ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކުރިއަށް ވުރެ ގިނައިން މިހާރު ޑޮލަރު ވިއްކަން: އެމްއެމްއޭ

ރާއްޖޭގެ މާކެޓަށް ކޮވިޑް-19 ގެ ކުރިއަށް ވުރެ ވެސް ގިނަ އިން މިހާރު ޑޮލަރު ވިއްކަމުންދާ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭގެ ބޯޑަށް އައްޔަން ކުރަން ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވި، އެ އޮތޯރިޓީގެ މަނިޓަރީ ޕޮލިސީ ރިސާޗު އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އިމާދު މަޖިލީހުގައި މިއަދު ވާހަކަ ދައްވަމުން ވިދާޅުވީ މިހާރުގެ އަންދާޒާއަކީ ޓޫރިޒަމް އާމްދަނީ 50 ޕަސެންޓަަށްވުރެ ދަށް ވެގެން ދާނެ ކަމަށެވެ.

އާއްމު ގޮތެއްގައި ޓޫރިޒަމް ސެކްޓާ އިން އަހަރު 3.6 ބިލިއަން ޑޮލަރު ލިބުނުނަމަވެސް އެ އަދަދު ދެބައިކުޅަ އެއް ބަޔަށް ވުރެ ވެސް ދަށްވެގެން ގޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް ރާއްޖޭގެ މާކެޓަށް ފޯރުކޮށް ދެމުން މިދިޔަ ޑޮލަރުގެ މިންވަރު ކޮވިޑުގެ ކުރި ނުވަތަ 2019 ވަނަ އަހަރަށްވުރެ ވެސް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ޑޮލަރު ވިއްކަނީ އަސާސީ ބޭނުން ތަކަށް

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ފުޑް އެންޑް މެޑިކަލް ކަންތައް ތަކަށް ހާއްސަކޮށް ޑޮލަރު ވިއްކަމުން ގެންދެއެވެ. އަދި ރާއްޖޭގެ ޑޮލަރުގެ ރިޒާވް މިހާރު ބޭނުން ކުރަނީ ކެއިންބުއިމަށް ބޭނުންވާ ތަކެއްޗާއި އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތީގެ އިތުރުން ސިއްހީ ސާމާނު ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަންނަ ޑޮލަރުގެ އަދަދު ބޮޑުތަނުން ދަށްވީމަ އަޅުގަނޑުމެންގެ އިންޓަވެންޝަން ޕޮލިސީ އަށް ބޮޑު ބަދަލު ތަކެއް ގެނެވޭ ތޯ ގިނަ މަސައްކަތް ތަކެއް ވެސް ކުރެވުނު. އެގޮތުން އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ހޯދިން ރާއްޖެ އަށް މި ވަގުތަށް ބޭނުން ވާނެ ކާބޯ ތަކެތީގެ ލިސްޓެއް. އޭގެ އިތުރުން ގޭބިސީ ކަންތައްތަކުގައި އާއްމުކޮށް ބޭނުންކުރާ ތަކެތީގެ ލިސްޓެއް އެކުލަވާލައި، އެއަށް މަހެއްގެ މައްޗަށް ބޭނުންވަނީ ކިހާ ޑޮލަރެއް ތޯ ވެސް ބެލިން،" އިމާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާލަތަށް އައިއިރު ރާއްޖޭގެ އިމްޕޯޓް ދެބައިކުޅަ އެއް ބަޔަކަށް ދަށް ވެގެން ދިޔަކަން ފާހަގަވި ކަމަށެވެ.

"އެހެންވެ، ޑޮލަރަށް އޮތް ޑިމާންޑު ވެސް ދަށްވާނެ ގަބޫލު ކުރިން. އެހެންނަމަވެސް، ދެން ހުރި ކަންކަމަށް ޑޮލަރު މަދުވެފަ ފުލީ ކޭޓަ ކުރުމުގެ ކެޕޭސިޓީ ނެތީމަ، އެ މާކެޓަށް ޕްރެސަރު އައިސްގެން އުޅޭކަން ފާހަގަ ކުރެވޭ،" އިމާދު ވިދާޅުވި އެވެ.

އެކްސްޗޭންޖް ރޭޓް ބަދަލު ގެންނަން ތާއީދެއް ނުކުރޭ

އޭނާ ވިދާޅުވި ގޮތުގައި 2009 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސްގައި ރާއްޖޭގެ އެކްސްޗޭންޖު ރޭޓަށް މިހާލަތު އައި ކަމަށެވެ.

"އެފަހަރު އެކްސްޗޭންޖު ރޭޓު ބަދަލު ވެސް ކުރެވުނު. އެހެންނަމަވެސް އަޅުގަނޑަށް ހީވަނީ، މި ހާއްސަ ހާލަތާ ގުޅިގެން ރާއްޖޭގެ އެކްސްޗޭންޖު ރޭޓް ރީވެލިއޭޝަނަށް ދިއުމަކީ އަޅުގަނޑު ތާއީދު ކުރާނެ ކަމެއް ނޫންކަން. އަޅުގަނޑުމެން މިހާލަތުން އަރައި ގަނެވުނީމަ އެކްސްޗޭންޖު ރޭޓް ސްޓެބްލައިޒް ކުރުމުގެ ފުރިހަމަ ގާބިލްކަން ލިބޭނެ،" އިމާދު ވިދާޅުވި އެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 700 މިލިއަން ޑޮލަރެވެ. އަދި ބޭނުންކުރެވޭ ރިޒާވް ވަނީ 150 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. މިއީ ދެ މަހުގެ އެކްސްޕޯޓަށްވާ ފައިސާ އެވެ.