ވާހަކަ

ގިސް

(ދެވަނަ ބައި)

"ކިހިނެއް ޒޫނާ؟ އަހަރެން..." ބުނަން އުޅުނު ވާހަކަ ކަރުބުޑުގައި ތާށިވި ކަހަލައެވެ.
"މާގިނަ ދުވަސް ނުނަގާ ނިންމަން ފެންނަނީ،" މަންމަގެ ކެތްތެރިކަން ކޮޅުންލާފައިވާ ކަހަލައެވެ. "ބައްޕަ ވެސް ބޭނުންވަނީ މިގޮތް."
"މަންމާ." އަކުރުތަކަށް ދަމައިލަމުން އަހަންނަށް ބުނެވުނެވެ. "އަދި މާ އަވަހެއްނު."
"ދިރިއުޅުމަކީ ފެށީމަ ކުރިއަށްދާ ކަމެއް. ދިރިއުޅުމަކީ ވެސް ވާހަކައެއް. ވާހަކައިގައި ކަންކަން ހިނގާނީ ދިރިއުޅެން ފަށާ ހިސާބުން. ރައްޓެހިވެގެން އުޅުމަކީ އެއީ ދިރިއުޅުމެއް ނޫން. އެއީ ނުފަށާ ވާހަކައަކާ އެއްފަދަ. އެ ވާހަކަ އޮންނާނީ ހިތުގައި. ސިކުނޑީގައި،" މަންމަ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "ޒޫނާއަކީ ކޮންކަހަލަ ކުއްޖެއްކަން މަންމަމެން ބަލައިފިން. އެއީ ދަރިފުޅު ބޭނުންވާ ކަހަލަ ފުރިހަމަ ކުއްޖެއް. އުނިކަމެއް ހުރިނަމަ އެކަން ދެނެގަނެ އިސްލާހުކޮށްލަން އެނގޭނީ ވެސް މި ބުނާހެން ދިރިއުޅުމުގެ ބިންގާ އެޅުނީމަ."

އަހަރުމެން ކާވެނީގެ ބިންގާ ފަތުރާލެވުނީ މަންމައާއި ބައްޕަގެ ލަފާގެ މަތިންނެވެ. އުފާވެރި ދުވަސްތަކަކަށް އުއްމީދުކޮށްގެންނެވެ. ދިރިއުޅުމުގެ ކުލަތައް ހިތުގައި ކުރަހައިގެންނެވެ. ކާވެނީގެ ކުރިން ދުށް ހުރިހާ ހުވަފެންތަކެއް ޒޫނާގެ ސިކުނޑީގައި އަހަރެން ކުރަހައިލަދިނީމެވެ. އިއްތިފާގުން ޒޫނާގެ ވިސްނުމާއި އޭނާގެ ތަސައްވަރުތަކާ އެއް ކަށްޓާއަކުން ކިރެއެވެ. އެއްވެސް ތިލަފަތަކަށް ބަރެއް ނުވެއެވެ.

ކާވެނީގެ ފަހުން އަހަންނަށް އާދަޔާ ހިލާފު އުފާވެރި އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ. ގޭތެރެއަށް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. މަންމަގެ މޫނުމަތި ހުންނަނީ ވިދަވިދައެވެ. ޒޫނާގެ ހަރަކާތްތަކާއި މަންމަގެ ހަރަކާތްތައް މެހުމުން ފެންނަނީ ހުވަފެނީ މަންޒަރެކެވެ. ސާފު ތަސްވީރެކެވެ. ހިތްގައިމު ގުޅުމެކެވެ.

"އެންމެ ކަމެއް މަދުވަނީ،" މަންމަ ހިނިތުންވެލިއެވެ. "މި ބުނީ ގޭތެރޭގެ ފަޅުކަން ފިލުވާލަން އެންމެ ކަމެކޭ މިހާރު މަދުވަނީ."

އަހަންނާއި ޒޫނާ އިނީ ސޯފާގައެވެ. މަންމައާއި ބައްޕަ އިނީ ކުރިމަތީ ހުރި ގޮނޑީގައެވެ. ވަރަށް ފަރުވާތެރިކަމާއެކު ބިލެތްގަނޑުގައި ފޯއްޅިޔަތައް އަތުރައިލުމަށް ފަހު ބައްޕައަށް ދިއްކޮށްލިއެވެ. ބައްޕަ ބަލައިލީ މަންމަގެ މޫނަށެވެ. ދެ މީހުން ހަތަރުކަޅި ހަމަކޮށްލިއެވެ. އަހަރެން ބަލައިލީ ޒޫނާގެ މޫނަށެވެ. ޒޫނާ ވެސް އަހަރެންގެ މޫނަށް ބަލައިލިއެވެ. ޒޫނާގެ މޫނުމަތިން ލަދުވެތިކަމުގެ ހަރަކާތްތައް ދުވެލި މަންޒަރު ފެނުނެވެ.

