ވ. އާރަށް ފިޝަރީޒް މިނިސްޓްރީގެ ދަށުގައި އޮއްވާ ޓޫރިޒަމް މިނިސްޓްރީގެ ދަށަށް އެރަށް ބަދަލުކުރިކަމާއި އާރަށް ކުއްޔަށް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމު އުޅުއްވިކަންވެސް ކުރިން އެނގިވަޑައިގެންފައި ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މިހުކުމާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ހުކުމް ކުރި ނަމަވެސް ހައިކޯޓުން މިހާރު ވަނީ މި ފައިސާ ދެއްކުން ރައީސް ޔާމީނަށް ފަސްކޮށްދީފަ އެވެ.
އާރަށުގެ މައްސަލައިގައި ދައުލަތުން ޔޫސުފް ނައީމުގެ މައްޗަށް އުފުލި ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވުމާ ގުޅިގެން އޭނާ ވެސް ގެންދަވަނީ ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމާ ގުޅިގެން ހައިކޯޓުގައި މިއަދު އޮތް އިސްތިއުނާފް އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ރިޝްވަތު ހިފިކަމަށް ދައުލަތުން ބުނާ އާރަށް ބޭނުންވެގެން ޔޫސުފް ނައީމު އުޅުއްވި ކަމެއް އެމަނިކުފާނަށް އެނގިވަޑައިގެންފައިވެސް ނުވާ ކަމަށެވެ. ރިސޯޓް ހަދަން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރާ ފަރާތަކީ ޓޫރިޒަމް މިނިސްޓްރީ ކަމަށްވާތީ ރައީސް އޮފީހުން އެ މައުލޫމާތު ނުބަލާނެ ކަމަށެވެ.
އާރަށް ފިޝަރީޒް މިނިސްޓްރީގެ ދަށުގައި އޮއްވާ ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރިކަން އެނގިވަޑައިގެންފައި ނުވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެ ބަދަލު ގެނައީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ކަމަށް ތުހުމަތުކުރެއްވި އެވެ.
ޔާމީން ވިދާޅުވީ ޔޫސުފް ނައީމުގެ ފަރާތުން އެމަނިކުފާނަށް ލިބުނު ކަމަށް ދައުލަތުން ބުނާ ފައިސާ އަކީ ބޭންކް ރޭޓުގައި ޑޮލަރު ގަނެގެން ލިބުނު ފައިސާ ކަމަށާއި އެއީ ރިޝްވަތު ނޫން ކަމަށެވެ. ރައީސް ޔާމީނަށް ލިބުނު ފައިސާ އަކީ ސިޔާސީ ކަންކަމަށް ލިބުނު ފައިސާ ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައިވާތީ ދައުލަތުން ބުނެފައިވަނީ އެގޮތަށް ލިބޭ ފައިސާ ހުންނަންޖެހޭނީ ވަކި އެކައުންޓެއްގައި ކަމަށް އިންތިހާބާބެހޭ ގާނޫނާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުން އެނގޭ ކަމަށެވެ.
ދައުލަތަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަ ހައިސިއްޔަތުން ކުރާ ސިޔާސީ މަސައްކަތްތަކެއް ހުންނާނެ ކަމަށާއި އެ ހައިސިއްޔަތުން ލިބޭ ފައިސާ ޕާޓީ އެކައުންޓަށް އަދި އިންތިހާބަކާ ގުޅިގެން ހަދާ ވަކި އެކައުންޓަށް ޖަމާވާން ނުޖެހޭ ކަމަށެވެ. އަދި ދައުލަތުން އެމަނިކުފާނާ ދެކޮޅަށް ގެންގުޅޭ ބައެއް ލިޔުންތަކުގެ ސައްހަ ފުލުހުން ކަށަވަރު ކޮށްފައި ނުވާ މައްސަލައެއްވެސް ރައީސް ޔާމީން ފެންމަތިކުރެއްވި އެވެ.
ހައިކޯޓުގައި ރައީސް ޔާމީން ރައްދު ދިނުމުގެ ބައި މިއަދު ނިންމާލާފައިވާތީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޔާމީންގެ ވާހަކަތަކަށް ދައުލަތުން ރައްދު ދިނުމެވެ.