(ތިންވަނަ ބައި)
ވިސްނާކަށް ވެސް ގޮތެއް ނިންމާކަށް ވެސް މާގިނަ ވަގުތެއް ނުލިބުނެވެ. އަހަންނަށް ޖެހުނީ ވީހާ އަވަހަކަށް ގޮތެއް ނިންމާށެވެ. ޒޫނާގެ ހާލަތު ގޯސްވަމުންދާތީއެވެ. ހިތުގައި އަތް އަޅައިލުމަށްފަހު ދެ ލޯ މަރައިލަމުން އަހަރެން ގޮތެއް ނިންމީމެވެ.
"ސަރޖަރީއަށް ތައްޔާރު." ދެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިފަހައްޓައިލަމުން ޑޮކުޓަރުގެ މޫނަށް ބަލައިލީމެވެ.
ދެ ހަފުތާ ފަހެވެ. އަހަރުމެން މާލެއައީ ހިތްހަމަ ޖެހުމާއެކުގައެވެ. ޒޫނާ ހަމައަކަށް އެޅެމުން އެކަމަށް ޝުކުރުކުރާ ހާލުގައެވެ. ނަމަވެސް އަބަދުވެސް އަހަންނަށް ހުރެވެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ޑޮކުޓަރު ދެއްކި ވާހަކަތަކުގެ ސަބަބުންނެވެ. އެ ވާހަކަތަކުން ކަންފަތް ތޮރުފަމުންދާތީއެވެ. ސިކުނޑީގެ މަކާނުން އެ ހިޔާލުތައް ބޭރުވާތީއެވެ.
"އަހަރެން ވަރަށް ދެރަވޭ." ރެސްޓޯރެންޓްގެ ގޮނޑީގައި ހަމަޖެހިލަމުން ޒޫނާ ބުނެލިއެވެ.
"ކިހިނެއްވީ؟ އަހަންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟" އަހަންނަށް ތެޅި ގަނެވުނެވެ.
"ނޫން! އަހަންނަށް އެނގޭ ޖައި އަހަރެން ދެކެ ވަރަށް ލޯބިވާކަން ވެސް. ޖައި ވިސްނަނީ އަހަރެންނާ މެދުގައި ކަން ވެސް. އެކަމަކު ތިގޮތަށް އަބަދު ފިކުރެއްގައި ހުންނަ ތަން ފެންނާތީ ވަރަށް ދެރަވޭ." ޒޫނާގެ އަތްތިލަ މޭޒުމަތީގައި ބާއްވާލިއެވެ.
ބަދަލުގައި އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޒޫނާ އެ ދައްކަނީ ފަސޭހަ ވާހަކައެއް ނޫނެވެ. އޭނާއަށް ކަންކަން އެނގެން ވެސް ޖެހޭނެއެވެ. ވާނުވާ ބުނެދޭން ވެސް ޖެހޭނެއެވެ. ހުރިހާ ކަމެއް އަހަރެންގެ ސިކުނޑީގައި ފޮރުވައިގެން މިހެން އުޅެވޭނެ ހެއްޔެވެ؟ ސިއްރުތަކުގެ ބަރުދަން އިތުރުވާ ވަރަކަށް ސިކުނޑިއަށް ބަރުވާނެ ކަން އަހަރެން ވެސް ގަބޫލުކުރަން ޖެހޭނެއެވެ.
"ހަމަ ހީވާގޮތެއް. އަހަރެން ނުވިސްނަމޭ. ބަލައިބަލަ." އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ.
"ފޭކް." ޒޫނާ ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ.
"ނޫނޭ. މި ތެދު ހަގީގަތް." އަހަރެން ހިފައިލީ ޒޫނާގެ އަތުގައެވެ.
"އަހަރެން ބައްޔެއް ނޫނޭ. މިހާރު އޯކޭ ވެއްޖެއްނު. ދުނިޔޭގައި އުޅޭ އިރު ކަންކަން ވެސް މެދުވެރިވާނެ. ބަލިވެސް ވާނެ. އެ ހަމަ އިމްތިހާނުތަކޭ."
