ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮންމެ ފިޔަވަޅަކީ ވެސް ރައްޔިތުންގެ ސަލާމަތްތެރިކަން

ރާއްޖެއިން ކޮވިޑްގެ ކޭހެއް ފުރަތަމަ ފެނިފައި ވަނީ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ. ކޮވިޑްގެ ބަލިމަޑުކަން ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރެން ފެށުމާއެކުވެސް ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. ހާއްސަކޮށް ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންނާއި ދަތުރުވެރިން ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސިއެވެ. އިންޓަނޭޝަނަލް ހުރިހާ އެއާޕޯޓްތަކެއްގައި ތާމަލް ކެމެރާ ހަރުކޮށް ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަަވަޅުތަކެއް އެޅިއެވެ.

އޭގެ ފަހުން ކޮވިޑްގެ ބަލި މީހަކު ރާއްޖެއިން ފެނުމާއި ގުޅިގެން އިތުރު ފިޔަވަޅުތައްވެސް އަޅަން ފެށިއެވެ. އުނދަގޫ އެެހެން ނަމަވެސް މުހިންމު އެތައް ފިޔަވަޅެއް ސަރުކާރުން އެޅީ މަޖުބޫރީ ހާލަތުގަައި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައެވެ. އެންމެ މުހިންމު އެއް ފިޔަވަޅަކީ ރާއްޖޭގެ ބޯޑަރު ބަންދުކޮށް ރާއްޖޭގެ އިގުތިސާދުގެ މައި ތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ އިންޑަސްޓްރީ މަސްތަކަކަށް ހުއްޓާލުމެވެ. ހަތަރު މަސް ދުވަހު އެއާޕޯޓް އޮތީ ހުހަށެވެ. ފަތުރުވެރި ހިތްގައިމު ރަށްތައް ހުރީ ފަޅަށެވެ.

މިއީ ރާއްޖޭގެ އިގްތިސާދަށް ދުވަަހަކުވެސް ނުލިބޭނެ ފަދަ ބޮޑު ގެއްލުމެއް ލިބޭނެ ފިޔަވަޅެއް ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް އެ ފިޔަވަޅު އެޅުމަކީ ކޮންމެހެން މަޖުބޫރު ކަމަކަށްވިއެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އެ ފިޔަވަޅު އެޅިއެވެ. ނަމަވެސް އެ ގައުމުތަކަކީ އިގްތިސާދީ އެހެން ސިނާއަތްތައް ހުރި ގައުމުތަކެވެ. އެހެން ކަމުން ބޯޑަރު ބަންދުކުރި ނަމަވެސް އެތެރޭގެ އިގްތިސާދު ހިންގައިގެން ގައުމު ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތެވެ.

ރާއްޖެއަކީ އެފަދަ ފުރުސަތުތަކެއް ނެތް ގައުމެއް ނަމަވެސް ސަރުކާރުން އެންމެ އިސްކަން ދިނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ. މުވައްޒިފުންގެ ރައްކާތެރިކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިން ވަގުތީ ގޮތުން މެދުކަނޑާލިއެވެ.

މާލެއިން ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ފުލުފުލުގައި ކޭސްތައް ފެންނަން ފެށިއެވެ. އެހިސާބުން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުންވެސް ފުލުފުލުގައި ފިޔަވަޅުތައް އަޅަން ފެށިއެވެ. މާލެ ސިޓީގައި ވަކި ވަގުތުތަކެއްގައި ކާފިއު ހިންގަން ފެށިއެވެ. ފިހާރަތަކާއި ކެފޭ ހޮޓާ އަދި ރެސްޓޯރަންޓްތައް ވަކި ވަގުތަކެއްގައި ހިދުމަތްދޭ ގޮތަށް ހަމަޖެއްސިއެވެ. އަދި ފަހުން މާލެ ސިޓީ ލޮކްޑައުންކުރިއެވެ.

އެއީ ސަރުކާރަށް އަޅަން ޖެހުނު އެންމެ އުނދަގޫ ފިިޔަވަޅަށްވިއެވެ. ގެއިން ބޭރަށް ނިކުތުން މަނާކޮށް ވިޔަފާރިތައް ހުއްޓާލައިގެން ތިބެން ޖެހުމަކީ އެތައް ބަޔަކަށް އެކަމުގެ ސަަބަބުން އެތައް ގެއްލުންތަކެއް ލިބޭނެ ކަމެކެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާނެ ދަތި އުނދަގޫތައް ސަރުކާރަށް އިހުސާސު ކުރެވެއެވެ. ނަމަވެސް ސަރުކާރުން އިސްކުރީ ރައްޔިތުންގެ ސަލާމަތެވެ.

