ހަބަރު

ބިދޭސީ ވަކީލުންނަށް ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ދެނީ

ރާއްޖޭގެ ކޯޓެއްގައި ހިނގާ މައްސަލަތަކުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާ ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދީފި އެވެ.

ބާ ކައުންސިލިން އާންމު ކުރި ގަވާއިދުގައި ބުނެފައި ވަނީ ރާއްޖޭގެ ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރެވޭނީ ކޯޓެއްގައި ހިނގަމުންދާ މައްސަލަތަކުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ އަދި ވަކި މުއްދަތެއް ވަންދެން ކަމަށެވެ. އަދި ބިދޭސީ ވަކީލަކަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް އެދި ބާ ކައުންސިލަށް ހުށަހެޅޭނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ރަޖިސްޓްރީ ކޮށްފައިވާ ލޯ ފޯމްތަކަށް ކަމަށެވެ.

ގަވާއިދުގައިވާ ގޮތުން ވަކާލާތު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، ބިދޭސީ ގާނޫނީ ވަކީލު އައްޔަނުކުރަން ބޭނުންވާ ފަރާތުން، ބާ ކައުންސިލުން އެ ކަމަށް ކަނޑައަޅައި، ބާ ކައުންސިލުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ފޯމުންނެވެ.

މިހާރު އަމަލު ކުރަން ފަށާފައިވާ މި ގަވާއިދުގެ ދަށުން ބިދޭސީ ގާނޫނީ ވަކީލު ޝަރީއަތުގައި ވާހަކަ ދެއްކުމަށް ގަސްތުކުރާ ބަހުން ވާހަކަ ދެއްކުމާމެދު މައްސަލަ ބައްލަވާ ފަނޑިޔާރުގެ އިއުތިރާޒެއް ނެތްކަން އެނގޭނެ ލިޔުމެއް ނުވަތަ ބިދޭސީ ގާނޫނީ ވަކީލަށް ޝަރީއަތުގެ މަޖިލީހުގައި ހިނގާ ކަންކަން ތަރުޖަމާ ކޮށްދިނުމާއި، އަދި ދައްކާ ވާހަކަތައް ޝަރީއަތަށް ތަރުޖަމާ ކޮށްދިނުމަށް ޓަކައި ތަރުޖަމާނެއް އައްޔަނު ކޮށްފައިވާކަން އަންގައިދޭ ލިޔުމެއް ކޯޓަށް ހުށަހަޅާންޖެހެ އެވެ. އަދި ވަކީލަށް ހުއްދަ ދިނުމުގައި އިތުރު ލިޔުންތަކަށް ބަލަންޖެހޭ ކަމަށް، ބާ ކައުންސިލަށް ފެންނަ ހާލަތުގައި، އެ ލިޔުންތައް ހޯދުމަށް، ބާ ކައުންސިލަށް އެދެވިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ބިދޭސީ ވަކީލު ރާއްޖެއަށް އެތެރެވެފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަކީ ވަކީލު އައްޔަނު ކުރަން ބޭނުންވާ ފަރާތުގެ ޒިންމާއެކެވެ. މީގެ އިތުރުން ވަކާލާތު ކުރުމަށް ހުއްދަ ދެވޭނީ ރާއްޖޭގެ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި، ބިދޭސީ ވަކީލަކީ ވަކާލާތު ކުރުމުގެ ސައްހަ ހުއްދައެއް ލިބިފައިވާ ވަކީލެއްކަން ކަށަވަރު ކުރުމާއި، ކުށުގެ ރެކޯޑެއް ނެތް ވަކީލެއްކަން ކަށަވަރުކުރުމުންނެވެ. އަދި ވަކާލާތު ކުރުމުގެ ހުއްދައަށް އެދޭ މައްސަލައަކީ މަތީ މަރުހަލާގެ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއް ކަމަށް ވާނަމަ، ވަކާލާތު ކުރުމުގެ ހުއްދައަށް އެދޭ މައްސަލައަކީ ރާއްޖޭގެ ހައިކޯޓުގައި ހިނގަމުންދާ މައްސަލައެއް ކަމުގައި ވާނަމަ، ވަކާލާތު ކުރުމުގެ ހުއްދަ ލިބުނުތާ ތިން އަހަރު ވެފައިވާ ވަކީލަކަށް ވުމާއި، އެ ވަކީލަކު ވަކާލާތުކުރާ ޖުރިސްޑިކްޝަނެއްގެ އިސްތިއުނާފީ ކޯޓެއްގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތް ވަކީލަކަށްވާން ޖެހެ އެވެ.