"އެހެން ނޫނޭ ބުނެފިތަ؟" އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. "އަހަރެން ޒޫނާގެ މި ލޯބިލޯބި ދެ އަތުގައި ހިފީ މުޅި އުމުރަށް. ކޮންމެ ހާލެއްގައި ވެސް، ކޮންމެ ކަމެއްގައި ވެސް އެހީތެރިވާން. މަރުވާނީ ވެސް ދިރިހުންނާނީ ވެސް ޒޫނާގެ ހައްގުގައި. ޒޫނާގެ ހަނދާނުގައި."
"ޖައީ." ޒޫނާ ދެ ލޯ ބޮޑުކޮށްލިއެވެ.
"ކިހިނެއްވީ؟" އަހަރެން ހިނިތުންވެލީމެވެ. "އޯހް. ސޮރީ."
ބުނެވުނު އެޗަކާ މެދު އަހަންނަށް ވިސްނައިލެވުނީ މާފަހުންނެވެ. މެއަށް ފާޑެއްގެ ގޮތެއްވެސްވިހެން ހީވިއެވެ. ގައިން ހީބިހި ނަގައިގެން ގޮސް ހިތުގެ ތެޅުން އަވަސްވިއެވެ. ނަމަވެސް އެކަން ޒޫނާއަށް ނުދައްކާ ވާހަކައިގެ މަތި އޮއްބައިލެވޭތޯ ބެލީމެވެ.
އެރެއަށްފަހު ޒޫނާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ހިތްހަމަ ޖެހުމެވެ. އަހަރެން ވެސް މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔައެވެ. އެ ވިސްނުންތަކާއި އެ ފިކުރުތައް ބޮލުން ބޭރުވަމުން ދިޔައެވެ.
އެއްދުވަހެއްގެ ހަވީރެވެ. އޮފީސް ނިންމާފައި ގެއަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ. ކޮޓަރިއަށް ވަދެވުނު އިރަށް ކަންފަތުގައި ޖެހުނީ ޒޫނާގެ އަޑެވެ. އަހަންނަށް ސަމާލުވެވުނެވެ. އަޑު އައީ ފާޚާނާއާ ދިމާއިން ކަމަށްވީތީއެވެ. އިވެމުން ދިޔަ އަޑާ މެދު ވިސްނައިލެވުނެވެ. އެއީ އޯކަށް ދެމޭ އަޑެވެ. އަހަންނަށް ހިނިތުން ވެވުނެވެ. އަވަސް ހަރަކާތްތަކަކާއެކު ފާޚާނާއާ ދިމާއަށް ހިނގައިގަނެވުނެވެ. ދެވަނަ ސިކުންތުގައި ސިކުނޑީގައި ގުގުމައިލީ ޑޮކުޓަރުގެ އިންޒާރުގެ ރަނގަބީލެވެ. ފިޔަވަޅުތައް ބަރުވެ އަހަންނަށް ފައި ހިއްލައިލަން އުނދަގޫވިއެވެ. ލަސްލަހުން ހިންދިރުވާލެވުނެވެ. ގަޔަށް ވެއްޓުނު ހީނބިހި ގަނޑު ފައިން ފެށިގެން ކަންފަތު ފޫޅުގަނޑާ ހަމައަށް ދަތުރުކުރިއެވެ. ހިތުގެ ތެރެއިން ހިމަ ހިމުން ސިގުނަލުތަކެއް ކަންފަތް ބުޑުން ކަނދުރާ މައްޗަށް ވެރިވިއެވެ. އިރުކޮޅެއް ވަންދެން އަހަންނަށް ގަނޑުވެފައި ހުރެވުނީއެވެ.
ޒޫނާ ފާޚާނާއިން ނުކުމެ އަތުގެ ނުފުށުން ތުންފަތުގައި ހުރި ފެންތައް ފޮހެލިއެވެ. އަހަންނަށް ބެލުނީ ޒޫނާގެ މޫނަށެވެ. އަޑި ވަދެފައިވާ އެ ދެ ލޮލަށެވެ. އަހަރެން ހިތުގައި ޖެހުނެވެ. މި ކުރިމަތިވީ ކިހައިބޮޑު އިމްތިހާނެއް ހެއްޔެވެ؟ މިއީ އަހަރުމެން އުއްމީދު ކުރި ގޮތެއް ނޫނެވެ. އަހަރުމެން ބޭނުންވި ގޮތެއް ނޫނެވެ. އެއް ކަންތައް ނިމޭއިރަށް އަނެއް ހަ ކަންތައް ބޮލަށް މެހެނީއެވެ. ދެންވާނެ ގޮތެއް ވިސްނަން މަޖުބޫރުވަނީއެވެ. އަހަރެންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ.