ރައްޔިތުންގެ ސަލާމަތަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާ ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދިޔަ މަސައްކަތް އިތުރުކުރިއެވެ. ކޮވިޑް ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ފަސޭހަކޮށް، ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި މެޑިކަލް ފެސިލިޓީއެއް ގާއިމުކުރިއެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ބައެއް ފްލޯތައް ކޮވިޑްގެ ބަލި މީހުންނަށް ހާއްސަކުރިއެވެ. އަތޮޅުތެރޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް ސެންޓަރުތައް ގާއިމްކޮށް ބަލި މީހުން އެޑްމިޓްކޮށް ފަރުވާ ދެވޭނެ ގޮތް ހަމަޖެއްސިއެވެ. އަދި އެ ސަރަހައްދުތަކުން ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސިއެވެ.

ގިނަ ފިޔަވަޅުތަކަކާއެކު ދެތިން ހަތަރު މަސް ދުވަހުގެ ތެރޭގައި ކޮވިޑް ބަލި ކޮންޓްރޯލްވިއެވެ. ބަލި ޖެހޭ މީހުންގެ ނިސްބަތް ވަރަށް ބޮޑުތަނުން މަދުވިއެވެ. އެއާއެކު ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ އައު އާންމު ހާލަތަށް ރުޖޫއަވެވޭތޯ މަސައްކަތް ފެށިއެވެ. ނަމަވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް އެތައް ބަޔަކު އަމަލު ކުރުމުގެ ސަބަބުން ކޮވިޑް ބަލި ފެތެރޭ މިންވަރު އިތުރުވިއެވެ. އެއާއެކު އިތުރު ފިޔަވަޅުތައް އަޅަން އަނެއްކާވެސް ސަރުކާރަށް މަޖުބޫރިވިއެވެ.

ނަމަވެސް ކުރިން އެޅި ހަރުކަށި ފިޔަވަޅުތައް އަޅައިފިނަމަ ރައްޔިތުންގެ ދިރިއުޅުމަށް އެކަމުގެ ސަބަބުން ކުރިމަތިވާނެ ދަތި އުނދަގޫތަކަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެ ފިޔަވަޅުތައް ނާޅާ ބަލި ކޮންޓްރޯލް ކުރުމަށެވެ. އެއީވެސް ރައްޔިތުންނަށްޓަކައެވެ.

އަލުން ލޮކްޑައުންއަކަށް ނުގޮސް ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ކާމިޔާބު ލިބެން އޮތީ ރައްޔިތުންގެ އެއްބާރުލުމެއްގެ މައްޗަށެވެ. ކުރިން އެޅި ކޮންމެ ފިޔަވަޅަކީވެސް ރައްޔިތުންނަށްޓަކައި އެޅި ފިޔަވަޅުތަކެކެވެ. އެ ފިޔަވަޅުތަކުން ރައްޔިތުންގެ ދަތިތަކާއި އުނދަގޫތައް ކުރިމަތިވީނަމަވެސް އެއީ ރައްކާތެރިކަމަށްޓަކައި ކޮންމެހެން އަޅަން ޖެހިގެން އެޅި ފިޔަވަޅުތަކެކެވެ. އަލުން އެ އުނދަގޫ ހާލަތަށް ނުގޮސް ކޮވިޑްގެ ބަލި މަޑުކަމުން އަރައިގަނެ އިހު އުޅުނު ދިރިއުޅުމަށް އަދި އިގްތިސާދީ ގޮތުން ފަހި ރާއްޖެއަކަށް އަލުން ބަދަލުވާން މިއީ ރައްޔިތުންގެ ހިތްވަރު ދައްކަންވީ ވަގުތެވެ. އެޗްޕީއޭގެ ގައިޑްލައިންތަކަށް ރަނުން ރަނަށް އަމަލުކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް ހުރިހާ ރައްޔިތުންގެ ފުރިހަމަ އެހީތެރިކަން ސަރުކާރަށް ބޭނުންވެއެވެ.