ރާއްޖޭގެ އާބާދީގައި އިންޓަނެޓުގެ ހިދުމަތް ނުލިބެނީ ހަތް ޕަސެންޓް ގޭބިސީއަށް ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) ގެ ސާވޭ އިން ދައްކައިފި އެވެ.
އެންބީއެސްގެ ގޭބިސީގެ އާމްދަނީ އާއި ހަރަދުކުރުން ހުރި ގޮތުގެ ސާވޭ 2019" ދައްކާ ގޮތުން ރާއްޖޭގެ ގިނަ ގޭބިސީތަކަށް އިންޓަނެޓް ލިބެ އެވެ. މާލޭގައި ދިރިއުޅޭ ގޭބިސީގެ ތެރެއިން އިންޓަނެޓްގެ ހިދުމަތް ނެތީ އެންމެ ދެ ޕަސެންޓް ގޭބިސީގަ އެވެ. އަތޮޅުތަކަށް ބަލާއިރު 13 ޕަސެންޓް ގޭބިސީން އިންޓަނެޓް ނެތް ކަމަށް ބުނެފައިވެ އެވެ.
އިންޓަނެޓްގެ ހިދުމަތަށް ބަލާއިރު 72 ޕަސެންޓް ގޭބިސީން ޑޭޓާ އިންޓަނެޓުގެ ހިދުމަތް ބޭނުން ކުރެ އެވެ. އަދި 47 ޕަސެންޓް ގޭބިސީ އިން ފައިބަރު އޮޕްޓިކް ކޭބަލް ކަނެކްޝަން ބޭނުންކުރެ އެވެ.
މުވާސަލަތީ ތަކެތިއަށް ބަލާއިރު އެންމެ ގިނައިން ގޭބިސީގައި ހުރީ ސްމާޓް ފޯނާއި ފްލެޓް ޓީވީއެވެ. އަދި ކޮމްޕިއުޓަރާއި ލެޕްޓޮފް ހުރި ގޭބިސީގެ ނިސްބަތް އަތޮޅުތަކަށް ވުރެ މާލޭގައި ގިނަ އެވެ. ބައްތި ފޯނު އަދި ރޭޑިއޯ އެންމެ ގިނައިން ހުރީ އަތޮޅުތަކުގައި ދިރިއުޅޭ ގޭބިސީތަކުގައެވެ.
ސާވޭގައި އެންމެ ފާހަގަކި އެއް އެއް ކަމަކީ ރާއްޖޭގެ 81 ގޭބިސީގައި ކޭބަލް ޓީވީ އާއި ނެޓްފްލިކްސް ބޭނުން ކުރާ ކަމަށް ފާހަގަ ވުމެވެ.
ގިނަ ގޭބިސީތަކުގައި ސައިކަލް ގެންގުޅޭ
މި ދިރާސާގައި ގޭގައި ހަރުމުދާ ހުރި މިންވަރުގެ މައްޗަށް ވެސް ބަލާފައިވެ އެވެ. ރާއްޖޭގެ ގޭބިސީތަކުގައި ހަރު މުދާ ގިނަ އެވެ. މި ސާވޭގެ ނަތީޖާ އިން ދައްކާ ގޮތުން ގޭބިސީގައި ގެން ގުޅޭ ފްރިޖާއި ދޮންނަ މެޝިން އަދި އިސްތިރި ފަދަ ހަރުމުދާ ނިސްބަތުން ގިނަ އެވެ. މާލޭގައި ގިނަ ގޭބިސީ އިން އޮޓޯ ދޮންނަ މެޝިން ބޭނުންކުރާއިރު އަތޮޅުތަކުގައި އޮޓޯ އަދި ސެމީ އޮޓޯ ދޮންނަ މެޝިން ބޭނުން ކުރާ ނިސްބަތް ދާދި އެއް ވަރެވެ.
ރާއްޖޭގެ ގިނަ ގޭބިސީތަކުގައި ސައިކަލް ގެންގުޅޭ ކަމަށް ސާވޭ އިން ދައްކަ އެވެ. ގޭބިސީގެ ބޭނުމަށް ސައިކަލު ބޭނުން ކުރާ ނިސްބަތަކީ 67 ޕަސެންޓް އެވެ. މާލޭގެ ގޭބިސީތަކުގެ 80 ޕަސެންޓް ސައިކަލް ބޭނުން ކުރާއިރު، އަތޮޅުތެރޭގެ 56 ޕަސެންޓުގައި ސައިކަލް ގެންގުޅެ އެވެ. އަދި އަތޮޅު ތަކަށް ބަލާއިރު އެންމެ ގިނަ ގިނައީ ބައިސްކަލްކަންވެސް ފާހަގަވެ އެވެ.