"މަންމަގެ ނަން އެހެން ނަމަކަށް ބަދަލުވާން ބޭނުންވަނީ. އެ ހުވަފެން ފެންނަނީ." މަންމަ ހިނިތުންވެލަމުން އަހަންނާ ދިމާއަށް ބަލައިލިއެވެ.
"މަންމާ!" އަހަރެން ވެސް ފާޑަކަށް ލަދުގަންނަ ގޮތްވިއެވެ.
"ކިހިނެއްވީ؟" މަންމަ ކޮޅަށް ތެދުވިއެވެ.

ލަސްފިޔަވަޅުތަކެއް އަޅަމުން މަންމަ އައީ އަހަރުމެން ގާތަށެވެ. މަންމަ އިށީނީ ޒޫނާގެ ކަނާއަތް ފަރާތުގައެވެ.

"މީ މަންމަމެން ބޭނުންވި ކަހަލަ ކުއްޖެއް. މަންމަމެން ދުށް ހުވަފެނުގެ ރާނީ. މަންމައަށް ޔަގީންކަން އޮވޭ ޒޫނާއަށް. ޒޫނާ ކިޔެވުން ނުނިމުނަސް، ހާސްނުވޭ މަންމަ އަބަދުވެސް ހުންނާނީ ގާތުގަ. މަންމަގެ އުނގުފަޅުފިލާ ވަރުވުމުން އެއްވެސް އުނދަގުލެއް ނުވާނެ." ޒޫނާގެ ބުރަކަށީގައި ފިރުމާލަމުން މަންމަ ބުނެލިއެވެ.

އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޒޫނާ ވައަތުން އަހަރެންގެ އަތްތިލައިގައި ހިފާ ބާރުކޮށްލިއެވެ.
އެ ދުވަހުގެ ރެޔެވެ. އަހަންނަށް ހޭލުވުނީ ޒާތެއްގެ އަޑެއް އިވޭތީއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ދެ ލޯ ހުޅުވާލީމެވެ. އަޑު އައީ އަހަރެން ގާތުންކަން އެނގުނެވެ. އަވަސްއަވަހަށް ބަލައިލީމެވެ. ޒޫނާ ކޮބައިތޯއެވެ. ލިބުނީ ހައިރާން ކަމެވެ. ޒޫނާގެ އުނަގަނޑާއި މޭކަށި ގަނޑާ ދެމެދުއޮތީ ހިއްލިފައެވެ. އުފުލިފައެވެ. އޭނާގެ ބޯ ވަނީ ބާލީހުގައި ވިދިފައެވެ. ދެ ފައިތިލަ އޮތީ ގޮދަޑީގައެވެ. ޒޫނާ ދެއަތުން ކަރުގައި ހިފައި ބާރުކުރަނީއެވެ.

އަހަންނަށް އަވަސް ހަރަކާތްތަކަކާއެކު ޒޫނާއަށް ގޮވާލެވުނެވެ. އޭނާގެ ދެ ކޮނޑުގައި ހިފައި ތަޅުވާލެވުނެވެ. މޭގައި އަތްއަޅާއި ތިރިކޮށްލެވުނެވެ. ޒޫނާ ހަމައަކަށް އެޅޭތޯ އޭނާގެ މޫނަށް ފެން ބުރުވީމެވެ. ނަމަވެސް އެއްގޮތެއް ވެސް ނުވިއެވެ. ޒޫނާ އުޅެނީ ނޭވާ ހާސްވެތީއެވެ. ނޭވާލާން އުނދަގޫވާތީއެވެ. މެއަށް ތަދުވާތީއެވެ. ހީވަނީ އޭނާގެ ކަރުގައި އެއްޗެއް ތާށިވެގެން އުޅޭހެންނެވެ. އެންމެފަހުން ގޮތް ހުސްވާވަރުވިއެވެ.

