ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

"ތިނަދޫގައި ފެސިލިޓީ އަޅާކަށް ނުނިމޭ، ކުރީ މަޝްވަރާ"

ގދ. ތިނަދޫގައި ކޮވިޑް ފެސިލިޓިއެއް ގާއިމް ކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެޓާ ޖެނެރަލް ތަސްލީމާ އުސްމާނު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް ބަލި މީހުނަށް ފަރުވާ ދޭން ފެސިލިޓީސްތައް ގާއިމް ކޮށްފައިވާއިރު ހުވަދު އަތޮޅުން އެ ބަލި ޖެހޭ މީހުނަށް ފަރުވާ ދިނުމަށް މި ފެސިލިޓި ގާއިމް ކޮށްފައި ވަނީ ގއ. ވިލިނގިލީގަ އެވެ. ނަމަވެސް ތިނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހަކު އެ ފެސިލިޓީއަށް ގެންދަން އުޅުމުން ރަށަށް އެރުވިޔަ ނުދީ ބަޔަކު ވަނީ މުޒާހަރާކޮށްފަ އެވެ.

މި މައްސަލަ އާއި ގުޅިގެން ގިނަ ބަޔަކު ވަނީ ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީ ތިނަދުއަށް ބަދަލު ކޮށްދިނުމަށް ގޮވާލާފަ އެވެ.

ތަސްލީމާ ވިދާޅުވީ ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް އަޅަން މަޝްވަރާ ކުރާ ކަމަށެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް ފެސިލިޓީތަކުގެ އިތުރުން އެހެން ސަރަހައްދެއްގައި ފެސިލިޓީއެއް އަޅަން ނިންމާފައި ނުވިނަމަވެސް ވިލިނގިލީ ހާދިސާ ފަދަ ހާދިސާއެއް ދިމާވުމުން އެކަމަށް ވިސްނަން ސަރުކާރަށް މަޖުބޫރުވާ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ކުރިއަކުން ނޭނގޭނެ ދެއްތޯ މިފަދަ ކަމެއް ހިނގާފާނެ ކަމެއް. އެހެންވީމަ ދެން ސަރުކާރަށް ވިސްނަން ޖެހޭނީ އެހެން ރަށެއްގައި މި ފެސިލިޓީ އަޅާނެ ކަމަށް. ބަލި މީހަކަށް ފަރުވާ ނުލިބި ގެއްލޭ އެންމެ މިނެޓަކީ ވެސް މުހިންމު މިނެޓެއް. މިފަދަ އަމަލަކުން ފަރުވާދިނުން ލަސްވެ މީހާއަށް ގެއްލުން ލިބޭކަށް ބޭނުމެއް ނުވާނެ ދެއްތޯ. އެހެންވީމަ ތިނަދޫގަ ފެސިލިޓީ އަޅަން އަދި ނުއެއް ނިންމާ އެކަމަކު މަޝްވަރާ ކުރެވެމުން ދަނީ." އޭނާ ވިދާޅުވި އެވެ.

ވިލިނގިލީގެ ހިނގައިދިޔަ ހާދިސާއަށް ފަހު ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް ވަނީ، ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް އަޅަން މިހާރު ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާލުވެ ޓްވީޓެއް ކުރައްވާފަ އެވެ. އަދި އެ ފެސިލިޓީން އެއްވެސް ރަށެއްގެ ރައްޔިތަކަށް ތަފާތު ކުރުމެއްނެތި ފަރުވާ ލިބޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން ވިލިނގިލީގައި ހަދާފައި ވަނީ 23 އެނދުގެ ކޮވިޑް ފެސިލިޓީއެކެވެ. ނަމަވެސް ތިނަދޫ އިން ކޮވިޑަށް ޕޮޒިޓިުވް ވި 68 އަހަރުގެ މީހާ އެރަށަށް ގެންދިޔުމުން ވިލިނގިލީ ބަޔަކު ވަނީ އެމީހާ ރަށަށް އެރުވިޔަ ނުދީ މުޒާހަރާކުރުމުން ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ފަރުވާއެއްނެތި ފަޅުތެރޭގައި އޮތް ސީ އެމްބިއުލާންސްގައި އެމީހާ އޮންނަޖެހުނެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ވިލިނގިލިން އެކުރީ އިންސާނިއްޔަތާއި ހިލާފު ވަރަށް ދަށު ދަރަޖައިގެ އަމަލެެއް ކަަމަށް ބުނެފަ އެވެ. އަދި އެކަން ކުރި ބަޔަކާ ދޭތެރޭ ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލާފަ އެވެ