ލައިފްސްޓައިލް

މީހުން ދިރިނޫޅޭ އެޕާޓްމަންޓަކުން ވެސް ކޮރޯނާ ފެނިއްޖެ

ޗައިނާގެ ގުއަންޒާއޮގައި ހުރި ހުސް އެޕާޓްމަންޓެއްގެ ފާޚާނާ އަކުން ކޮރޯނާވައިރަސް ފެނިފައިވާ ކަމަށް އެ ގައުމުގައި ހެދި ދިރާސާ އަކުން ދައްކައިފި އެވެ.

މި ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ވައިރަސް އެ އެޕާޓްމަންޓުގެ ފާޚާނާއަށް އެރީ އެ އެޕާޓްމަންޓު ހުންނަ ފްލޯ އާ ޖެހިގެން ތިރިއަށް ހުރި ފްލޯގައި ދިރިއުޅޭ ބަޔަކު ހަފުތާއެއް ކުރިން ޕޮޒިޓިވް ވެފައިވާތީ އެމީހުން ފާޚާނާ ކުރުމުން ފާޚާނާ ހޮޅިން ލާފައި ކަމަށެވެ.

މި ހޯދުން ޝާއިއުކޮށްފައިވަނީ ޖާނަލް އެންވަޔަރަމަންޓަލް އިންޓަނޭޝަނަލް ގައެވެ. މިއަހަރުގެ ފެބްރުއަރީ މަހު ހޯދި މި ހޯދުމުން އެނގިފައިވާ ގޮތުގައި މީހުން ދިރިނޫޅޭތާ އެތައް ދުވަހެއް ވެފައިވާ އެޕާޓްމަންޓުގެ ފާޚާނާގެ ސިންކާއި އިސްކުރު އަދި ފެންވަރާ މާގަނޑުގެ އަތްގަނޑުގައި ވެސް ކޮރޯނާވައިރަސް ހުއްޓެވެ.

ތަންތަނުގައި ވައިރަސް ހުރޭތޯ އާއި ކިހާ ދުވަހަކު މަރުނުވެ ހުރޭތޯ ބެލުމަށް ހެދި މި އެކްސްޕެރިމެންޓުގައި ބެލި އެއް ކަމަކީ ނަޖިސް ދަތުރުކުރާ ހޮޅިން ލާފައި ވައިރަސް ދަތުރުކޮށްފާނެތޯ އެވެ. ބަލި ޖެހިފައިވާ މީހަކު ފާޚާނާ ކުރުމަށްފަހު ފްލެޝް ކޮށްލުމުން އެ ފްލެޝްކުރާ ވަގުތު ވައިގެ ތެރެއަށް އަރައިގެންދާ ތިކިތަކުގައި ވައިރަސް ހުރެ އެ އެއްޗެތި އެކި ތަންތަނަށް ދަތުރުކޮށްފާނެތޯ އާއި ދަތުރުކުރާނަމަ އެ ކުރާ ގޮތެވެ.

ފާޚާނާގައި ހުރެގެން ނޭފަތް ފޮޅުމާއި ކެއްސާފައި ކުޅު ޖެހުން އަދި މި ނޫންވެސް ގޮތްގޮތުން ވައިރަސް ފާޚާނާގައި ހުންނަން މެދުވެރިވެ އެވެ. އަދި އެހެން އެޕާޓްމަންޓުތަކާ ގުޅިފައިވާ ހޮޅިތަކުން އެ ވައިރަސް އެހެން އެޕާޓްމަންޓުތަކަށް ވެސް ދަތުރުކުރުމުގެ ފުރުސަތު އޮންނަކަން ވަނީ ހާމަވެފަ އެވެ.

ބުރިބުރިއަށް ހަދާފައި ހުންނަ ބިލްޑިންގްތަކުގައި ހުންނަ އެޕާޓްމަންޓުތަކުގައި އާންމުކޮށް ހޮޅިތައް އަޅާފައި ހުންނާނީ ހުރިހާ އެޕާޓްމަންޓަކާ ޝެއާ ކުރާ ގޮތަށެވެ. ޚާއްސަކޮށް ފާޚާނާ ފްލެޝްކުރާ ފެނާއި ފެންވަރާ ފެން ދަތުރުކުރާނީ އެއް ހޮޅިތަކަކުން ލާފަ އެވެ. އެހެންވީމާ ފަސޭހައިން މި ފަދަ ހޮޅިތަކުން ވައިރަސް ދަތުރުކޮށް އެހެން އެޕާޓްމަންޓްތަކަށް ވެސް ދިއުމުގެ ފުރުސަތު އޮންނަނީ އެވެ.

މީގެ 17 އަހަރުކުރިން ހޮންގް ކޮންގްގައި ސާސް ވައިރަސް ފެތުރުނުއިރު ވެސް މިފަދަ ކަންތައްތަކެއް ދިމާވެފައި ވެއެވެ. ސާސް އައުޓްބްރޭކެއް 2003 ގައި ފެށިގެން އައިއިރު ހޮންކޮންގްގެ އެމޯއީ ގާޑްންސް ޕްރައިވެޓް ހައުސިން އެސްޓޭޓްގައި ދިރިއުޅުނު 330 މީހަކަށް މި ވައިރަސް ޖެހިފައި ވެއެވެ. މި އެންމެންނަށް ބަލި ޖެހުނު ގޮތް ހޯދިއިރު އެނގުނީ ނަޖިސްދާ ހޮޅިތަކުގައި ހުރި މައްސަލަ ތަކަކުން ވައިރަހުގެ އަސަރު ހުރި އެޕާޓްމަންޓްތަކަކަށް ވެސް ފޯރައިގެން ދިމާވިކަމެއް ކަމަށެވެ. ކަން ދިމާވި ގޮތުން އެފަހަރު ފެތުރުނު ސާސް ވައިރަސްގައި އެ ގެތަކުގައި އުޅުނު މީހުންގެ ތެރެއިން 330 މީހުންނަށް ބަލި ޖެހުނުއިރު އޭގެން 42 މީހުން މަރުވި އެވެ.