ހަބަރު

އަދީބާއި ޒިޔަތާއި އައްލާމް ބަޔާން ދެނީ ނުފޫޒުން: ޔާމީން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެސްއޯއެފްގެ މެނޭޖިން ޑިރެކްޓަރު އައްލާމް ލަތީފާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދު ކޯޓަށް ދެމުން ގެންދާ ބަޔާންތަކަކީ ސަރުކާރާއެކު އެއްބަސްވުމެއް ހަދައި ނުފޫޒެއްގައި ދޭ ބަޔާންތަކެއް ކަމަށް ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގަ އެވެ. މި މައްސަލަ އެމަނިކުފާނު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

މިއަދު ބޭއްވި އަޑު އެހުމުގައި އެ މަނިކުފާނު ވިދާޅުވީ އަދީބާއި ޒިޔަތު އަދި އައްލާމް ލަތީފް މިހާރު ފުލުހަށާއި ކޯޓަށް ދޭ ބަޔާންތަކަކީ އެ ތިން މީހުންނާއި ސަރުކާރާއި ދެމެދު އެއްބަސްވުމެއްގެ ތެރެއިން ދެމުންގެންދާ ބަޔާންތަކެއް ކަމަށެވެ. އެގޮތުން ސަރުކާރާއި އަދީބާއި ދެމެދު ވެފައި ވަނީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވޭނެ އިންތިޒާމް ހަމަޖއްސައިދޭނެ ކަމަށް ވެފައިވާ އެއްބަސްވުމެއް ކަމަށާއި އަދި އައްލާމާއި ޒިޔަތު އާއި ދެމެދު ވެފައިވަނީ އެމީހުން ކުރި ކުށްތަކަށް ދައުވާ ނުކުރާނެ ކަމަށްބުނެ ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.

ޔާމީން ވިދާޅުވީ މަނީލޯންޑްރިންގެ މައްސަލައިގެ ތަހުގީގުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ލިޔުމެއް އެމަނިކުފާނަށް މިހާރު ލިބި ވަޑައިގެންފައިވާ ކަމަށާއި އެ ލިޔުން ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެގޮތުން އެ ލިޔުމަކީ މި ތަހުގީގުގެ ތެރެއިން ފުލުހުން އައްލާމް ލަތީފާއި ސުވާލުކޮށް ނަގާފައިވާ ބަޔާން ކަމަށާއި ވޮޑަމުއްލާގެ ފައިސާ އާއި ގުޅޭގޮތުން އެއްވެސް މުއާމަލާތެއް ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ހާމަކޮށްފައި ނުވާ ކަމަށެވެ.

"އެ ބަޔާނުގަ މި އޮންނަނީ ބުނެފައި. އަޅުގަނޑު އަހުމަދު އަދީބަށް ގުޅި އިރު އަދީބު ގާތު އައްލާމް އިން ވާހަކަ އާއި އަޅުގަނޑު ގުޅީމަ އަދީބު ފޯނު ސްޕީކަރަށް ލައިގެން އަޅުގަނޑާ ވާހަކަ ދެއްކެވި އިރު އައްލާމަށް އަޑު އިވުނު ވާހަކަ. އަދި އަޅުގަނޑު ގުޅީ އަދީބު އަޅުގަނޑަށް ދޭން ޖެހޭ ފައިސާތަކެއް ނުދީގެން އެކަމާ ވަރަށް ހިތްހަމަ ނުޖެހި ހުރެގެން ކަމަށް އައްލާމް ފުލުހަށް ދިން ބަޔާނުގައި އެ އޮތީ ބުނެފައި." ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ފޯނު ކޯލު ނިންމާލުމަށްފަހު އައްލާމް ކައިރީގައި، ރައީސް ޔާމީނަށް އެއް މިލިއަން ޑޮލަރު ދޭށޭ، އަހުމަދު އަދީބު ވިދާޅުވި ކަން އެ ބަޔާނުން ވެސް އެނގޭ ކަމަށާއި އެހެން ކަމުން އެމަނިކުފާނު އެކައުންޓަށް ޖަމާކުރީ ކޮން ފައިސާއެއްކަން ވިދާޅުވާން އެނގޭނީ ކިހިނެތްތޯ ޔާމީން ވަނީ ސުވާލު ކުރައްވާފަ އެވެ.