"އާދެބަލަ، ތިހެން ގަނޑުވެފަ ނުހުރެ އާދެބަލަ." ޒޫނާ ހިނިތުންވެލިއެވެ.
އަހަންނަށް ބެލުނީ އޭނާގެ މޫނަށެވެ. އުފަލުން ބަބުޅަމުން ދިޔަ އެ ދެ ލޮލަށެވެ. ޖަންބުކުލަ އަރައިފައިވާ އޭނާގެ ކޯތާފަތަށެވެ.
"އަހަރުމެން ބޭނުންވި ގޮތަށް ހުރިހާ ކަމެއް ވަނީއޭ މި، ޖައި އާދެބަލަ. އަހަންނަށް މިހާރު އިހުސާސް ވެސް ކުރެވެޔޭ. ދެ ދުވަހެއް ވެއްޖެ ޝައްކުވެފަ ހުންނަތާ. އެހެންވެ މިއަދު ކިޓެއް ގަނެގެން މި ޗެކު ކޮށްލީ." ޒޫނާ އަތުގައި އޮތް ކިޓް ނަގައި އަހަންނަށް ދައްކާލިއެވެ.
އަހަންނަށް ބެލުނީ އޭގައިވާ ރަތްކުލައިގެ ދެ ރޮނގަށެވެ. މުޅި މީހާ އެކުގައި ގަނޑުވި ކަހަލައެވެ. ނޭވާ ތާށިވެ އަރު ބެދުނު ކަހަލައެވެ. ކުރާންވީ އުފާކަމެއް ވާންވީ ދެރައެއް ކަމެއް ނުވިސްނުނެވެ.
"ކިހިނެއްވީ؟ މި ޖައި ބޭނުންވި ދުވަހެއްނު. ފުރުމުގެ ކުރިން އަބަދު ދެއްކި ވާހަކައެއްނު،" ޒޫނާ އައިސް އަހަރެން ކުރިމަތީ ހުއްޓިލިއެވެ. "ޔޭސް، އަހަރުމެންގެ ނަން ބަދަލުވާން އުޅެނީއޭ. މަންމަގެ އުއްމީދުތައް ހަގީގަތަކަށް ވަނީއޭ. ހިނގައިބަލަ މިކަން ފާހަގަކުރަން."
"ޒޫނާ!" އަހަންނަށް ޒޫނާގެ ގައިގައި އޮޅުލައިގަނެވުނެވެ.
ޒޫނާ ވެސް އަހަރެންގެ ގައިގައި އޮޅުލައި ގަތެވެ. ބާރުބާރަށެވެ. އަހަންނަށް ރޮވުނެވެ. ހިތަށް ވީ ތަދުންނެވެ. ނަގަމުންދާ ރާޅުގެ ފޮނަތަކުން އަހަރެން ބަނދެވޭގެން ހީވާތީއެވެ. ރާޅުދަށުވެ އަހަރެންގެ އުއްމީދުތައް ފުނޑުފުނޑުވާނެކަން ޔަގީންވާތީއެވެ. ހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތެވެ. ޒޫނާގެ ރުއިމުގެ އަޑު އަހަންނަށް އިވެމުން ދިޔައެވެ. އަހަންނަށް ޔަގީން ކުރެވުނީ އޭނާ ރޮނީ އުފަލުން ކަމެވެ. ނަމަވެސް އަހަރެން މި ރޮނީ ހިތްދަތިވެގެންނެވެ. ހިތުގައި ޖެހިގެންނެވެ. ހިތާމައިގެ ދުވަސްތަކެއް ކުރިމަތީ އޮތްކަން އެނގޭތީއެވެ. މިއީ އެނގުމާއި ނޭނގުމުގެ ތަފާތެވެ. އަހަންނަށް ޔަގީންވާ ކަމަކީ ޒޫނާއަށް ހުރިހާ ކަމެއް އެނގިއްޖެ ނަމަ އޭނާ ވެސް ރޯނީ ހިތްދަތިވެގެންކަމެވެ. ހިތުގައި ޖެހިގެން ކަމެވެ. އެ ދެ ލޮލުން އޮހޭނީ ވޭނީ ކަރުނަކަމެވެ.
