މާލޭގެ ހެންވޭރުގައި ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާއާއި ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ބޭނުން ވެގެން އެްވެސް ފަރާތަކުން އެދިފައި ނުވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އިންޑިއާ ބޭންކް އެސްބީއައި އާއި މުއާސަލާތީ ކުންފުނި އުރީދޫގެ އޮފީސް ފަދަ ގިނަ އޮފީސްތަކެއް ހުންނަ ގަދަގޭ މުހައްދުފުޅު ބިލްޑިންގާއި އިތުރު އެހެން ދެ ބުރި އިމާރާތެއްގައި ރޭ ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާއި އެ ދެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
މި ހާދިސާ އާއި ގުޅިގެން އެ ސަރަހައްދުގައި ހުރި އެހެން އިމާރާތްތަކުން ވެސް ރޭ މީހުން ހުސްކޮށް ވަގުތީ ހިޔާވަހިކަން ދޭންޖެހޭ މީހުންނަށް ކަލާފާނު ސްކޫލް ވަނީ ތައްޔާރު ކޮށްފައި ވެއެވެ. އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު އެ އޮތޯރިޓިން ވަނީ ރޭ ދަންވަރުން ފެށިގެން ހޯދާފަ އެވެ.
އެންޑީއެމްއޭގެ ޗީފް އެކްޒެކްޓިވް ހިސާން ހަސަން އަވަސް އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ރޭގެ އަލިފާނާ ގުޅިގެން އެއްވެސް މީހަކު ބޯހިޔާވަހިކަމަށް އަދި އެދިފައި ނުވާ ކަމަށެވެ. އަދި އަލިފާން ނިއްވާލުމުން މީހުން ދިރިއުޅޭ އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު އެ އިމާރާތްތަކަށް މީހުން އަލުން ބަދަލުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއްވެސް މީހަކު ނެތް އަދި އެހީތެރިކަމަށް އެދިފައެއް. އަލިފާން ނިއްވާލުމާއެކު އެބައެއްގެ އިމާރާތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު އެ އެންމެން ވެސް ވަނީ ގެތަޖކަށް ވަދެފައި" އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް ރޭ 9:30 އެހާކަންހާއިރު ފުރަަތަމަ އަލިފާން ރޯވީ ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗާ ދިމާއަށް ވާގޮތަށް ހުންނަ "ކެފޭ ޓިއޯލޯ" ހިންގަމުން އައި ދެ ބުރި އިމާރާތުގަ އެވެ. އެ އަލިފާން ނިއްވާ ނުލެވި މުޅިތަން އަނދާ ހުލިވަމުން ދަނިކޮށް ޖެހިގެން ހުންނަ އެސްބީއައި، އާއި މުއާސަލާތީ ކުންފުނި އުރީދޫގެ އޮފީސް ހިންގާ، 12 ބުރީގެ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގުގެ އެން މަތީ ބުރިއާއި ޓެރަހުގައި އަލިފާން ރޯވެ ގެއްލުންތައްވީ އެވެ.
ގިނަ އަދަދެއްގެ ފަޔާމަނުންނާއި ފަޔާ ލޯރިތައް ބޭނުންކޮށް އަލިފާން ނިއްވާލެވުނީ ދަންވަރު 12:00 ޖަހައި ބޮޑުވި ފަހުންނެވެ. މި ބޮޑު އަލިފާނުގައި މީހަކަށް ގެއްލުމެއް ނުވެއެވެ. އެކަމަކު މާލީ ގެއްލުން މިލިއަނުން ގުނޭނެ އެވެ.