ރައީސް ޔާމީން ވަނީ މިއަދުގެ ޝަރީއަތުގައި އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ މުއާމަލާތް ހިންގުމުގައި އެއްވެސް ގޯހެއް ހިންގާފައިވާ ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު އެކަމުގައި ގޯހެއް ހެއްދެވި ނަމަ ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ވެސް ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ސިޔާސީ ބޭނުމަށް ހެޔޮއެދޭ ފަރާތްތަކުން ޖަމާ ކޮށްދީފައިވާ ފައިސާތަކެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާލުވެފަ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނޭ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު އަޑުއެހުމުގައި ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައި ވަނީ ވޮޑަމުއްލާގެ ފައިސާކަން ދައުލަތަށް ސާބިތު ނުކުރެވުނު ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ތަހުގީގު ހިންގަންޖެހޭނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށާއި އެހެން ނަމަވެސް ފުލުހުން މި ތަހުގީގު ހިންގާފައި ވަނީ ގާނޫނީ އިޖުރާއަތްތަކާއި ހިލާފަށް ކަމަށެވެ.

ޖަމީލް ވިދާޅުވީ ފުލުހުންގެ ތަހްގީގު ތެރެއިން ވޮޑަމުއްލާގެ ފައިސާ އާއި އެސްއޯއެފް އާއި ގުޅުވައިގެން އެއްވެސް ސުވާލެއް ރައީސް ޔާމީނާއި ކޮށްފައިނުވާ ކަމަށާއި އެހެންކަމުން ދައުލަތުން ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ އުންސުރުތަކާއި ހިލާފަށް ކޮށްފައިވާ ދައުވާއެއް ކަމަށެވެ. އެހެން ކަމުން ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކުރައްވާފައިވާ ހުކުމް ބާތިލް ކޮށްދިނުމަށް ޖަމީލް ވަނީ އެދިވަޑައިގެންފަ އެވެ.

މިއަދު އަޑުއެހުމުގައި ދައުލަތުން ބުނީ ހެޔޮ އެދޭ ފަރާތްތަކުން ސިޔާސީ ބޭނުންތަކަށް ޖަމާކޮށްފައިވާ ފައިސާތަކެއް ކަމަށް ރައީސް ޔާމީން ވިދާޅު ނަމަވެސް އެކަން ގަބޫލު ކުރަން ދަތި ކަމަށެވެ. އަދި އެކަން ދައުލަތު ކޯޓުގައި ސާބިތު ކޮށްދީފައިވާނެ ކަމަށެވެ. އަދި އެދުވަސްވަރަކީ އެއްވެސް އިންތިހާބެއް އޮތް ދުވަސްވަރެއް ނޫން ކަމަށާއި އޭރު ޔާމިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ކަމަށްވެފައި އެއްވެސް ފަރާތަކުން ދޭ ފައިސާ އަމިއްލަފުޅަށް ނަންގަވަން ޖެހޭނީ ގާނޫނުގެ ތެރެއިން ކަމަށެވެ.

ދައުލަތުން ބުނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ސިޔާސީ ބޭނުމަކަށް ބޭނުންކުރެވޭ ވަރަށްވުރެ މާ ބޮޑު އަދަދެއްގެ ފައިސާ ކަމަށާއި އަދި އެ ފައިސާ ސިޔާަސީ ބޭނުންތަކަށް ބޭނުން ނުކުރައްވާ އެމަނިކުފާނުގެ އަމިއްލަ މަންފާއަށް އިންވެސްޓްމަންޓް އެކައުންޓަކަށް ފައިސާ ޖަމާ ކޮށްފައިވާކަން ވެސް ކްރިމިނަލް ކޯޓުގައި ސާބިތުކޮށްދީފައިވާ ކަމަށެވެ. އެހެން ކަމުން ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ތަނެއް ނެތް ކަމަށް ދައުލަތުން ވަނީ މިއަދުގެ ޝަރީއަތުގައި ބުނެފަ އެވެ.

މިމައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުމެވެ. ނަމަވެސް މި އަޑުއެހުން ބާއްވާނެ ދުވަހެއް ބުނެފަ އެއް ނުވެ އެވެ.