މަންމައަށް ގޮވަން ވެސް ހިތަށް އެރިއެވެ. ނަމަވެސް އެ ހާލުގައި ޒޫނާ ދޫކޮށްލައިފައި ދާން ހިތް ދެކޮޅު ހެދިއެވެ. އެއް އަތުން ފޯނު ނަގައި މަންމަގެ ނަންބަރަށް ގުޅައިލީމެވެ. މަންމަ ފޯނެއް ނުނަގައެވެ. ރަނގަޅަށް ގަޑި ބަލައިލީމެވެ. އޭރު މެންދަމުން އަލިވެ ތިނެއް ޖަހަން އުޅެނީއެވެ. އެހެންވެ އަނެއްކާ ވެސް ގުޅައިލީމެވެ. ނަމަވެސް ފޯނަށް ޖަވާބެއް ނުލިބުނެވެ. ދެން ހިތަށް އައީ ބައްޕައަށް ގުޅާށެވެ. ބައްޕަގެ ފޯނުން ދެތިން ފަހަރު ރަނގަބީލުވީ އިރަށް ފޯނު ނެގިއެވެ. ހާސްވެފައި ހުރި ވަރުން ބުނެވުނީ ކީކޭ ކަމެއް ވެސް ނޭނގުނެވެ. އިރުކޮޅެއް ނުވަނީސް މަންމައާއި ބައްޕަ ކޮޓަރިއަށް އައެވެ.

"އަދި ހަމަ ބަލަމުން މިދަނީ،" އަހަރެންގެ މޫނަށް ބަލައިލަމުން ޑޮކުޓަރު ބުނެލިއެވެ. "އެއްޗެއް ދަންނަވަން ވަރަށް ދަތި. ހުން ވެސް ހުރީ ތަންކޮޅެއް މަތީގައި. އަދި އެއްކޮށް ސްޓޭބަލްއެއް ވެސް ނޫން. ފެންނަ އަލާމަތްތަކާއި ހަރަކާތްތައް ހުރި ގޮތުން ބޮޑަށް ގަބޫލުކުރެވެނީ ހިތާއި ގުޅުން ހުރި މައްސަލައެއް ކަމަށް."

އަހަރެންގެ އަތުގައި ހިފައިލީ ބައްޕައެވެ. އަހަންނަށް ބައްޕަގެ މޫނަށް ބަލައިލެވުނެވެ. ބައްޕަ ވެސް އަހަރެންގެ މޫނަށް ބަލައިލިއެވެ. ހިތްވަރުކުރާށޭ ބުނާ ފަދަ ބީދައަކުންނެވެ. އޭރު ދެ ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް އޮހިގަންނަން ތައްޔާރުވަނީއެވެ. ޑޮކުޓަރަށް ޝުކުރު އަދާކުރުމަށްފަހު އަހަރެން ތެދުވެލީމެވެ. އަހަރެންގެ ކޮނޑުގައި ބައްޕަގެ އަތް ބާއްވާލަމުން ޑޮކުޓަރުގެ ކޮޓަރިން ނުކުތީމެވެ. އަހަންނަށް ހުއްޓެވުނެވެ. ފާރުގައި ދެ އަތް ޖައްސާލެވުނެވެ. އޭރު ލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތެވެ. އިރުކޮޅެއް ވަންދެން އެ ގޮތުގައި ހުރީމެވެ. ވަރަށް ލޯބިން އަހަރެންގެ ބުރަކަށީގައި ބައްޕަގެ ދެ އަތުން ފިރުމާލިއެވެ. އަހަންނަށް ބަލައިލެވުނީ ބައްޕަގެ މޫނަށެވެ. އަވަސް ހަރަކާތްތަކަކާއެކު ބައްޕަގެ ގައިގައި އޮޅުލައި ގަނެވުނެވެ. ބައްޕަ ވެސް އަހަރެންގެ ގައިގައި ބައްދައިލިއެވެ. ބައްޕަގެ ކޮނޑުގައި ދަތްދޮޅި ވިއްދާލައިގެން އޮވެ އެތައް އިރެއް ވަންދަން އަހަންނަށް ރޮވުނެވެ. ގިސްލެވުނެވެ.

"ހިތްވަރު ކުރަންވާނެ. އަދި ވީގޮތެއް ވެސް ނޭނގެއެއްނު،" ކުރަކިވެފައިވާ އަޑަކުން ބައްޕަ ބުނެލިއެވެ. "ދަރިފުޅު ތިގޮތަށް އުޅެން ފަށައިފި ނަމަ މަންމަ މާދެރަވާނެ. ކަންބޮޑުވާނެ. މަންމައަށް ކުރާ އަސަރު މާބޮޑުވާނެ."

