ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ އާދޭސް: ގެއަަށް ބަދަލުކޮށްދީ

ތަހައްމަލު ކުރަމުންދާ ސިއްހީ މައްސަލަތަކަކާ ގުޅިގެން ގޭބަންދަށް ބަދަލުކޮށްދިނުމަށް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައިކޯޓުގައި އެދިވަޑައިގެންފި އެވެ.

ހައިކޯޓުގައި މިއަދު އޮތް އަޑުއެހުމަކީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތައް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމްގެ އިސްތިއުނާފް އަޑުއެހުމެކެވެ. ކްރިމިނަލް ކޯޓުން އިއްވި ހުކުމާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށްވެސް ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައިވެ އެވެ. އަދި އެ ފައިސާ ދައްކަން ދިން ހަމަސް ދުވަހުގެ މުއްދަތު ހަމަވިއިރު ފައިސާ ދައްކާފައި ނުވާތީ ދައުލަތުން ވަނީ ރައީސް ޔާމީންގެ އަތުން އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

މިއަދު މެންދުރުފަހު މިއަޑުއެހުން ބާއްވާފައި މިވަނީ އިސްތިއުނާފް އަޑުއެހުންތައް ނުބޭއްވި މަހަކަށް ވުރެ ގިނަ ދުވަސްވުމުން ރައީސް ޔާމީން އާއި އެމަނިކުފާނު ނިސްބަތްވާ ޕީޕީއެމްގެ ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

މިއަޑުއެހުމުގައި މައިގަނޑު ކަމެއްގެ ގޮތުގައި ކުރިއަށް ދިޔައީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުމުގެ އަމުރު ފަސްކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާތީ އެކަމާ ގުޅޭގޮތުން ވާހަކަދެއްކުމެވެ. ރައީސް ޔާމީންގެ ގާނޫނީ ޓީމުން މައްސަލަ ހުށަހެޅުމާ ގުޅިގެން ފުރުސަތަކަށް އެދިވަޑައިގެން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ އުނަގަނޑުގައި ޒަމާންވީ ރިހުމެއް ހުންނާތީ ވަކި ގޮތަކަށް ފަރުވާ ކުރުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑު ބަލި ނުވާތީއެއް ނޫން އަވަސް އަވަހަށް ހޮސްޕިޓަލަށް ނުދަނީ،" އަޑުގައި ހުރި ތުރުތުރަކާ އެކު އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އަބަދު ހޮސްޕިޓަލްގައި އޮންނަން ޖެހުމަކީ އާއިލާ އިން ހިތާމަކުރާނެ ކަމެއް ކަމަށާއި މިވަގުތުވެސް އާއިލާ އިން ކުރާ ހިތާމަތައް އެނގިވަޑައިގަންނަވާ ކަމަށެވެ.

ޖިނާއީ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރުމާއި ކަފާލާތުގެ ދަށުން ދޫކުރުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމުގައި އޮންނަ ކަމެއް ނޫން ކަމަށް ދައުލަތުން ބުނެފައިވާތީ އެކަމާ ގުޅޭގޮތުން ވެސް ރައީސް ޔާމީން ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ ފަނޑިޔާރުން ބޭނުންވާނަމަ އެމަނިކުފާނު ގޭބަންދަށް ބަދަލުކުރެވޭނެ ކަމަށެވެ.

"ވަރަށް އާދޭހާއެކު ދަންނަވަން ގޭބަންދަށް ބަދަލުކޮށްދިނުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ ހައިސިއްޔަތުން ވެސް ހައްގުތަކެއް ލިބޭ މީހެއް ކަމަށެވެ. ނަމަވެސް މިއަދު އެ ހައްގުތަކާ ގުޅުވާ ސިޔާސީ ވާހަކަތަކެއް ދައްކަން ބޭނުން ނުވާ ކަމަށެވެ. ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވުމަށް ކުރެއްވި ހުރިހާ މަސައްކަތެއް ފެއިލްވެ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ދީފައި ވަނިކޮށެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް ދަށު ކޯޓުގެ ހުކުމް އިސްތިއުނާފް ކުރިއިރުވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ކޯޓުގައި އެދިވަޑައިގެންފި އެވެ. ނަމަވެސް އޭރު އެކަމަށް އެދިވަަޑައިގަތީ ސިޓީ އަކުން ކަމަށްވެފައި އެއީ އެފަދަ މައްސަލަތައް ހުށަހަޅަން އޮންނަ އުސޫލު ކަމަށް ނުވާތީ އޭރު މައްސަލަ ނުހިނގާ އޮތީ އެވެ.

ޝަރީއަތުގެ މިއަދުގެ މަޖިލީހުގައި ފަނޑިޔާރުން ވެސް އެވާހަކަތައް އެއްސެވި އެވެ. އެކަމުގެ ޖަވާބުގައި ރައީސް ޔާާމީންގެ ގާނޫނީ ޓީމުން ބުނީ ޖިނާއީ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރުން ފަސްކުރަން އެދުމަށް ހައިކޯޓުގައި ހާއްސަ ފޯމެއް ނޯންނަ ކަމަށެވެ. އަދި އެކަމ ކުރިން ނޫޅެވި އޮތީ އިސްތިއުނާފް މައްސަލަ އަވަހަށް ނިންމަން ބޭނުންވާތީ ކަމުގައިވެސް ވިދާޅުވި އެވެ.