ކުރާނެ ކަމެއް ނެތެވެ. ދެން އޮތީ ކެތްކުރުމެވެ. ކެތްތެރިވުމެވެ. ބުނަން ބޭނުންވާ ވާހަކަތައް ވެސް ނުބުނެއެވެ. ހިތަށް ވެރިވާ ޝުއޫރުތައް ވެސް ފާޅުނުކޮށެވެ. އެހެންނޫނީ ގެއްލުންވާނީ އެކަކަށް ނޫނެވެ. ދެމީހުންނަށެވެ. އަހަރުމެން ތިން މީހުންނަށެވެ. މުޅި އާއިލާއަށެވެ.
ފިކުރުތައް ބޮލަށްލައިގެން އުއްމީދުތަކުގެ ފޮނި ހުވަފެން ހިތުން ބަލަން އޮވެ ބަލައިލީމެވެ. އެނދުގައި އޮތް ޒޫނާގެ މޫނަށެވެ. އޭނާ އޮތީ އަރާމުކޮށް ނިދައިލާފައެވެ. މޫނުމަތިން ފާޅުވަމުންދިޔައީ އުފާވެރި ކަމެވެ. އެ މައުސޫމު މޫނަށް ބަލަން އަހަންނަށް އޮވެވުނެވެ. ކަޅި ޖަހައިނުލައެވެ.
އަހަރެން ހިތުގައި ޖެހުނެވެ. ކަންކަން ބަދަލުވެގެންދާ ގޮތުންނެވެ. ވެދާނެ ގޮތެއް ނޭނގޭތީއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލެވުނެވެ. ހަށިފުރާ ނޭވާއެއް ބޭރުކޮށްލެވޭތޯ ބެލީމެވެ. ނަމަވެސް ކަރުބުޑުގައި ނޭވާތައް ތާށިވިހެންހީވިއެވެ. ފާޑެއްގެ އުނދަގުލެއްވަނީއެވެ. ފުރިހަމައަށް ނޭވާ ނުލެވޭހެން ހީވާތާ ދެތިން ދުވަސްވަނީއެވެ. ޒޫނާ ބަނޑުބޮޑު ކަމުގެ ޚަބަރު ލިބުނު ދުވަހުން ފެށިގެން މިކަހަލަ ގޮތެއް ވަނީއެވެ. އާނފުރޭހެންހީވެއެވެ. އަނގަހުޅުވާ ވެސް ލެވެއެވެ. ނަމަވެސް ހަށިފުރައި ނޭވާ ނުލެވެއެވެ. ބޭރުވަނީ އެއްބަޔެވެ. އަރުބުޑުގައި ބައެއް ތާށިވާހެން ހީވަނީއެވެ. ގަދަކަމުން ނޭވާތައް ބޭރުކޮށްލާން ޖެހެނީއެވެ. އެހެން ހެދޭ ކޮންމެ ފަހަރަކު ދެ ލޮލުން ކަރުނަ ހިލެނީއެވެ. ބޮލަށް ބާރުވަނީއެވެ. ކަންފަތާއި ނޭފަތަށް ފާޑެއްގެ އުނދަގޫތަކެއް ވަނީއެވެ.
މިރޭ ވެސް މިއުޅެނީ އެހެންވާތީއެވެ. ރަނގަޅަށް ނޭވާ ބޭރުކޮށް ނުލެވިގެންނެވެ. އެނދުން ތެދުވީމެވެ. އަނގަ ހުޅުވާލީމެވެ. އަނގައިންނާއި ނޭފަތުން ބޭރުވީ މަދު ވައިކޮޅެކެވެ. އަހަންނަށް ފުންކޮށް ވިސްނައިލެވުނެވެ. ހިތްހަމަ ނުޖެހި ހުރެވޭހެން ހީވާން ފެށިއެވެ. މީހާގެ ތާޒާކަން ގެއްލުމުން ނިދަން އުނދަގޫވަމުންދާހެން ހީވިއެވެ. އެންމެފަހުން ހިނގައިގަތީމެވެ. ކޮޓަރިން ބޭރަށް ނުކުތީމެވެ.
