ބޭރަށް ނުކުމެ ކޮރޯނާވައިރަސް އަމިއްލައަށް ޖެހި އެކަމުން ސަލާމަތްވުމަށް ކުޓްޒްޓައުން ޔުނިވާސިޓީ، ޕެންސަލްވޭނިއާގެ ބިޒިނަސް ޕްރޮފެސަރަކު އޭނާގެ ދަރިވަރުންނަށް އިރުޝާދު ދިނުމަށް ފަހު ބުނެވުނީ ގޯސް އެއްޗެއް ކަން ވިސްނިގެން އެކަމަށް ދަރިވަރުން ކިބައިން މައާފަށް އެދިވަޑައިގެންފި އެވެ.
ޑރ. ވިކްޓާ ޖޭ މަސާޑް އޭނާ ކިޔަވައިދޭ ދަރިވަރުން ކައިރީ މިހެން ވިދާޅުވީ އޮންލައިންކޮށް ބޭއްވި ޒޫމް ކްލާހެއްގެ ސެޝަނެއްގަ އެވެ. މި ބުނެވުނީ ރަނގަޅު އެއްޗެއް ނޫންކަން އެނގިގެން އޭނާ ފަހުން ވިދާޅުވީ އެއީ މަޖަލަކަށް އެއްޗެއް ވިދާޅުވާން އުޅެނިކޮށް ދިމާވި ކަމެއް ކަމަށެވެ.
"އަހަންނަށް ހީވަނީ ތިޔަ ކުދިންނަށް އެ ވައިރަސް ވީހާވެސް އަވަހަކަށް ޖެހުނީމަ އެކަމުން އަވަހަށް ސަލާމަތް ވާނީ. ސަބަބަކީ މި ބަލި ޖެހިގެން ތީގެން އެއްވެސް ދަރިވަރަކު މަރުވާނެހެން ހީ ނުވާތީ. ވީމާ މިކަމުން ސަލާމަތް ވެވޭނީ މި ބައްޔަށް އެންމެން އިމިއުން ވެގެން. އެހެންވީމަ ކޮންމެ ރެޔަކު ވެސް ތި ކުދިން ބޭރަށް ގޮސް މި ބަލި އަވަހަށް ޖެހޭތޯ ބަލާ،" ޒޫމް ކޯލެއްގައި ޕްރޮފެސަރު ވިދާޅުވި ކަމަށް ވެއެވެ.
އޭނާ މިވާހަކަތައް ދައްކާފައިވަނީ އެ ޔުނިވާސިޓީގެ ކުއްޖަކަށް ކޮވިޑް-19 ޖެހުމުގެ ދުވަސްކޮޅެއް ކުރިންނެވެ. އެހެންވެ އޭނާގެ ވާހަކަތަކަށް ޔުނިވަސިޓީގެ މީހުންނާއި ދަރިވަރުންގެ އާއިލާތަކުގެ މީހުން ވަރަށް ހިތްހަމަނުޖެހުން ފާޅުކުރަން ފެށި އެވެ. ސަބަބަކީ ހިސާބުގަނޑުގައި ކޮވިޑް-19 ފެތުރެން ފެށުމުން މާސްކް އަޅައިގެން ގައިދުރުކޮށް އަދި ބޭރަށް ނުނުކުމެ އުޅުމަށް އިރުޝާދު ދީފައި ވަނިކޮށް އޭނާ މިފަދަ ވާހަކައެއް ދެއްކީމަ އެވެ.
ފަހުން މީހުން ރުޅިއައިސްގެން އުޅެން ފެށުމުން ޕްރޮފެސަރު ވަނީ ވާހަކަ ބަދަލުކޮށްފަ އެވެ. އަދި މިހާރު އެކަމާ ދެރަވެ ވަރަށް ލަދުގެންފި ކަމަށް ވެސް ޕްރޮފެސަރު ވިދާޅުވެފައި ވެއެވެ.
ބަލި ޖެހިފައިވާ މީހުން ތިބި މުޖުތަމައެއްގައި އުޅުމުގެ ސަބަބުން ބަލި ނުޖެހޭ ގިނަ ބަޔެއްގެ ހަށީގަނޑުގައި ކޮވިޑް-19 އިން ދިފާއުވުމުގެ ގާބިލްކަން އުފެދިފައި ވެދާނެ ކަމަށް ބެލެވުނަސް މިކަމާ ގުޅޭ ގޮތުން އެކަށީގެންވާ ހޯދުންތަކެއް އަދި ހޯދިފައެއް ނެތެވެ. އެހެންކަމުން ބަލިން ދިފާއުވުމުގެ ގާބިލްކަން ހޯދުމަށްޓަކައި އަމިއްލައަށް ބެލި ޖެހޭތޯ އުޅުމަކީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ. ސަބަބަކީ މި ބައްޔަކީ އަދި އެކަށީގެންވާ ފަރުވާއެއް ހޯދިފައިވާ ބައްޔަކަށް ނުވެފައި އެކި މީހުންގެ ހަށީގަނޑު މި ބަލީގެ ވައިރަހަށް ރިއެކްޓްކުރާ ގޮތް ތަފާތު ވީމަ އެވެ.