ހަބަރު

އަލިފާނުގައި އުރީދޫއާއި އެސްބީއައި އަށް ބޮޑު ގެއްލުމެއް

"ކެފޭ ޓިއޯލޯ" ހިނގި އަލިފާނުގެ ހާދިސާއާއެކު އިން ވެގެން ހުރި، ގަދަގޭ މުހައްމަދުފުޅު ބިލްޑިންގުގައި ހިންގާ އުރީދޫ އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ އޮފީހަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އުރީދޫ މޯލްޑިވްސްގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު އަވަސް އަށް މިއަދު ވިދާޅުވީ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އޮފީހަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވާ ކަމަށެވެ.

"ވަރަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވޭ. ބައެއް ސިސްޓަމްތައް އެކީ ވިރިގެން ގޮސްފައި ހުރީ. މުޅި ބިލްޑިންއަކީ ސެންޓްރަލް އެއާކޮންޑިޝަން ސިސްޓަމް ހުރި ތަނެއް. އެއާކޯންތައް ވެސް އެއްކޮށް ވަނީ ހަލާކުވެގެން ގޮސްފައި،" ނިޔާޒު ވިދާޅުވި އެވެ.

އަލިފާނުގައި އުރީދޫ މޯލްޑިވްސް އަށް ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް އެ ކުންފުނިން އަދި ނުބުނެ އެވެ. މި ހާދިސާގައި އ އިމާރާތުގައި ހިންގާ، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ.

އެސްބީއައިގެ އެސިޑެންޓް މެނޭޖަރު އިސްމާއިލް ލަތީފު (ޖީކޭ) އަވަސް އަށް މިއަދު ވިދާޅުވި ގޮތުގައި ވައި ގޮޅި ތަކުން އަލިފާން އެ އޮފީހަށް ވެދައި ހުރުމުން ބޮޑެތި ގެއްލުން ތަކެއް ވެފައިވާ ކަމަށެވެ.

"ލިބުނު ގެއްލުންތަކުގެ ސީދާ ތަފުސީލެއް ދޭން އަދި ދަތި. އެކަމަކު މިހާރު ފެނުނު ހިސާބުން ވެސް ބުނެވޭނީ ބޮޑެތި ގެއްލުން ތަކެއް ވެފައޭ ހުރީ. އެއްވެސް ކޮމްޕިއުޓަރެއް މޭޒު މަތީގައި ބަހައްޓާފަ ހުރި އެއްވެސް އެއްޗެއް ސަލާމަތްވެފައި ހުރި ކަމަށް ނުބެލެވޭ،" ލަތީފު ވިދާޅުވި އެވެ.

އޮޕަރޭޝަނަށް ބުރުލެއް ނާރާނެ

އަލިފާނުގެ ހާދިސާގައި ގެއްލުންވި ގަދަގޭ މުހައްމަދުފުޅު ބިލްޑިންގެ ފަސް ބުރިއެއްގައި އެސްބީއައި އޮފީސްތައް ހިނގަ އެވެ. އަދި ގްރައުންޑް ފްލޯ އާއި ފުރަތަމަ ބުރީގައި ހިނގަނީ އެ ބޭންކުން އާއްމުންނަށް ހިދުމަތް ދޭ ބައިތަކެވެ.

ޖީކޭ ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް ހިދުމަތް ތަކަށް ބުރޫ އެރިއަ ނުދޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މި ބަލަނީ ސާފުކޮށްލައިގެން އާދިއްތަ ދުވަހު ހިދުމަތް ފެށޭ ތޯ. އެންމެ ތިރީގައި އާއްމުންނަށް ހިދުމަތްދޭ ބައިގައި ފެނާއި ލޮނު ވަރަށް ގިނައިން އެބަހުރި. އެ ބައި ސާފުކޮށްލައިގެން ހިދުމަތް ދޭން މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.

އުރީދޫން ވާހަކަ ދެއްކެވި، ނިޔާޒު ވިދާޅުވީ އަލިފާނުގެ ބޮޑު ހާދިސާއެއްވހިނގި ނަމަވެސް އެ ކުންފުނީގެ އެއްވެސް އޮޕަރޭޝަނަށް ބުރޫއެއް ނާރާނެ ކަމަށެވެ

"އަޅުގަނޑުމެން މާޗް މަހުން ފެށިގެން ވޯކް ފްރޮމް ހޯމްގައި މަސައްކަތް ކުރަނީ. އެހެންވެ އެއްވެސް ވަރަކަށް މަސައްކަތް ތަކަށް ބުރުލެއް ނާރާ ކުރިއަށް ދާނެ. އަޅުގަނޑުމެން މަސައްކަތް ކުރަނީ ކްލައުޑްގައި،" ނިޔާޒު ވިދާޅުވި އެވ.

ރޭ އަލިފާން ރޯވެފައިވަނީ 9:30 އެހާކަން ހާއިރު އެވެ. ފުރަަތަމަ އަލިފާން ރޯވީ ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗާ ދިމާ އަށް ވާގޮތަށް ހުންނަ "ކެފޭ ޓިއޯލޯ" ގެ ނަމުގައި ކެފޭއެއް ހިންގަމުން އައި ދެ ބުރި އިމާރާތުގަ އެވެ. އެ ވަގުތަކީ ރޭގަނޑުގެ ކާފިއު ފެށޭތީ ކޭފޭތައް ބަންދު ކުރަމުން ދިޔަ ގަޑި އެވެ. އެތާނގައި ހިފި އަލިފާން ނިއްވާ ނުލެވި މުޅިތަން އަނދާ ހުލިވަމުން ދަނިކޮށް އެ އިމާރާތާ ޖެހިގެން ހުންނަ އިންޑިއާ ބޭންކު، އެސްބީއައި، އާއި މުއާސަލާތީ ކުންފުނި އުރީދޫގެ އޮފީހާއި އެފަދަ ބޮޑެތި އެހެން ކުންފުނިތަކުގެ އޮފީސްތައް ހިންގާ، ގަދަގޭ މުހައްމަދުފުޅު ބިލްޑިންގުގެ އެން މަތީ ބުރި އާއި ޓެރަހުގައި އަލިފާން ރޯ ގެއްލުންތައް ވެފައި ވެ އެވެ. އަލިފާން ގަނޑު ނިއްވާލެވުނީ 12:00 އެހާއިރު އެވެ.