ވަކާލާތު ކުރުމުގެ ހުއްދައަށް އެދޭ މައްސަލައަކީ ރާއްޖޭގެ ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައެއް ކަމުގައި ވާނަމަ، ވަކާލާތު ކުރުމުގެ ހުއްދަ ލިބުނުތާ ފަސް އަހަރު ދުވަސް ވެފައިވާ ވަކީލަކަށްވުމާއި، އެ ވަކީލަކު ވަކާލާތުކުރާ ޖުރިސްޑިކްޝަނެއްގެ އެންމެ މަތީ މަރުޙަލާގެ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތް ވަކީލަކަށް ވާންޖެހޭނެ ކަމަށްވެސް ގަވާއިދު ބުނެ އެވެ. އަދި ވަކާލާތު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައިގެ ބާވަތަކީ، ދިވެހިރާއްޖެއިން އެ ކަމުގެ ފަންނީ އަދި ގާބިލު ވަކީލުން ލިބެން ނެތް ނުވަތަ އެފަދަ ވަކީލުން މަދު ދާއިރާއެއް ކަމުގައި ވުމުން ނޫނީ އެކަމުގެ ހުއްދަ ނުލިބޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މި ގަވާއިދާ އެއްގޮތަށް ބިދޭސީ ގާނޫނީ ވަކީލުންނަށް ދޫކުރާ ހުއްދައިގެ މައުލޫމާތު، ބާ ކައުންސިލުގެ ވެބްސައިޓުގައި ޝާއިއު ކުރަންވާނެ އެވެ. އަދި ހުއްދައެއް ދޫކުރާ ކޮންމެ ފަހަރަކު، އެފަދަ ހުއްދައެއް ދޫކުރިކަން، ވަކާލާތު ކުރުމަށް ހުއްދަ ދިން މައްސަލަ ހިނގަމުންދާ ކޯޓަށް، ބާ ކައުންސިލުން އަންގަންވާނެ ކަމަށާއި ވަކާލާތު ކުރުމުގެ ހުއްދަ ދިން
މައްސަލަ ނިމުމުން، އެ މައްސަލައެއް ނިމުނުކަން، އެ ވަކީލަކު އައްޔަނުކުރަން އެދުނު ފަރާތުން، ބާ ކައުންސިލަށް އަންގަންވާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

އެ ގަވާއިދުގެ ދަށުން ބިދޭސީ ވަކީލުންނަށް ހުއްދަ ދޭނީ އެއް އަހަރުގެ މުއްދަތަށް ކަމަށާއި ހުއްދަ އާ ނުކުރާ ނަމަ ނުވަތަ ވަކާލާތު ކުރަން ހުއްދަ ދިން މައްސަލަ ކޯޓުން ނިމުމާ އެކު އެ ހުއްދަ ބާތިލްވާނެ އެވެ. އަދި ސުލޫކީ މިންގަނޑާ ހިލާފްވެގެން އެފަދަ ވަކީލަކާ މެދު ބާ ކައުންސިލުން ފިޔަވަޅު އަޅައިފި ނަމަ ވެސް ބިދޭސީ ވަކީލުންގެ ހުއްދަ ބާތިލް ކުރެވިދާނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ. މީގެ އިތުރުން އެ ވަކީލަކު މަސައްކަތްކުރަން ހުއްދަ ދިން މައްސަލަ ނޫން އެހެން މައްސަލަތަކުގައި އެ ވަކީލަކު މަސައްކަތް ކޮށްގެން ނުވާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

ބިދޭސީ ގާނޫނީ ވަކީލުންނަށް ހުއްދަ ދިނުމުގައި އެ ވަކީލަކު ވަކާލާތުކުރަން އެދޭ މައްސަލަ ހިނގަމުންދާ ޝަރުއީ ކޯޓަކުން ބަލައި، ހުއްދަ ދިނުމަށް ނަގާނެ ފީތަކެެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ދަށު ކޯޓުގައި ވަކާލާތު ކުރުމަށް ނަމަ، 2000 ރުފިޔާ، ހައިކޯޓުގައި ވަކާލާތު ކުރުމަށް ނަމަ، 5،000 ރުފިޔާ އަދި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމަށް ނަމަ 10،000 ރުފިޔާގެ ފީއެއް ނަގާނެ އެވެ. ނަމަވެސް ބިދޭސީ ގާނޫނީ ވަކީލަށް ވަކާލާތު ކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން އެދޭ ހާލަތުގައި، ހުއްދަ އަލުން ދިނުމަށް އިތުރު ފީއެއް ނުނަގާނެ އެވެ.