ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

މަންމަ ބުރަކަށިމައްޗަށް ލައިގެން ޕެންޝަން ފައިސާނަގަން ބެންކަށް

ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ އެންމެންގެ ދިރިއުޅުމަށް ވެސް ވަރަށް ބޮޑެތި އުނދަގޫތައް ވަނީ ކުރިމަތިވެފަ އެވެ. ޚާއްސަކޮށް އެންމެ ފަގީރު އާއިލާތަކުގެ މީހުންނަށް މި ބަލިމަޑުކަމުގެ ސަބަބުން ވަރަށް ބޮޑެތި ތަކުލީފު އުފުލަން ވަނީ ޖެހިފަ އެވެ.

މިފަދަ މީހުންގެ ތެރޭގައި 60 އަހަރުގެ ބިފާން ބުޔާން ހިމެނެ އެވެ. ބިފާންއަށް މިހާރު ކޮންމެ މަހަކުވެސް ޖެހެނީ އޭނާގެ 105 އަހަރުވެފައިވާ މަންމަގެ ޕެންޝަން ފައިސާކޮޅު ނަގަން މަންމަ ގޮވައިގެން ބެންކަށް ދާށެވެ. އަދި އޭނާ ދިރިއުޅޭ ހިސާބަކީ އެއްވެސް ވެހިކަލަކަށް ދެވޭ ހިސާބަކަށް ނުވާތީ އޭނާއަށް މަންމަ ބުރަކަށިމަތީ ބާއްވައިގެން ހަތަރު ކިލޯ މީޓަރުގެ ދުރު ދަތުރެއް ހިނގާފައި ކުރަން ޖެހެ އެވެ.

އިންޑިޔާގެ ޖަރްކަންޑްގެ ގަރްވާ ޑީސްޓްރިކްޓްގައި އޮންނަ ރަންކާ އަވަށުގައި ދިރިއުޅޭ ބުޔާން ބުނި ގޮތުގައި މަންމަ ގޮވައިގެން ދިޔައިމަ ނޫނީ މަންމަގެ ޕެންޝަން ފައިސާކޮޅު ބެންކުން ދުލެއް ނުކުރެ އެވެ. ނަމަވެސް އެ ހާލުން މަންމަ ގޮވައިގެން އެންމެ ފަހުން ބެންކަށް ދިޔަ ފަހަރު މަންމަ ކޮވިޑް-19 އަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއެއް ހިފައިގެން ނައިމައޭ ކިޔާފައި ފައިސާކޮޅެއް ނުދިނެވެ.

އެންމެ ފަހުން އެތާ ކައިރީގައި ހުރި ކޮވިޑް-19 އަށް ޓެސްޓްކުރާ ތަނަކަށް ގޮސް މަންމަ ޓެސްޓް ކުރުވައި ނަތީޖާ ނެގެޓިވް ވުމުން ބެންކަށް ވަނުމުގެ ހުއްދަ ލިބުނު ކަމަށް އޭނާ ބުންޏެވެ.

މަންމަ ގޮވައިގެން ކޮންމެ މަހަކު ޕެންޝަން ފައިސާ ނަގަން އަންނަން ދަތިކަމުން ބުޔާން މިހާރު އެ ފައިސާ ނަގަން ދަނީ ތިން މަސް ކޮށްފަ އެވެ. ތިން މަހުން އޭނާގެ މަންމައަށް ޕެންޝަން ފައިސާގެ ގޮތުގައި ލިބެނީ 1500 ރުޕީސް އެވެ. އެއީ އެ ހިސާބުގަނޑުގައި ހަރަކާތްތެރިވާ ކޮންމެވެސް އޮގަނައިޒޭޝަނަކުން ދޭ ފައިސާ އެވެ.

މަސައްކަތު މީހެއްގެ ވަޒީފާ އަދާ ކޮށްގެން ބުޔާން އަށް ލިބޭ ފައިސާކޮޅުން އެ އާއިލާގެ ބަނޑުފުރާނަ މުއްތިވާ ވަރު ވެސް ނުވެ އެވެ. އެހެންވެ މަންމައަށް ލިބޭ ފައިސާކޮޅު ވެސް އެމީހުންނަށް ވަރަށް ބޭނުން އެއްޗަކަށް ވަނީ އެވެ.

ބުޔާން އޭނާގެ މަންމަ ބުރަކަށިމައްޗަށް ލައިގެން ދާ މަންޒަރު ފެންނަ ފޮޓޮ އާއި ވީޑީއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން އެ ހިސާބުގަނޑުގެ ޗީފް މިނިސްޓަރަށާއި ޑެޕިއުޓީ ކޮމިޝަނަރަށް މިކަން އެނގި 105 އަހަރުގެ އަންހެންމީހާ އަށް އެހީތެރިކަން ފޯރުކޮށްދޭން މިހާރު ވަނީ ނިންމާފަ އެވެ. އަދި ބެންކުގެ އޮފިޝަލުންނަށް އަންގައިގެން އަންހެންމީހާ ބެންކަށް ނުގޮސް އެންމެ ކައިރީ ހުރި ސާވިސް ޕޮއިންޓަކުން އޭނާއަށް ކޮންމެ މަހަކު ވެސް ފައިސާ ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ.

މީގެ ކުރިން އިންޑިޔާގެ އަންހެނަކު ވެސް އޭނާގެ 100 އަހަރުވީ މަންމަ އެނދެއްގައި ބާއްވައިގެން މަގުމަތީގައި އެނދު ދަމަމުން ބެންކަށް ދިޔަ މަންޒަރެއްގެ ފޮޓޯތަކެއް ވެސް ވައިރަލް ވެފައި ވެއެވެ. އެ އަންހެންމީހާ ވެސް ބުނެފައިވަނީ މަންމަ ގެނެސްގެން ނޫނީ ޕެންޝަން ފައިސާ ނުލިބޭނެކަމަށް ބެންކުން ބުނުމުން އޭނާއަށް މަންމަ ގެންދެވޭނެ އެންމެ ފަސޭހަ ގޮތަކަށް ގެންދިޔައީ ކަމަށެވެ.

މި އަންހެންމީހާ އޭނާގެ މަންމަ ގޮވައިގެން ބެންކަށް ދިޔައީ ރޯނުފުރި އެނދެއްގައި މަންމަ ބާއްވައިގެން އެނދު ދަމަމުންނެވެ.