ލައިފްސްޓައިލް

އިންޑިޔާގައި ޑްރައިވް-އިން ސިނަމާތަކަށް ހުއްދަ ދެނީ!

ކޮވިޑް-19 އިގެ ނޭދެވޭ އަސަރު އިންޑިޔާގެ ފިލްމު އިންޑަސްޓްރީއަށް އިންތިހާއަށް ކޮށްފައި ވިޔަސް ކުރިޔަށް އޮތް ސެޕްޓެމްބަރު މަހު ވެސް އިންޑިޔާގެ އެއްވެސް ސިނަމާއެއް ނުހުޅުވަން މިހާރު ވަނީ ނިންމާފަ އެވެ. ކުރިން ގިނަ ބަޔަކު އުންމީދު ކޮށްގެން ތިބީ ސިނަމާތައް ސެޕްޓެމްބަރުގައި ހުޅުވޭނެ ކަމަށެވެ. ނަމަވެސް އިންޑިޔާ އަންލޮކް ކުރުމުގެ މަރުހަލާތަކުގެ ހަތަރުވަނަ މަރުހަލާ ހޮނިހިރު ދުވަހު އިއުލާން ކުރިއިރު ސިނަމާތައް ހުޅުވުން މި މަރުހަލާއަކު ވެސް ނެތެވެ.

އިންޑިޔާގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ނެރުނު އާ ގައިޑްލައިންގައި ފިލްމު އިންޑަސްޓްރީތަކަށް ވަރަށް ބޮޑެތި ލުއިތައް ދީފައި ވިޔަސް ސިނަމާތައް ހުޅުވުން މި ދިން ލުއިތަކުގެ ތެރޭގައި ނުހިމެނެ އެވެ. މި ފަހަރުގެ އެންގުމުގައި ވެސް ވަރަށް ސާފުކޮށް ބުނެފައިވަނީ ސެޕްޓެމްބަރުމަހުގެ ތެރޭގައި އެއްވެސް ސިނަމާއެއް ނުހުޅުވޭނެ ކަމަށެވެ. ނަމަވެސް ސެޕްޓެމްބަރު 21 ވަނަ ދުވަހުން ފެށީގެން ޑްރައިވް-އިން މޫވީ ތިއޭޓާއަށް ހުއްދަ ދޫކުރަން ވަނީ ނިންމާފަ އެވެ. ނަމަވެސް އިންޑިޔާގައި ޑްރައިވް-އިން މޫވީ ތިއޭޓާގެ ސަގާފަތް ނެތުމުން މި ކަމަށް މާ ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.

ޑްރައިވް-އިން މޫވީ ތިއޭޓާއަކީ ބޮޑު އައުޓްޑޯ ހޯލެއްގައި ޕްރޮޖެކްޓާއެއް ފަދަ އެއްޗަކުން ބޮޑު ސްކްރީންގައި ފިލްމު އަޅުވާފައި ވެހިކަލްތަކުގައި އަންނަ މީހުން އެ ވެހިކަލްގައި ތިބެގެން ފިލްމު ބެލޭނެ ގޮތް ހެދުމެވެ. ނަމަވެސް މިއީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުން ތިއޭޓަރުތައް ބަންދުކޮށްފައި އޮންނަތާ ފަސް މަހަށް ވުރެ ގިނަ ދުވަސްވެ ސިނަމާގެ ވިޔަފާރި ހިންގާ ފަރާތްތަކަށް އެއްވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ ގޮތެއް ކަމަކަށް ނުބެލެވެ އެވެ.

ފިލްމު ޑައިރެކްޓަރު ޝޭކަރް ކަޕޫރު ބުނި ގޮތުގައި ޑްރައިވް-އިން ތިއޭޓާތައް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މިހާރު ޚިދުމަތްދޭން ފަށާފައިވާއިރު އިންޑިޔާގައި ވެސް މިކަން ފެށުމަކީ ރަނގަޅު ކަމެކެވެ.

"އަހަންނަކަށް ހިއެއް ނުވޭ ކުރިޔަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް ތިއޭޓަރުތައް ފުރިހަމައަށް ހުޅުވޭނެ ކަމެއް. އަދި ގައިދުރުކުރުމުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާނަމަ ސިނަމާތައް ހުޅުވިޔަސް ޓިކެޓު ވެސް ވިއްކަން ޖެހޭނީ މަދު އަދަދަކަށް. އެހެން އިންޑަސްޓްރީތައް ފަދައިން ނުވަތަ އެއަށް ވުރެ ވެސް ބޮޑަށް ފިލްމު އިންޑަސްޓްރީއަށް ގެއްލުން ވާނެކަން ޔަގީން،" ޝޭކަރް ބުންޏެވެ.