ނޮވެލް ކޮރޯނާވައިރަހަކީ ވަރަށް ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރާ އެއްޗެކެވެ. ބަލި ޖެހިފައިވާ މީހަކު ކެއްސާ، ކިނބިހިއަޅާ އަދި ނޭވާލާއިރު ނުކުންނަ ވައިރަސް ވައިގެ ތެރޭގައި ހުރެ އެ ވައިރަސް އެހެން މީހެއްގެ ހަށިގަނޑަށް ވަރަށް ފަސޭހައިން ވާސިލުވުމަކީ އެކަށީގެންވާ ކަމެކެވެ. މިކަން މިހެން ވިޔެ ނުދިނުމަށްޓަކައި ސޯޝަލް ޑީސްޓެންސިން ނުވަތަ ގައިދުރުކޮށް އުޅުމަށް ސިއްހީ މާހިރުން ވަނީ އިލްތިމާސް ކުރައްވާފަ އެވެ. މިހާތަނަށް ސައިންސްވެރިން ބުނެފައި ވަނީ އެކަކު އަނެކަކާ ހަ ފޫޓު ދުރުގައި ތިބުމުން ރަނގަޅު ކަމަށެވެ. ނަމަވެސް ފަހުގެ ހޯދުމަކަށް ފަހު މިހާރު ސައިންސްވެރިން ބުނަނީ ހަ ފޫޓުން ނުފުދޭ ކަމަށެވެ. އެއަށް ވުރެ ދުރަށް ވައިރަސް ދަތުރުކުރާ ކަމަށެވެ.
ޖާނަލް ބީއެމްޖީގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި އޮކްސްފޯޑު އަދި މެސަޗޫސެޓްސް ޔުނިވަސިޓީގެ ސައިންސްވެރިން ބުނެފައިވާ ގޮތުގައި ނޭވާލާ ނިޒާމުގައި ހުންނަ ކޮރޯނާވައިރަސް ފެންތިކިތަކެއްގެ ސިފައިގައި ހަށިގަނޑުން ބޭރުވުމަށް ފަހު މަދު ސިކުންތުކޮޅެއްގެ ތެރޭގައި 26 ފޫޓަށް ވެސް ދަތުރު ކޮށްފާނެ އެވެ. އެއީ ބަލި ޖެހިފައިވާ މީހާ ކެއްސާ، ކިނބިހިއަޅާ ލަވަ ކިޔުން ފަދަ ކަމެއް ކުރާއިރު އަނގައިން ނުކުންނަ ކުޅުތިކިތަކެއްގެ ސިފައިގަ އެވެ.
ހަ ފޫޓު (ދެ މީޓަރު) ގެ ގަވާއިދެއް އެކުލަވާލީ ބަލި ޖެހިފައިވާ މީހެއްގެ އަނގައިން ނުވަތަ ނޭފަތުން ނުކުންނަ ވައިރަސް އެންމެ ދުރަށް ވެސް ދަތުރު ކުރާނީ އެއް މީޓަރު ނުވަތަ ދެ މީޓަރަށް ކަމަށް ބެލެވިފައި ވާތީ އެވެ.
ވައިރަހަށް ފެތުރުމުގެ ގާބިލްކަން ލިބިފައިވާ މިންވަރު ދެނެގަތުމަށް އޮކްސްފޯޑް ސައިންސްވެރިން ކުރި ދިރާސާއިން އެނގުނު ގޮތުގައި ވައިރަސް ހުރި މީހަކު ކެއްސާ ކިނބިހި އަޅާ އަދި ލަވަކިޔާ ހަދާއިރު ނޭވާ ބޭރަށްލާ ކޮންމެ ފަހަރަކު ގިނަ އަދަދެއްގެ ވައިރަސް ބޭރުވެ އެވެ. އަދި ކައިރީގައި ތިބޭ މީހުންގެ ހަށިގަނޑަށް ވަރަށް ފަސޭހައިން މި ތަކެތި ވަދެ އެވެ. ޚާއްސަކޮށް އެ ތަނަކީ ގިނަ މީހުން ތިބުމުގެ ސަބަބުން ހޫނުވެފައިވާ ތަނަކަށް ވާނަމައެވެ. ސައިންސްވެރިން މިހާރު ބުނަނީ ނޭވާލުމުގެ ނިޒާމުން ނުކުންނަ ތިކިތައް 7-8 މީޓަރު (26 ވަރަކަށް ފޫޓަށް) ދަތުރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެ ވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ.
މީގެ ކުރިން ކެލިފޯނިއާ އާއި ސްޓެންފޯޑް ޔުނިވަސިޓީގެ ސައިންސްވެރިން ކޮށްފައިވާ ދިރާސާއެއް ދައްކާފައި ވަނީ މޫސުން ބަދަލުވާ ދުވަސްވަރު ވައިރަސް ފެތުރުމުގެ ގާބިލްކަން އިތުރުވާ ކަމަށެވެ. ހަނަފަސް ހޫނު މޫސުމުގައި، ރެސްޕިރޭޓަރީ ޑްރޮޕްލެޓްސް އެރޮސޯލް އަށް ބަދަލުވެ ވައިގެ ތެރޭގައި ގިނައިރު ހުރެ މާ ދުރަށް ދަތުރު ކުރެ އެވެ. މި ދިރާސާކުރި ސައިންސްވެރިން ބުނެފައިވަނީ ވައިރަސް 20 ފޫޓެއްހާ ދުރަށް ދަތުރުކުރާކަން ހޯދިފައިވާ ކަމަށެވެ.
ވައިރަސް ފެތުރޭ ހިސާބު މާ ބޮޑުކަން ސައިންސްވެރިންނަށް ފާހަގަ ކުރެވުމުން ގައިދުރުކުރަން މިހާރު އިރުޝާދު ދީފައިވާ ހަ ފޫޓުގެ ގަވާއިދު ބަދަލުކޮށް އެކަކު އަނެކަކާ ހުންނަންޖެހޭ ދުރުމިން މިއަށް ވުރެ ދުރުކުރަން ލަފާ ދިނުމަކީ އެކަށީގެންވާ ކަމެކެވެ.