ބައްޕަގެ އަޑު ޖެހުމުން ހިތުގެ ހިނގުން އަވަސްވިއެވެ. އަހަންނަށް ޔަގީންކުރެވުނީ ބައްޕަ ވެސް ރުއިކަމެވެ. އަހަރެންގެ ހިތައިމައިގައި ބައިވެރިވިކަމެވެ.

"ހަމައަކަށް އެޅުމުން ބޭރަށް ގޮސް ޑޮކުޓަރަށް ދެއްކޭތޯ ބަލާނީދޯ. އެހެންވީމަ މާ ކަންބޮޑުނުވޭ، އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއް ނުވާނެ." އަހަންނަށް ހިތްވަރު ދިނުމުގެ ގޮތުން ބައްޕަ ބުނެލިއެވެ.

ޒޫނާ ހަމައަކަށް އެޅުނީ ދެތިން ދުވަސްފަހުންނެވެ. ގެއަށް ދޫކޮށްލި ނަމަވެސް މުޅިއަކުން ހަމައަކަށް ނޭޅެއެވެ. މުޅި މީހާ އިންނަނީ ގަބުފެވައެވެ. ނެގިމަޑުވެ ހުއްޓުން އަރާފައެވެ. ވާހަކަދައްކާ ނުހަދައެވެ. ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނީ ނުކުރެއެވެ. ތެދުވެ ހެލިފެލިވެ އުޅުން މަނާކޮށްފައި އޮތުމުން އަރާމުކުރަން ބޭއްވީއެވެ. އުނދަގޫވާނެ އެއްވެސް ކަމެއް ނުކުރަމެވެ. ގޭތެރެއަށް ވެރިވެފައި ވަނީ އާދަޔާޚިލާފު ހިމޭންކަމެކެވެ. މުޅި ގޭތެރެ ވެސް ހީވަނީ ފަޅު ތަނެއް ހެންނެވެ. އަހަރެން އުޅުނީ ޒޫނާ ޑޮކުޓަރަށް ދެއްކުމަށް ބޭރަށް ފުރޭނެ ގޮތެއް ވޭތޯއެވެ. ޓިކެޓު ހަމަޖެއްސުމުގެ ކަންކަމުގައެވެ. ޒޫނާ ގޮވައިގެން އިންޑިޔާއަށް ފުރީ އަހަންނާ މަންމައާއި ބައްޕައާ އެކުގައެވެ. ފުރުމުގެ ކުރިން ޑޮކުޓަރަށް ދެއްކުމާއި ތިބުމުގެ ހުރިހާ ކަމެއް ބައްޕަ އޮތީ ހަމަޖައްސާފައެވެ.

"ޓެސްޓުތަކުގެ ނަތީޖާތަކުން ދައްކާ ގޮތުން މިއީ 'ބުރުގަޑާ ސިންޑޮރަމް' ކިޔާ ހިތުގެ ބައްޔެއް،" އިނގިރޭސި ބަހުން ޑޮކުޓަރު އޮޅުންފިލުވާދިނެވެ. "މިއީ ހިތުގެ ހިނގުން އަވަސްވާ ގޮތްވުމުން ދިމާވާ މައްސަލައެއް، ގިނަފަހަރު މި ބަލި މިއީ ވާރުތަވާ ބައްޔެއް. އާއިލާގައި މި ފަދަ ބަލި މީހެއް ހުރި ނަމަ އެފަދަ އާއިލާއެއްގެ މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު."

އަހަންނަށް ބަލައިލެވުނީ ބައްޕަގެ މޫނަށެވެ. ޑޮކުޓަރުގެ ކޮޓަރީގައި އެ ވަގުތު ތިބީ އަހަންނާއި ބައްޕަ އެކަންޏެވެ. ދެވަނަ ސިކުންތުގައި ޑޮކުޓަރަށް ބަލައިލެވުނެވެ.

