ލައިފްސްޓައިލް

3000 ފޫޓު މަތިން މީހަކު ފެނިގެން ޕައިލެޓުން ހައިރާން ވެއްޖެ

އެމެރިކަން އެއާލައިންގެ ފްލައިޓެއްގެ ޕައިލެޓަކަށް ވަރަށް ހައިރާން ކުރުވަނިވި މަންޒަރެއް ފެނިއްޖެ އެވެ. އެއީ 3000 ފޫޓު މަތީގައި މީހަކު ވައިގެ ތެރޭގައި އުޅޭ ތަނެވެ. އޭރު ފްލައިޓް އޮތީ ލޮސް އެންޖަލިސް އެއާޕޯޓާ ދިމާލުން 3000 ފޫޓު މަތީގަ އެވެ.

މި މަންޒަރު ފެނިފައިވަނީ އެންމެ ޕައިލެޓަކަށް ނޫނެވެ. ދެ ޕައިލެޓަކަށް މި މީހާ ފެނިގެން ރިޕޯޓު ކޮށްފައި ވެއެވެ. އެކަކު ބުނި ގޮތުގައި އެ މީހާ އުދުހިފައި ދިޔައީ އެއާކްރާފްޓާ 30 ޔާޑެއްހާ ކައިރިންނެވެ.

ސީއެންއެން އިން ބުނި ގޮތުގައި އެމެރިކަން އެއާލައިންގެ ޕައިލެޓަކަށް "ޖެޓްޕެކްގައި ހުރި މީހާ" ފެނުނީ ލޮސް އެންޖަލިސް އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ޖައްސަން ދަނިކޮށެވެ. އެއީ މިދިއަ އާދީއްތަ ދުވަހުގެ ހެނދުނު 6.30 ހާއިރެވެ.

"ޓަވާ، އެމެރިކަން 1997. އަހަރެމެންގެ ބޯޓު ކައިރިން ލާފައި ދެންމެ ޖެޓްޕެކްގައި ހުރި މީހަކު އުދުހިފައި ހިނގައްޖެ،" ބޯޓުގެ އޯޑިއޯ ލޮގްގައި ޕައިލެޓު ބުނެފައި ވެއެވެ. ޕައިލެޓް އިތުރަށް ބުނި ގޮތުގައި އެ މީހާ ދަތުރުކުރީ މަތިންދާބޯޓުގެ ވާތްފަރާތުން 300 ޔާޑެއްހާ ދުރުމިނުންނެވެ. އޭރު ބޯތު ދަތުރުކުރަމުން ދިޔައީ 3000 ފޫޓު މަތިންނެވެ.

"އެމެރިކަން 1997. އޯކޭ. ޝުކުރިއްޔާ. އެ މީހާ ދިޔައީ ބޯޓުގެ ވާތްފަރާތުންތަ؟ ކަނާތްފަރާތުންތަ؟" ޕައިލެޓު މިހެން ބުނުމުން ޖަވާބުގައި އެއާ ޓްރެފިކް ކޮންޓްރޯލާ ބުނެފައި ވެއެވެ.

ހަމަ އެ ދުވަހުގެ އެ ވަގުތު ހަމަ އެއާޕޯޓަށް ޖައްސަން އައި އެހެން ފްލައިޓެއްގެ ޕައިލެޓަކު ވެސް ހަމަ މިގޮތަށް ޖެޓްޕެކްގައި ހުރި މީހަކު ފެނިގެން ވަނީ ރިޕޯޓު ކޮށްފައި ވެއެވެ.

މިފަދަ މީހަކު ފެނިފައިވާ ކަން ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އަދި އެފްބީއައި އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި މީހާ ހަމަ ވައިގެ ތެރޭގައި ހިނގާލަނީތޯ ނުވަތަ ޔޫޓިއުބުގައި އޭނާގެ ވީޑިއޯތައް ބަލާ މީހުންނަށް ރަނގަޅު ވީޑިއޯ އެއް ނަގަނީތޯ މިއީ އަދި ސާފު ނުވާ ސުވާލެކެވެ. މިކަން އެނގޭނީ އެމީހަކު ހޯދިގެންނެވެ.

އެންމެ ޕައިލެޓަކަށް މި މަންޒަރު ފެނުނުނަމަ މިއީ އޭނާއަށް ހީވި ކަމެއްގެ ގޮތުގައި ބެލެވުނަސް ތަފާތު ދެ މަތިންދާބޯޓެއްގެ ދެ ޕައިލެޓަކަށް މި މީހާ ފެނިފައިވާތީ އެމެރިކާގެ އެފްބީއައި އާއި ކަމާބެހޭ އެހެން އިދާރާތަކުން މި ކަން މިހާޜު ދަނީ ތަހުގީގު ކުރަމުންނެވެ.

އޭވިއޭޝަން ތަޖުރިބާކާރުން ބުނަނީ މިގޮތަށް މަތިންދާބޯޓު ދަތުރުކުރާ ރޫޓުތަކުގައި މީހުން އުޅުމަކީ ވަރަށް ނުރައްކާތެރި ހާދިސާތައް ކުރިމަތިވެދާނެ ކަމެކެވެ.

ޖެޓްޕެކްގައި އާއްމުކޮށް އިންސާނުންނަށް އެހާ މަތީގައި އުޅެވޭކަން އެނގިފައި ނުވާ ކަމަށް އެމެރިކާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ. ހަގީގަތުގައި ޖެޓްޕެކް އަކީ ކޮމިކް ފޮތްތަކާއި ސްޕައި ފިލްމުތަކުގައި އުޅޭ ޚިޔާލީ ކެރެކްޓާތައް ބޭނުންކުރާ އެއްޗެކެވެ.