ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑް-19 އިގެ ކޭސްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު ޕާކިސްތާނުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަނީ ދަށަށެވެ. ނަމަވެސް އެ ގައުމުގައި ކޭސްތައް މަދުވާ ސަބަބެއް ސިއްހީ ތަޖުރިބާކާރުންނަކަށް ވެސް ނުވިސްނުނެވެ. އެމީހުން ތިބީ މިކަމާ ހައިރާންވެ ބަސް ހުއްޓިފަ އެވެ.
ޕާކިސްތާނު މީހުން މިކަމާ ގުޅޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަ އެވެ. އެއް ބަޔަކު ބުނަނީ އެ ގައުމުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށަށް ދަނީ އެ ގައުމުގެ އާބާދީ ޒުވާން ކަމުން ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ފިނި ހޫނުމިން ހުންނަ ގޮތުން ކަމަށެވެ. އަދި ބައެއް މީހުން ބުނަނީ އެމީހުންނަށް ގުދުރަތީ ގޮތުން ބަލިން ދިފާއުވުމުގެ ބާރު ލިބިފައި ވަނީ ކަމަށެވެ.
ޕާކިސްތާނުގައި ޒުވާން އާބާދީގެ އެވްރެޖް އުމުރަކީ 22 އަހަރެވެ. ކޮވިޑްގައި ބޮޑުވަރު ވަނީ އާއްމުކޮށް ދޮށީ އުމުރުގެ މީހުންނަށް ވާތީ ޒުވާން އާބާދީ ބޮޑުވުމުން ކޭސްތައް މަދުވަނީ ކަމަށް ގަބޫލުކުރާ މީހުން ވެސް އުޅެ އެވެ. ޒުވާން އާބާދީގެ ތެރެއިން ގިނަ ބަޔަކަށް ބަލި ޖެހުނަސް އެއްވެސް އަލާމާތެއް ނުފެނި ރަނގަޅުވެފައި ހުރިކަން ސާބިތުވެފައި ވާތީ އެވެ.
ހުރިހާ ކަމެއްގައި ވެސް ޕާކިސްތާނާ އެންމެ ބޮޑު ވާދަވެރިކަމެއް އޮންނާނީ އިންޑިޔާ އާއެވެ. އިންޑިޔާގައި ކޮވިޑް ކޮންޓްރޯލް ނުވެ ތިން މިލިއަނަށް ވުރެ ގިނަ މީހުން ބަލި ޖެހިފައިވާއިރު ޕާކިސްތާނުގައި ކޮވިޑް ކޮންޓްރޯލް ވެފައި އޮތުމަކީ އިންޑިޔާ މީހުންނަށް ވެސް ޝޮކެއް ލިބުނު ކަމަކަށް ވަނީ ވެފަ އެވެ.
ކޮވިޑް-19 އިގެ ބަލިމަޑުކަން ފެށީގެން މި ފާއިތުވީ ހަ މަސް ދުވަހުގެ ތެރޭގައި އެހާ ބޮޑަށް ބަލި ކޮންޓްރޯލް ކުރުމުގައި ޕާކިސްތާނުން ކާމިޔާބު ހޯދީ ކިހިނެއްކަން ބަލަން އިންޑިޔާ ވެސް ބޭނުންވެ އެވެ. އެ ގައުމުގައި އެންމެ ފުރަތަމަ ކޮޅު ވަރަށް ބާރަށް ބަލި ފެތުރެމުން ދިޔަ އެވެ. ނަމަވެސް ފާއިތުވީ އެތައް ހަފުތާއެއް ފެށިގެން ކޭސްތައް ފާހަގަ ކޮށްލެވޭ ވަރަށް ވަނީ މަދުވާން ފަށާފަ އެވެ.