ސިޓިން ރޫމަށް ނުކުމެ ޓްރެޑްމިލަށް އެރީމެވެ. ބައިގަޑިއެއްހާ އިރުވަންދެން ޓްރެޑްމިލްގައި ދުވެލީމެވެ. އޭރު މީހާވަނީ ވަރުބަލިވެ ދާހިތްލާފައެވެ. ކޮންމެވެސް ވަރަކަށް ކަސްރަތުކޮށްލުމުން ނޭވާގެ ހިނގުން ހަމައަކަށް އެޅުނެހެން ހީވިއެވެ. ފާރުގައި ހުރި ގަޑިއަށް ބަލައިލެވުނެވެ. އޭރު ގަޑިން މެންދަމުން އަލިވެ ދޭއް ޖަހަނީއެވެ. ގައިގައި އޮތް ބެނިއަން ބޮލުން ދަމައިގަތުމަށްފަހު މޫނާއި މޭމަތީގައި ހުރި ދާތައް ފޮހެލީމެވެ.
ޓެރަހަށް ނުކުންނަ ކުޑަ ދޮރު ހުޅުވާލުމަށްފަހު ބޭރަށް ނުކުމެލީމެވެ. ނޭފަތުގައި ޖެހުނީ އުނިމަލުގެ ހިތްގައިމު މީރުވަހެވެ. އަތިރިމަތީ ހުރި އުނިގަސްތަކުގައި ފޮޅިފައިވާ އުނިމާތަކުގެ މީރުވަހުން މުޅި ތަން ވަނީ އެއްވަސް ކުރުވާފައެވެ. އަހަންނަށް ދެތިން ފަހަރަކު ނޭވާ އެތެރެއަށް ހިފަހައްޓައިލެވުނެވެ. މަޑުމަޑުން ދެ ލޯ މަރައިލެވުނެވެ. ޖައްވުގެ ފިނިކަމާއެކު ގައިގައި ހުރި ދާތައް އޮބެމުން ދިޔައެވެ. އޭރު މުޅި މީހާވަނީ ހަމައަކަށް އެޅިފައެވެ. އިރުކޮޅެއް ވަންދެން ޓެރަހުގައި މަޑުކޮށްލުމަށްފަހު އެތެރެއަށް ވަދެ ދޮރު ތަންޑު އެޅީމެވެ.
ފާޚާނާއަށް ވަދެ މާގަނޑު ދޫކޮށްލައިގެން ވެސް އެތައް އިރަކު ހުރެވުނެވެ. އޮހެމުންދިޔަ ފެންތަކާއެކު ބޮލަށް ލުއިކަން ލިބޭހެން ހީވާތީއެވެ. ފުންކޮށް ދެތިން ފަހަރަކު ނޭވާ ބޭރުކޮށްލެވުނެވެ. ހިތްހަމަ ޖެހިލެވުނު ކަމުގެ އިހުސާސްކުރެވުމުން ފާޚާނާއިން ނުކުމެ ޒޫނާގެ މޫނަށް ބަލައިލީމެވެ. އޭރު ވެސް ޒޫނާ އޮތީ އަރާމު ނިންޖެއްގެ ތެރެއަށް ގެނބިގެއްލިފައެވެ. ފެން ހިއްކާލައި ތައްޔާރުވެލައިގެން އެނދުގައި އޮށޯވެލީމެވެ. އިސާހިތަކު ދެ ލޮލުގެ އެސްފިޔަތައް ތަތްވެ ނިދީގެ ފުންކަނޑުގެ ތެރެއަށް ގެނބިގަނެވުނެވެ.
އަހަރެންގެ އަތްތިލައަށް ބާރުވިހެން ހީވެގެން ބަލައިލެވުނެވެ. ގާތުގައި ހުރީ ޒޫނާއެވެ. ޒޫނާ ވެސް އަހަރެންގެ މޫނަށް ބަލައިލިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްވުމާއި ކަންބޮޑު ވުމުގެ އަސަރުތަކެވެ. މޮޅިވެރިކަމާއި ހިތައިމައިގެ އަސަރުތަކެވެ. ޒޫނާ ބަލައިލީ ކުރިއަށެވެ. އަހަންނަށް ވެސް ބަލައިލެވުނީ ކުރިއަށެވެ.
