އަަގުގައި ދީ އަނެއްކާ ވެސް އޭގެ ބޭނުން އެހެން މީހަކު ކުރުމެވެ.

މީގެ ކުރިން، ސްްކޫލްތަކާއި އެކި ފަންޑް ރެއިސިން އިވެންޓުތަކުގައި ހުންނަ "ޖަމްބަލް ސޭލް" ހަނދާންވޭ ހެއްޔެވެ؟ ޖަމްބަލް ސޭލްގައި ވެސް ކުރަނީ މިކަމެވެ. ސޭލް އަަށް ރެޑީވާއިރު އެކި މީހުން ބޭނުންކޮށްފައި ހުރި ހެދުމާއި އެހެނިހެން ތަކެތި ގެނެސް އެއްކޮށް ހެޔޮ އަގެއްގައި ވިއްކާލަނީ އެވެ. ހެދުމާއި ހަރުވާޅާއި ޖިންސާއި ޓޮޕާއި ބޫޓާއި ފައިވާނުވެސް މެ އެވެ. އަންނައުނަކީ އެންމެ ގިނަ ބަޔަކު ގަންނަ އެއްޗެވެ.

ރާއްޖެއަށް ވެސް ތުރިފްްޓު އެނގި އެކަން ޓްރެންޑްވާން ފެށީ ލޮކްޑައުން ތެރޭގަ އެވެ. ކޮވިޑް-19 އާ ގުޅިގެން އެންމެން ގޭބަންދަކަށް ދާން ޖެހުނު އިރު، އެކި މީހުން ދިޔައީ ތަފާތު ކަންކަން ކުރަަމުންނެވެ. މީގެ ކުރިން ކުރަން ބޭނުންވެފައި ހުރި އެކަމަކު ވަގުތު ނުލިބޭތީ ނުކުރެވޭ ކަންކަން ލޮކްޑައުންތެރޭ ކުރި އެވެ. ބައެއް މީހުން އެމީހުންގެ އަަލަމާރި ސާފުކޮށް ހެދުމާއި ޖިންސާއި އެކި ކަހަލަ ބޭނުުން ނުކުރާ ސާމާނު ނަގައި ވިއްކަން ޖެހި އެވެ. ހެދުމެއް 30 ރުފިޔާ އަށް ޖިންސެއް 20 ރުފިޔާ އަށް ޖަހައި އެހެން މީހަކަށް އޭގެ ބޭނުން ހިފޭނެހެން ވިއްކާލީ އެވެ. އަލަމާރި ވެސް ސާފުވެ ޖީބަށް ވެސް އެއްޗެއް ލިބުނީ އެވެ.

މިހާރު ސޯޝަލް މީޑިއާގައި އޮތީ ބޮޑު ތުރިފްޓު ކޮމިއުނިޓީއެއް ހެދިފަ އެވެ. "ތުރިފްޓިން އެމްވީ" އާއި "ޝޮޕް މައި ކްލޯތްސް" އާއި "ޕްރީލަވްޑް" ފަދަ ނަންނަން ބޭނުންކޮށް 50 އަށްވުރެ ގިނަ ޕޭޖު ހަދައިފި އެވެ. އެއްފަހަރު ނޫނީ ދެފަހަރު ބޭނުންކޮށް ލައިފައި ހުންނަ އެއްޗެހި އެކި އަގަށް ވިއްކާލަނީ އެވެ.

މި މަސައްކަތް މިހާރު ކުރާ، "ޕްރީލަވްޑް މޯލްޑިވްސް" ޕޭޖުން ބޭނުންވަނީ އެންމެ ކަމެއް ހުއްޓުވާށެވެ. އަހަރުމެންގެ ތެރޭގައި އޮންނަ "އޯވާ ޝޮޕިން" ހުއްޓުވައި އަންނައުނަށް ކުރަމުންދާ ހޭދަ މަދު ކުރުމެވެ. ދުނިޔޭގައި ދެވަނަ އަށް އެންމެ ކުނި އުފައްދަނީ ފެޝަން އިންޑަސްޓްރީއަށް ވާއިރު މިއީ އީކޯ ފްރެންޑްލީ ކޮންސެޕްޓް އެއްކަމާއި މިކަމުން ކުނި މަދު ކުރުން ހުއްޓުވޭނެ ކަމަށް އެ ޕޭޖު ހިންގާ ޒުވާނާ ބުންޏެވެ.

ގިނަ ބަޔަކަށް މި ކޮންސެޕްޓް ކަމުގޮސްފި އެވެ. ސެކަންޑް ހޭންޑް ކްލޯތްސް ބޭނުން ކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫން ކަމަށާއި މިއީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް ކުރަަމުން އަންނަ ކަމެއް ކަން ބުނެ، ރާއްޖެ އިންވެސް މިކަމަށް މިހާރު ތައްޔާރެވެ.

މި ލޮކްޑައުންތެރޭ ހެދުން ވިއްކަން ފެށި މީހެއް ބުނި ގޮތުގައި، އޭނާގެ ޕޭޖަށް ވިއްކަންލާ އެއްޗެހި ވިކެން ހަފްތާ އެއްވެސް ނުނަގަ އެވެ. އެހެން މީހުންގެ ހެދުންވެސް ވިއްކާއިރު މިހާރު ބޭނުންވަނީ ފިހާރަ އެއް ހުޅުވައި ރާއްޖޭގެ ފުރަތަމަ "ތުރިފްޓް ސްޓޯ" އަށް ހަދާށެވެ.

"އެންމެ ފުރަތަމަ ވިއްކަން ފެށީ އަމިއްލަ ހެދުން، އެކި ފަހަރު ގަަނެފައި ހުރި ހެދުމާއި ޓޮޕް ކަހަލަ އެއްޗެހި. ޕާޓީ ޑްރެސްވެސް ހުންނާނެ ހަމަ އެކަނި ޕާޓީ އަށް ދާން ލައިފައި ދެން ބޭނުންވެސް ނުކޮށް. އެކަހަލަ އެއްޗެހި ވިއްކަން ޖަހާލީމައި ގަނޭ ހަމަަ. ވިއްކާއިރު ވަރަށް ބަލަން ޖެހޭ އެ ހެދުމަކީ ހަޑި ނުވެ ހަލާކު ނުވެ ހުރި އެއްޗެއްތޯ. އެހެން މީހަކަށް ލާން ކެރޭ ވަރުގެ އެއްޗެއްތޯ. ދޮވެ އިސްތިރިވެސް ކޮށްފައި ވިއްކަނީ"

ގިނަ ޒުވާނުން ދަނީ ތުރިފްޓިން އަށް މަރުހަބާ ކިޔަމުންނެވެ. އަދި މި މެސެޖުވެސް އެހެން މީހުންނަށް ދަނީ ފޯރުކޮށްދެމުންނެވެ.