"ބަލިމީހާގެ އާއިލާގައި އެފަދަ ބަލި މީހެއް އުޅޭތަ؟ މި ބުނީ ހިތުގެ ބަލިތައް ހުންނަ މީހެއް؟" ޑޮކުޓަރު ސުވާލުކޮށްލީ އަހަރެންގެ މޫނަށް ބަލައިގެން އިނދެއެވެ.
"އާދެ، ބަލިމީހާގެ މަންމަ. ސްޓުރޯކެއް ޖެހިގެން މީގެ ދިހަވަރަކަށް އަހަރު ކުރިން ވަނީ ނިޔާވެފަ. މާގިނަ މައުލޫމާތެއް ނުލިބޭ." އިނގިރޭސި ބަހުން އަހަރެން ވެސް އޮޅުންފިލުވާދިނީމެވެ.
"ކިހިނެއްތޯ އަޅުގަނޑުމެން ކަންތައް ކުރަންވީ؟ މި ބައްޔަށް އެއްވެސް ފަރުވާއެއް އެބަ އޮތްތޯ؟ ސަލާމަތްވާނެ ކަމުގެ ޔަގީންކަން އެބަ އޮތްތޯ؟" އެއް ނޭވާއިން ބައްޕަ އަމުނާލިއެވެ.
ޑޮކުޓަރު ފުން ނަޒަރަކުން ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އެ ބެލުމުގައި އެތައް ވާހަކައެއް ހިމެނޭކަން އަހަންނަށް ވިސްނައިލެވުނެވެ. އެކަން ދޭހަވިއެވެ.
"ބުރުގަޑާއަކީ ކޮންކަހަލަ ބައްޔެއްތޯ؟" އަހަންނަށް ވެސް އަހައިލެވުނެވެ.
"ހިތުގެ ހިނގުމަށް އަސަރުކުރުން. ބައެއް ފަހަރު ހިނގުން އަވަސްވުން، ލަސްވުން. މިކަމުގެ އަސަރު ކުރާނީ އަރާމުކުރާ ވަގުތު ނުވަތަ ނިދާ ވަގުތު. މި ބަލީގެ އަސަރުތައް ބޮޑަށް ފެންނާނީ ފުރާވަރުން މަތީގެ މީހުންނާއި މެދު އުމުރުގެ މީހުންނަށް. އެނޫން ހާލަތްތަކުގައި ވެސް ފެނިދާނެ. އުމުރުން ދުވަސްވީ މީހުންނަށް މިއީ ނުރައްކާތެރި ބައްޔަކަށްވޭ. ގާތްގަނޑަކަށް ސާޅީސް އަހަރު މީހުންނަށް މި ބަލީގެ އަސަރުކުރުމުން ކުއްލިއަކަށް މަރުވާ ގޮތް ވެސް އެބަ ދިމާވޭ. ހަމައެހެން، އުފަންވާއިރު މިބަލީގެ އަސަރުކުރާ ކުދިނާއި އެއް އަހަރުގެ ކުދިންނަށް މި ބަލި ޖެހިއްޖެ ނަމަ ވެސް މިދެންނެވި ގޮތަށް މަރުވާކަމަށް ދިރާސާތަކުން ފެނޭ." ޖުމުލަތަކަށް ހުއްޓަމުން ލަސްލަހުން ޑޮކުޓަރު ކިޔައިދިނެވެ.

އަހަންނަށް އިސް ޖަހައިލެވުނެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޮހިގަންނަން ތައްޔާރުވުމުންނެވެ. އެކަން ފޮރުވާން މަސައްކަތް ކުރަމުން ދިޔައީމެވެ.

"މާބޮޑަށް ފިކުރު ބޮޑު ނުކުރޭ. މިއީ އާއްމުވަމުން އަންނަ ބައްޔެއް. ނަންބަރުތަކަށް ބަލާއިރު ކޮންމެ ދިހަ ހާސްމީހުންގެ ތެރެއިން ފަސް މީހުންނަށް މިބަލި ޖެހިފައިވާ ކަމަށް ދިރާސާތަކުން ފެނޭ. އާއްމުކޮށް އަހަރުމެން ނިސްބަތް މިވާ އޭޝިއާގައި މިބަލި ގިނަ. ޖަޕާނުފަދަ ގައުމުތަކުގައި ވެސް." ޑޮކުޓަރު ހުއްޓައިލިއެވެ.

އަހަންނަށް އިސްއުފުލާ ބަލައިލެވުނެވެ. ޑޮކުޓަރު ބަލަން އިނީ ސީދާ އަހަރެންގެ މޫނަށެވެ.