ވަށައިގެންވަނީ ކަނު އަދިރިކަމެވެ. އަނދިރިކަމުގެ ތެރެއިން ކަޅުނޫކުލައަކުން ދިއްލިފައި ފެންނަން ހުރީ ބާވެ ހަލާކުވާން ކައިރިވެފައިވާ ގެއެކެވެ. އެއީ ތެޅިގަލުން ރާނާ އީޓު ޖަހައިފާ މުސްކުޅި ގެއެކެވެ. ގެއަށް ވަންނާނެ ދޮރުތައް ގެ ވަށައިގެން ހުއްޓެވެ. ގޭގެ ބިއްދޮށުގައި ބޮޑު ޖަނބުރޯލު ހުއްޓެވެ. ގެއަށް ވަންނަ މައި ދޮރާ ދިމާގައިވަނީ ވިނަތަކެވެ. އަހަންނާއި ޒޫނާއަށް ތިބެވުނީ ގެއާ އިންވެގެން އޮތް މަގުގެ އެއްފަރާތުގައި ހުރި ހޮޅު އަށްޓެއްގައެވެ. ޒޫނާ އަނެއްކާ ވެސް އަހަންނާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ހިތުގައި ޖަހަމުންދާ ވިންދުތަކުގެ އަޑު ވެސް އިވެމުންދާހެން އަހަންނަށް ހީވަމުން ދިޔައެވެ. މުޅިތަން އޮތީ ހިމޭންވެފައެވެ. ވައިރޯޅިއެއްހާ ހިސާބު ވެސް ޖެހިނުލައެވެ. އަހަންނަށް އެތެރެއަށް ނޭވާ ހިފަހައްޓައިލެވުނެވެ. ކަރުބުޑާ ހަމައަށް އެ ވެސް ވެރިވިއެވެ. އެއީ ހަމަ އެ ހިތްގައިމު ވަހެވެ. އުނިމާ ފޮޅޭއިރު ދުވާ މީރުވަހެވެ. ދެތިން ފަހަރު ނޭވާ އެތެރެއަށް ދަމައިލެވުނެވެ. ހީވީ ބޮލުގައި ހުރި ބަރުކަން ކެނޑިގެން ދިޔަހެންނެވެ. ބޮލަށް ލުއިވިހެންނެވެ. ޒޫނާ އަނެއްކާ ވެސް ބަލައިލިއެވެ. އަހަރެންގެ މޫނަށެވެ. އޭނާ ވެސް ނޭވާ އެތެރެއަށް ދަމައިލިއެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ލުއި ގޮތަކަށް އޭނާ ހިނިތުންވެލިއެވެ. ހީވާ ކަހަލައެވެ. އެ ހިތްގައިމު ވަހުގެ ސަބަބުން ޒޫނާގެ ބޮލުގެ ރިހުން ކެނޑީއެވެ.
އަހަރެންގެ އަތުގައި އެއްޗެއް ޖެހުނެވެ. އަހަންނަށް ބަލައިލެވުނެވެ. އެއީ އުނި މަލެކެވެ. އެހެންވެ މައްޗަށް ބަލައިލެވުނެވެ. އަހަރުމެންނަށް ތިބެވުނީ އުނިގަހެއް ދޮށުގައިކަން އެނގުނީ އެ ވަގުތުއެވެ. އަނެއްކާ ވެސް ޒޫނާގެ މޫނަށް ބަލައިލެވުނެވެ. ޒޫނާ ވެސް އަހަންނާއެކު މައްޗަށް ބަލައިލިއެވެ. ލަސްލަހުންނެވެ. އޭރު ދެތިން އުނިމާ އަހަރެން ބޮލާހަމައަށް ތިރިވަނީއެވެ. އަހަންނަށް އެ މަންޒަރު ފެނުނީ ލަސްވެފައިވާ މަންޒަރުތަކެއް ގޮތުގައެވެ. ކުއްލިއަކަށް އުނިމާތައް ތިރިއަށް ފައިބާވަރު އިތުރުވަމުން ދިޔައެވެ. ޒޫނާ ކޮޅަށް ތެދުވިއެވެ. ޒޫނާގެ ދެއަތް ފުޅާކޮށްލަމުން އެނބުރިލިއެވެ. ކަޅު އަނދިރިކަމުގެ ތެރެއިން ޒޫނާ ފެންނަނީ މަޑު ނޫކުލައަކުން ދިއްލިފައި ހުއްޓައެވެ. މަތިން އޮހެމުން ދިޔަ އުނިމާތައް ޒޫނާގެ މޫނާއި ބޮލަށް އެޅުމުންދާއިރު ފެންނަނީ ހިތްގައި ރީތި މަންޒަރެކެވެ. ހީވަނީ ފިލްމެއްގެ މަންޒަރެއް ހެންނެވެ.
