ނަވީދު ޑުސްޓޭ 35، އަށް އިންޑިޔާގެ މަހަދު ސަރަހައްދުގައި ދިރއުޅޭ މީހުންގެ ތައުރީފާއި ޝުކުރު އޮހެމުން ދަނީ ސަބަބެއް ނެތިއެއް ނޫނެވެ. އޭނާގެ ހިތްވަރު ގަދަ ކަމާއި ފުރާނައަށް ބެލުމެއް ނެތި އެތައް ބަޔަކު ސަލާމަތް ކުރުމަށް ކޮށްދިން މަސައްކަތުގެ ސަބަބުންނެވެ. ޓާރިގް ގާޑްން ބިލްޑިންގް ވެއްޓުނު ހާދިސާގައި އެ އިމާރާތުގެ ދަށުގެ 30 ކުދިންނާއި އުމުރުން ދުވަސްވީ މީހަކު އޭނާ އެކަނިމާއެކަނި ސަލާމަތް ކޮށްދީފައި ވެއެވެ.
އެންމެ ފަހުން ޑުސްޓޭ ސަލާމަތް ކޮށްދިން އުމުރުން ދުވަސްވީ މީހާ ގޮވައިގެން ވެއްޓިފައި އިމާރާތުގެ ތެރެއިން އޭނާ ނުކުންނަނިކޮށް އެ އިމާރާތް އޭނާގެ ގައިމައްޗަށް ވެއްޓި އެތަނުން ނުކުމެވޭ ގޮތް ނުވެ ތާށިވީ އެވެ. އެ ހާލުގައި ވެސް އޭނާ ދުވަސްވީ އަންހެންމީހާ ކޮއްޕާލާ ވެއްޓުނު ކޮންކްރީޓް ގަނޑެއްގެ ދަށު ނުވެ ސަލާމަތް ކޮށްދިނެވެ. ނަމަވެސް އޭނާއަކަށް އޭނާގެ އަމިއްލަ ހަށިގަނޑު ސަލާމަތެއް ނުކުރެވުނެވެ. ބޮޑު ކޮންކްރީޓްގަނޑު އައިސް ވެއްޓުނީ އޭނާގެ ދެ ފައި މައްޗަށެވެ.
ބަޔަކު އައިސް ކޮންކްރީޓްގަނޑު ކީހާލައިގެން އެ ދުރަށް ލައި ޑުސްޓޭ ސަލާމަތް ކުރެވުނުއިރު އޭނާ އެ ކޮންކްރީޓްގަނޑުގެ ދަށުވެފައި އޮންނަތާ ގަޑިއެއްހާއިރު ވެއްޖެ އެވެ. ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ޑޮކްޓަރުންނަށް ސަލާމަތް ކުރެވުނީ އޭނާގެ އެއް ފައެވެ. ކަނާތު ފައި ކަކުލުހުޅުގެ ތިރިން ވަނީ ބުރިކޮށްލާފަ އެވެ.
ހޮސްޕިޓަލުގައި އޮވެ ވީޑިއޯ ކޯލް މެދުވެރިކޮށް ޑުސްޓޭ ބުނީ އޭނާއަށްޓަކައި އެންމެން ހެޔޮ ދުއާ ކޮށްދިނުމަށެވެ. ޑުސްޓޭގެ ޅިޔަނު ޕަރްވޭޒް ކައުޗަލީ ބުނީ ފައި ބުރިކޮށްލިކަން އެނގުމުން ޑުސްޓޭ ވަރަށް ރުޔެވެ.
ޑުސްޓޭ އަކީ އިލެކްޓްރީޝަނެކެވެ. އޭނާގެ އަންހެނުން ނަސްރީން، 27، އާއި ހަތް އަހަރުގެ ދަރިފުޅު ނަވަން އާއެކު ދިރިއުޅެމުން ދިޔައީ ވެއްޓުނު ބިލްޑިންގް އާ ޖެހިގެން ހުރި އިމާރާތުގަ އެވެ. އިމާރާތް ވެއްޓުނުއިރު ޑުސްޓޭ ހުރީ އެކުވެރިއަކާ ބައްދަލުކުރަން ގޮސް އެ އިމާރާތުގައި ހުރި އެޕާޓްމަންޓެއްގަ އެވެ.
އޭރު އިރުއޮއްސި 6.30 ވީ އެވެ. ކުއްލިއަކަށް އެ އިމާރާތް ގުޑަން ފެށި އެވެ. ޑުސްޓޭ އަމިއްލަ ފުރާނަ ސަލާމަތްކުރަން އިމާރާތުން ނުކުތުމުގެ ބަދަލުގައި އެރީ މަތީ ފްލޯ ތަކަށެވެ. އެ އިމާރާތް ވެއްޓި ދާނެކަމަށާއި އަވަހަށް އެތަނުން ނުކުތުމަށް އޭނާ އެމީހުންނަށް އެންގި އެވެ. އަދި ކުޑަކުދިންތައް އޭނާ އަތްދަނޑި މައްޗަށް ލައިގެން ސަލާމަތްކޮށްދިނުމުގެ މަސައްކަތް ފެށީ އެވެ. އެގޮތުން 30 ކުދިން ޑުސްޓޭ އެކަނި މާއެކަނި ސަލާމަތްކޮށްދީ އިމާރާތުން ބޭރަށް ނެރެދީފައި ވެއެވެ.
