ގދ. ހޯނޑެއްދޫއިން ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން ދެ މީހުންގެ ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ރަށް މޮނިޓަރިން ހާލަތައް ގެންގޮސްފި އެވެ.
ހޯނޑެއްދޫ އިން ރެންޑަމް ސާމްޕަލް ނަގާފައި ވަނީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. އެގޮތުން އެ ރަށުން ކައުންސިލުން ބުނީ މަގުމަތިން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ދެ ސާމަޕްލެއް ޕޮޒިޓިވް ވެފައިވާ ކަން އެޗްޕީއޭއިން އަނަގާފައިވާ ކަމަށާއި އެހެންކަމުން މިހާރު ރަށް މޮނިޓަރިން ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ.
ހޯނޑެއްދޫ ހެލްތު ސެންޓަރުގެ އެޑްމިނިސްޓްރޭޓާ އަހުމަދު ޝިފާއު މިއަދު ވިދާޅުވީ އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް މިހާރު އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެން ކަމުން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޝިފާއު ވިދާޅުވީ މިހާތަނަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ކޮންޓެކްޓް ވެފައިވާ ކަމަށާއި މި އަށްވުރެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ.
ހޯނޑެއްދޫ އިން ޕޮޒިޓިވް ވެފައިވަނީ އެއް އާއިލާއެއްގެ ދެ މީހުން ކަމަށާއި މި ދެމީޙުންނަކީވެސް ހޯމް ކަރަންޓިނުގައި ތިބި އެއްވެސް ބަޔަކާ ކޮންޓެކްވެ، އަދި މިދިޔަ ދުވަސްތަކުގައި އެއްވެސް ތަނަކަށް ދަތުރުކުރި ދެ މީހުން ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ޕޮޒިޓިވް ވެފައިވަނީ 57 އަހަރުގެ ފިރިހެނެކާއި 26 އަހަރުގެ އަންހެނެކެވެ..