ކުއްލިއަކަށް ވާތަކެއް ހޭރި ގަތް އަޑު އިވުނެވެ. ޒޫނާ ބިރުން އަހަންނާ ދިމާއަށް ދުއްވާގަތެވެ. ވާތަކުގެ އަޑު ދިޔައީ ބާރުވަމުންނެވެ. އަހަންނަށް ކޮޅަށްތެދުވެވުނެވެ. ޒޫނާ އައިސް އަހަރެންގެ މޭ ތެރޭގައި ބޮނޑިވެގަތެވެ. ކުއްލިއަކަށް ބާރު އަޑުފައްގަނޑެއް އިވުނެވެ. އަޑު އައީ ގެއާ ދިމާއިންނެވެ. މުޅިތަން އެކުގައި ދިއްލުނެވެ. ބިމުގައި އުޅޭ ހިނިތައް ވެސް ފެންނަވަރަށް ހުދުވިއެވެ. އަހަންނަށް ވެސް ސިހިފައި ބަލަން ހުރެވުނީއެވެ. ދެ ލޯ ބޮޑުކޮށްގެންނެވެ. އަހަރުމެންނަށް ތިބެވުނީ ކޮން ތަނެއްގައި ކަމެއް ވެސް ނޭނގެއެވެ. ވަށައިގެންވަނީ ބިޔަ ޖަންގައްޔެވެ. ބޯގަސްތަކެވެ. ކުރިމަތީގައި އޮތީ ހަނިމަގެކެވެ. އެއްމެ މަގެކެވެ. މަގުގެ އެއްކޮޅުގައި ހުރީ ބާވެ ހަލާކުވާން ކައިރިވެފައިވާ ގެއެކެވެ.
އަހަންނަށް ވަށައިގެން ހޯދާލެވުނެވެ. އޭރު ދެވަނަ ފަހަރަށް ވިދައިލިއެވެ. އެއާއެކު ގުގުރީގެ އަޑުން މުޅިތައް ގުގުމާލިއެވެ. ޒޫނާ ބިރުން ރޫރޫއަޅައިގަތެވެ. އޭނާ އަހަރެންގެ ގައިގައި ބައްދާގަތެވެ. އަނެއްކާ ވެސް އަހަންނަށް ބަލައިލެވުނެވެ. ބޯހިޔާވަހިކަމެއް ލިބޭނެ ދިމާއެއް ފެނޭތޯއެވެ. ކުއްލިއަކަށް ވާރޭ ވެހެން ފެށިއެވެ. ތިންވަނަ ފަހަރަށް ވިދައިލިއެވެ. ވިދުންކަނިން ލޯ ތަރަތަރަ ޖަހައިލިއެވެ. ވިދުންކަނީގެ އަސަރު ނުކެނޑި އުޅެނިކޮށް ގުރީގެ އަޑުން ކަންފަތް ބައްވާވަރުވިއެވެ. އަހަންނަށް ދުއްވާގަނެވުނެވެ. ޒޫނާގެ އަތުގައި ހިފައިގެންނެވެ. ހަނި މަގުންނެވެ. ޒޫނާ ވެސް އަހަންނާ އެކު ދުއްވާގަތެވެ. ވާރޭ ބޯކޮށްލިއެވެ. ކުއްލިއަކަށް ޒޫނާ ވެއްޓުނެވެ. އަހަންނަށް ބަލައިލެވުނެވެ. ޒޫނާގެ އެއްފައި އޮތީ ގަނބައިގަނެފައެވެ.
(ނުނިމޭ)