ބޮޑެތި ބަލިތަކުން ދިފާއުވުމަށް ނުވަތަ ކޮންޓްރޯލްކުރުމަށް ޕާކިސްތާނު ނުކުޅެދިފައިވާކަން ކުރީގައި އެ ގައުމާ ކުރިމަތިވި ތަފާތު ބަލިމަޑުކަމުން ހާމަވެފައި ވެއެވެ. އެގޮތުން ޕޯލިއޯ އާއި ކެއްސުންބަލި އަދި ހެޕަޓައިޓިސް ފަދަ އިންފެކްޝަސް ޑިޒީޒް ކޮންޓްރޯލްކުރުމުގައި އެ ގައުމަށް ވަރަށް ބޮޑެތި ނާކާމިޔާބުތައް މާޒީގައި ވަނީ ކުރިމަތިވެފަ އެވެ. ނަމަވެސް ކޮވިޑް-19 އެހާ ފަސޭހައިން ކޮންޓްރޯލް ވީ ކިހިނެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދަނީ މިހެންވެ އެވެ.
ޚާއްސަކޮށް ޕާކިސްތާން ކަހަލަ އާބާދީ ތޮއްޖެހިފައިވާ ގައުމެއްގަ އެވެ. އެ ގައުމުގައި އެންމެ ދަށު ފަންތީގެ އާއިލާތަކުގެ ގިނަ މީހުން އުޅެނީ އެއް ގެއެއްގައި ވަރަށް ބޮޑަށް ތޮއްޖެހިގެންނެވެ. މިއީ ކޮރޯނަވައިރަސް ކަހަލަ ވަރަށް ފަސޭހައިން އެކަކު ގައިން އަނެކަކު ގަޔަށް އަރާ ބައްޔެއް ފެތުރުމުގެ ފުރުސަތު އެންމެ ބޮޑުވާނެ ފަދަ މާހައުލެކެވެ. ނަމަވެސް އެ ގައުމުގައި ބަލި ފެތުރުން ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ.
"ބަލި މީހުންގެ އަދަދު ދަށަށް ދާ ސަބަބު ބުނެދޭކަށް އެކަކަށް ވެސް ނޭނގޭ. މިއީ ވަކި މިވެނި ކަމެއް ވެގެންނޭ ބުނާކަށް އެއްވެސް މީހަކަށް ހަމަ ނޭނގޭ،" ސާވިސަސް ހޮސްޕިޓަލެއްގެ ޑޮކްޓަރެއް ވިދާޅުވި އެވެ.
އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ޕާކިސްތާނުން އޮޅުވާލައިގެން ސިއްރު ކުރަނީ ކަމަށް ހިތާ އިންޑިޔާގެ ނޫސްތަކުން ޕާކިސްތާނުގެ ހޮސްޕިޓަލުތަކަށް ގުޅައިގެން ވެސް މައުލޫމާތު ހޯދި އެވެ. އެގޮތުން ހޯދި މައުލޫމާތުން ވެސް އެނގުނީ ކޮވިޑް މީހުން ހޮސްޕިޓަލުތަކުގައި ނެތިގެން ބައެއް ހޮސްޕިޓަލުތައް މިހާރު ބަންދު ކޮށްފި ކަމަށެވެ.
ނަމަވެސް ޕާކިސްތާނުގެ ޑޮކްޓަރުން ބުނަނީ އެ ގައުމަށް އަރައިގަނެވިފައި ވަނީ ކޮވިޑްގެ ފުރަތަމަ ރާޅުން ކަމަށާއި ފަރުވާ ކުޑަ ކޮށްލައިފިނަމަ މިއަށް ވުރެ ބޮޑު ދެ ވަނަ ރާޅެއް ބިންދާލުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށެވެ. އަދި މިހާރު ވެސް އެ ގައުމުގެ މީހުން މާސް ނޭޅުމާއި ގައިދުރުކަމަށް ސަމާލުކަން ދިނުން ފަދަ ކަންތައްތައް ކުރުމާ ދުރުހެލިވާން ފަށައިފި ކަމަށާއި މިއީ ނުރައްކަލެއްގެ އިންޒާރުކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.