އިމާރާތުގެ ބައިތައް އޭރު ވެއްޓެމުން ދަނީ އެވެ. އެންމެ ފަހުން ޑުސްޓޭ ސަލާމަތްކުރީ ދުވަސްވީ އަންހެނެކެވެ. އެމީހާ ގޮވައިގެން ނުކުންނަނިކޮށް ކޮންކްރީޓް ބޮޑު ބެރިއެއް އެމީހުންނާ ދިމާލަށް ވެއްޓޭ ތަން ޑުސްޓޭ އަށް ފެނުނެވެ. ދުވަސްވީ މީހާގެ ގައިގައި ބެރިން ޖެހުނަ ނުދީ ދުރަށް ކޮއްޕާލުމުގައި ޑުސްޓޭ އަށް ކާމިޔާބު ލިބުނަސް އޭނާގެ ދެ ފައި މައްޗަށް އެ ބެރި ވެއްޓުމުން ސަލާމަތެއް ނުކުރެވުނެވެ. ބެރީގެ ދަށުވެފައި ހަޅޭއްލަވާ ރޮއިރޮއި އޭނާ ބަރާބަރު ގަޑިއެއްހާއިރު އޮތެވެ. ބެރި ކީހާލައިގެން އޭނާ ސަލާމަތް ކުރެވުނީ އެއް ގަޑިއިރު ފަހުންނެވެ.
ޑުސްޓޭ ހޮސްޕިޓަލަށް ގެންދިއުމަށްފަހު ވެސް އޭނާއަށް ފަރުވާ ދިނުމުގައި ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވި އެވެ. އޭނާގެ ގައިގައި ހުންނަނީ އިންތިހާއަށް މަދު ބްލަޑް ގްރޫޕެއް ކަމަށްވާ ސީ ނެގެޓިވް ކަމަށް ވާތީ އެވެ. ޑުސްޓޭގެ ފައި އޮޕަރޭޝަން ކުރެވެން އަންނަނީ އެންމެ މަދުވެގެން ވެސް ފަސް ޕެކެޓް ލޭ ލިބިގެންނެވެ. އެ ވަގުތު ވެސް އޭނާއަށް އެހީތެރިކަން ލިބުނީ އޭނާ ކޮށްދިންހެޔޮ ކަންތަކެވެ. އޭނާއަށް ލޭ ދިނުމަށްޓަކައި ހޮސްޕިޓަލުގެ ބޭރުގައި އެތައްބަޔަކު މަހަދް ބްލަކް ބެންކް ދޮށަށް އެއްވި އެވެ. އޭނާގެ ގަޔަށް އޯ ނެގެޓިވް ލޭ ގުޅޭތީ އިސާހިތަކު ލޭ ލިބޭނެ ގޮތް ހަމަޖެހުނެވެ.
އިމަޖެންސީކޮށް ޑޮކްޓަރުން ޑުސްޓޭގެ ދެ ފައިގެ ސާޖަރީ ހެދި އެވެ. އޭނާގެ ހާލު ގޯސް ނަމަވެސް ފުރާނައަށް ގެއްލުންވާ ވަރުގެ މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
ޑުސްޓޭގެ މި އިންސާނީ ޚިދުމަތުގެ ސަބަބުން އޭނާގެ ބޭސް ފަރުވާގެ ކަންތައް ހަމަޖައްސައިދީފައިވަނީ ޗީފް މިނިސްޓަރު ރިލީފް ފަންޑުންނެވެ. އަދި އޭނާގެ މަސްނޫއީ ފައެއް ޖަހަން ބޭނުންވާ ހުރިހާ ޚަރަދެއްގައި ބޮލީވުޑް ޑައިރެކްޓަރު ފަރާ ޚާން އާއި އެކްޓަރު ސޯނޫ ސޫދު މިހާރު ވަނީ ހިފާފަ އެވެ.
އެޑްވާންސް ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޑުސްޓޭ އަލުން އޭނާގެ ފައިމައްޗަށް ކޮޅަށް ނެގުމަށް ސޯނޫއަށް ކޮށްދެވުނު ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ސޯނޫ ބުންޏެވެ. އަދި މުމްބައި އާއި ނާގްޕޫރުގެ ޑޮކްޓަރުންނާ ގުޅައިގެން ޑުސްޓޭގެ މެޑިކަލް ފައިލް ހޯދާ އޭނާގެ ބޭސް ފަރުވާއަށް ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބަލަމުންދާ ކަމަށް ވެސް ސޯނޫ ބުންޏެވެ