ލައިފްސްޓައިލް

ހިސާބު އިލްމުން ދުނިޔޭގެ އެއްވަނައަކީ 21 އަހަރުގެ ޒުވާނެއް

ކަލްކިއުލޭޓަރެއްގެ ފިތްތަކަށް އޮބާލުމުން ޖަވާބު ނުކުންނަ އިރަށްވުރެ އަވަހަށް ނީލަކާންތާ ބާނޫ ޕްރަކާޝްގެ ސިކުނޑިއަށް އެ ހިސާބު ނަންބަރެއްގެ ޖަވާބު އާދެ އެވެ. "ވޯލްޑްސް ފާސްޓަސްޓް ހިއުމަން ކަލްކިއުލޭޓާ" ގެ ފަޚުރުވެރި ލަގަބު އޭނާއަށް ހާސިލު ކުރެވުނީ މެޝިނަކުން ޖަވާބު ނެރެވޭ ވަރަށް ވުރެ އަވަހަށް އޭނާއަށް ޖަވާބު ދެވޭތީ އެވެ.

ޔޫކޭ، ލަންޑަންގެ މައިންޑް ސްޕޯޓްސް އޮލިމްޕިއަޑް (އެމްއެސްއޯ) ގައި ބޭއްވި މެންޓަލް ކަލްކިއުލޭޝަން ވޯލްޑް ޗެމްޕިއަންޝިޕްގައި ގޯލްޑް މެޑަލް ހާސިލުކުރި ފުރަތަމަ އިންޑިޔާ ރައްޔިތެއްގެ ފަޚުރުވެރި ލަގަބު ޕްރަކާޝް އަށް ވަނީ ލިބިފަ އެވެ.

އިންޑިޔާގެ ހައިދަރުއާބާދަށް އުފަން ޕްރަކާޝް އަކީ ހިސާބު އިލްމުގެ ރޮނގުން އޮނާޒް ޑިގްރީއަކަށް ކިޔަވާ ދަރިވަރެކެވެ. ދިއްލީ ޔުނިވަސިޓީގެ ސްޓީވަން ކޮލެޖުގައި ކިޔަވާ ޕްރަކާޝް އަތުގައި ދުނިޔޭގެ ރެކޯޑާއި ލިމްކާ ބުކްސް އޮފް ރެކޯޑްސްގެ 50 ޕޮޒިޝަނެއް އެބައޮތެވެ.

"އަހަރެންގެ އަތުގައި ވޯލްޑް ރެކޯޑުގެ ހަތަރު ރެކޯޑަކާއި ލިމްކާ ރެކޯޑުގެ 50 ރެކޯޑެއް އެބައޮތް. އެއީ ދުނިޔޭގެ އެންމެ ހަލުވި އިންސާނީ ކަލްކިއުޓަރުގެ ރެކޯޑުތަކެއް. ކަލްކިއުލޭޓަރަކަށް ވުރެ އަވަހަކަށް އަހަރެންގެ ސިކުނޑިން ޖަވާބު ދޭލެއް އަވަސް. މީގެ ކުރިން ޝަކުންތަލާ ދޭވީ އާއި ފްލޭންސްބާގް ހަދާފައިވާ ރެކޯޑުތައް މިހާރު އޮތީ އަހަރެންގެ އަތުގައި. ހިސާބު އިލްމުގެ ރޮނގުން އަހަންނަށް ކޮށްދެވޭނެ ހުރިހާ ކަމެއް އަހަރެން މިވަނީ އިންޑިޔާ އަށް ކޮށްދީފައި،" ޕްރަކާޝް ބުންޏެވެ.

އެމްއެސްއޯ ލަންޑަނުން ވާޗުއަލްކޮށް ބޭއްވި މިފަހަރުގެ މުބާރާތުގައި ދުނިޔޭގެ 13 ގައުމެއްގެ 30 މީހުން ބައިވެރިވި އެވެ. މީގެ ތެރޭގައި އުމުރުން 57 އަހަރުގެ މީހުން ވެސް ހިމެނުނެވެ. މިފަހަރުގެ ބައިވެރިންގެ ތެރޭގައި ޖަރުމަން، އިނގިރޭސި ވިލާތް، ޔޫއޭއީ، ފްރާންސް، ގްރީސް އަދި ލެބަނަން މީހުން ހިމެނެ އެވެ.

މި މުބާރާތުގައި ޕްރަކާޝް އާ އެންމެ ބޮޑަށް ވާދަކުރީ ލެބެނާންގެ މީހެކެވެ. އެންމެ ފަހު ބުރުގައި ޕްރަކާޝް އަތުން ބަލިވެ މި މީހާއަށް ލިބުނީ ދެ ވަނަ އެވެ.