"ދިރާސާތަކުން ދައްކާގޮތުގައި އަންހެނުންނާއި ފިރިހެނުންނަށް ވެސް މި ބަލި ޖެހޭ. ގިނަ ދިރާސާތަކުން ފެންނަކަމަށް ދިރާސާވެރިން ބުރަވަނީ މި ބަލީ ޖެހޭ ފިރިހެނުންގެ ތެރެއިން ކޮންމެ ދިހަ މީހުންގެ ތެރެއިން އަށް މީހުންނަކީ ޖިންސީ ހޯމޯންތައް އާދަޔާ ޚިލާފަށް ގިނަ މީހުންކަމުގައި. އެހެން ދިމާވަނީ ކީއްވެތޯ ބަލަން އަދިވެސް ތަހުލީލު ކުރަމުން އެދަނީ. މިހާތަނަށް ޔަގީންވަނީ މިއީ ވާރުތާވާ ބައްޔެއްކަން." ޑޮކުޓަރު ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ފަރުވާއެއް ނެތްތޯ؟" ބައްޕަ ސުވާލުކޮށްލިއެވެ.
"މާބޮޑަށް ސިވިއަރ ކޭސްތައް، މިސާލަކަށް ހޭނުތުން، ނޭވާ ހާސްވުން ފަދަ ކަންކަން ދިމާވާނަމަ އައިސީޑީއެއް ލައްވައިގެން ހިތުގެ ހިނގުން ހަމައަކަށް އެޅުވިދާނެ." ޑޮކުޓަރު ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
"އައިސީޑީ؟" އަހަންނަށް ބުނެލެވުނެވެ.
"އިންޕްލާންޓެބަލް ކާޑިއޯވަރޓަރ ޑިފިބްރިލޭޓަރ، ކުރުކޮށް މިކިޔަނީ އައިސީޑީ، މިއީ ކުޑަ ބެޓެރިއެއް ހިމެނޭ ޑިވައިސެއް، މޭގައި ތަތްކޮށްލައިފަ އިންނަ. އެއިން ބަލާނެ ހިތުގެ ހިނގުން، މާބޮޑަށް ހިނގުން ދަށްނަމަ އެއިން ޝޮކެއް އުފައްދާނެ." ޑޮކުޓަރުގެ ކޮންޕިއުޓަރ ސްކުރީނު އަހަރުމެންނަށް ދައްކާލިއެވެ.
"މާނައަކީ މިގޮތަށް އައިސީޑީއެއް ލައްވާން ޖެހޭނޭތަ؟" އަހަންނަށް ހިންދިރުވާލެވުނެވެ.
"ބަލިމީހާގެ ހާލަތު ހުރިގޮތުން، މި ވަގުތަށް އެންމެ ރަނގަޅީ މި ފަރުވާ. އެކަމަކު." ޑޮކުޓަރު ހުއްޓާލިއެވެ.
"ކިހިނެއްތޯވީ؟" ބައްޕައަށް ވެސް ކެތް ނުކުރެވުނެވެ.
"މީގައި އެބަހުރި ގޮންޖެހުންތަކެއް ވެސް. މިބުނީ މި ދަންނަވާ އައިސީޑީއަކީ ވެސް ދާއިމީ އެއްޗަކަށް ނުވެފައި ބައެއް ފަހަރު އެއިން ބޭކާރު ޝޮކުތައް އުފައްދާ ވާހަކަ. އެހެންވީމަ ވަރަށް ބަލައިގެން އުޅެން ޖެހޭނޭ."
"މާނައަކީ؟" ހިތުގައި އުތުރިގަތް ސުވާލުތައް ބޭރުކޮށްލެވޭތޯ ބެލީމެވެ.
"މި ކަހަލަ ކޮންމެ ކަމަކީ ވެސް ސީދާ ސަތޭކަ ޕަސަންޓު ޔަގީންކަން އޮންނަ ކަންކަމެއް ނޫން. އާއްމުކޮށް ހިތުގެ މައްސަލަތަކަކީ ވަރަށް ނާޒުކު މައްސަލަތަކެއް."
"އެހެން ގޮތެއް ނުވާނެތޯ؟" ބައްޕަ ސުވާލުކޮށްލިއެވެ.
"އަހަރެން މިދޭ މައުލޫމާތުތައް ރަނގަޅަށް ކިޔާ، އަދި ފުންކޮށް ވިސްނުމަށްފަހު ގޮތެއް ނިންމާ. މަޝްވަރާކުރަން ޖެހޭ ފަރާތްތަކާ މަޝްވަރާކޮށްލާ ވިސްނައިލަން ވަގުތު ކޮޅެއް މިދެނީ." ޑޮކުޓަރު ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
(ނުނިމޭ)