ދިވެހި ސިނަމާ

އޮލިމްޕަހުގައި ބޭރު ފިލްމު ދައްކަން ފަށަނީ ކޮންއިރަކު؟

މާލެ އަށް މިހާރު އެންމެ މުހިންމީ ފިލްމު ބަލާނެ އިތުރު ސިނަމާއެކޭ ބުނެފިއްޔާމު އަޅުގަނޑުހާ ނުބައި ނުލަފާ މީހަކު ދެން ނުހުންނާނެ އެވެ. މީހުން ބުނާނެތެވެ. ކީއްކުރާ ސިނަމާއެއްތޯ އެވެ؟ އަޅަންވީ މިސްކިތެވެ. އަރަންވީ މިސްކިތަށެވެ.

ތެދެކެވެ. އެކަމަކު މިއީ އަޅުގަނޑުމެންނަށް ނޭނގޭ ވާހަކައެއް ނޫނެވެ. ނޭނގޭ ވާހަކަ އަކީ ގަވާއިދުން މިސްކިތަށް އަރާ މީހުންނަށްވުރެ ފިލްމު ބަލަން ސިނަމާ އަށް ގަވާއިދުން ދާ މީހުންގެ އަދަދު މާ ގިނަވެފައިވާ ކަމެވެ. އިހަށް ރޭ ގަލޮޅު ދަނޑުގައި ބޭއްވި މިއުޒިކް ޝޯ އަކީ ވެސް، މުނިފޫހިފިލުވުމަށް ދިވެހިންގެ އެތައް ހާސް ބަޔަކު ތައްޔާރަށް ތިބިކަން އަންގައިދިން ބޮޑު، ކުލަގަދަ ހަރަކާތެކެވެ.

ސްޓޭޑިއަމްއާ ޖެހިގެން ހުރި މިސްކިތުން އިޝާ ނަމާދަށް އޭރު ބަންގި ގޮވަނީ އެވެ. ގައުމުގެ ހުރިހައި ޒުވާނުން، ރަސްމީ ހިސާބުން ދައްކާ ނަމަ، އާބާދީގެ 33 ޕަސެންޓް އޭރު އޮތީ މިސްކިތާ އިންވެގެން ކިޔޫ ހަދައިފަ އެވެ. އެއްގޮތަކަށް ވެސް މިސްކިތަށް ވަންނާކަށް ނޫނެވެ.

ގަލޮޅު ދަނޑުގައި އޮތް ޝޯ އަށް ވަނުމަށެވެ. ފިތިބާރުވެ، އަނިޔާ ލިބިގެން ވެސް ގިނަ މީހުން އެރޭ ވަނީ މިއުޒިކް ޝޯ ބަލަން ސްޓޭޑިއަމަށެވެ. އިޝާ ނަމާދަށް މާލޭގެ މިސްކިތަށް އެރި މީހުންގެ އަދަދު އެރޭ އާދަޔާހިލާފަށް މަދުވާނެކަން ޔަގީނެވެ.

ދެން ކޮންމެއަކަސް މި ވާހަކައެއް ނޫނެވެ. މާލޭގައި އިތުރު ސިނަމާއެއް އަޅަން ޖެހޭ ވާހަކަ އެވެ. ނުވަތަ ދެ ވަނަ ސިނަމާއެއްގައި އިންޓަނޭޝަނަލް ފިލްމުތައް ދެއްކުމުގެ އިންތިޒާމް އަވަހަށް ހަދަން އެބަޖެހެ އެވެ.

ދެން ބައެއް މީހުން ބުނެފާނެ އެވެ. ސިނަމާ އަށް ފިލްމު ބަލަން ދާނީ ދެން ކޮން ބައެއް ހެއްޔެވެ؟ ބަލަގަ، އަޅުގަނޑު މި އުޅެނީ، ތިޔަ އުޅޭ ބޮލީވުޑްގެ ފަހުލަވާނު، އާމިރު ޚާންގެ މާ މޮޅު ފިލްމެކޭ މީހުން މި ކިޔާ "ޕީކޭ" އަކަށް ވަންނާނެ ޓިކެޓްގަނޑެއް ހާތާ ވެސް ނުލިބިގެންނެވެ.

އެ ފިލްމު ދައްކަނީ، މި މާލޭގައި އެގޮތަށް ފިލްމު ދައްކާ ހަމައެކަނި ސިނަމާ ކަމުގައިވާ ޝްވެކްގަ އެވެ.

ފިލްމުގެ ޝޯތަކެއް މެދުނުކެޑި ފުލް ގިޔަރުގައި މި ސިނަމާގައި ދައްކަމުން މި ގެންދަނީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ. އަދިވެސް ހައުސްފުލް ޝޯ އެވެ. ޓިކެޓް ބޭނުން ނަމަ އޮންލައިންކޮށް، ތިން ހަތަރު ދުވަސްކުރިން ޓިކެޓް ބުކްކުރަންވީ އެވެ. ނުވަތަ، ހަސްފަލާތުން ނަމްބަރުތައް ކެންސަލްވާ ގޮތަށް، ޕީކޭގެ ޓިކެޓްތަކެއްގެ ބުކިން ވެސް ކެންސަލް ވަންދެން ސިނަމާގެ ބޭރުގައި ޖަގަހަ ހަދައިގެން ރެއާއި ދުވާލު އުޅެންވީ އެވެ.

މިހާރު ވެސް ސިނަމާ ކައިރިއަށް ގޮސްފި ނަމަ ޓިކެޓްގެ ކިޔޫ ލައިނު އޮންނާނީ އެތަނުން މަގު މައްޗަށް ނުކުމެ، ދުއްވާ އެއްޗެހިތަކަށް ވެސް އުނދަގޫވާވަރު ކޮށްލައިގެންނެވެ.

އެނގިވަޑައިގަންނަވާތޯ އެވެ. މިއީ ހަމަ އާންމު އުސޫލެވެ. މި ފެންވަރުގެ ފިލްމެއްގެ ޝޯތަކެއް ދައްކާ ނަމަ ޝްވެކް ސިނަމާ އިން ޓިކެޓެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަނެއްކޮޅުން އެތަނަކީ ގާތްގަނޑަކަށް 200އެއްހާ މީހުންގެ ޖާގަ އެވެ. މިއީ ދެން އަނެއް ބޮޑު މައްސަލަ އެވެ.

ސިނަމާގެ އަޕްގްރޭޑްގެ ވައުދު އަދިވެސް ކުރިއަށް އޮތީ އެވެ. އެހެންވީމަ ދެ ވަނަ ސިނަމާއެއް ބޭނުމެއް ނުވޭ ހެއްޔެވެ؟ ބޭނުން އެބަވެ އެވެ.

ދެން މި އޮތީ އިންޓަނޭޝަނަލް ފިލްމު ދެއްކޭނެ ގޮތް އޮލިމްޕަހުގައި ހަދާނެ ކަމަށް ބުނެ ކުރީގެ ސަރުކާރުން ކެނޑި ފޮންޏެއްގެ ވާހަކަ އެވެ. އޭގެ ކުރިން އޮތް ސަރުކާރުގައި ވެރިކަން ކުރެއްވި މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ގޮތަކަށް ވެއްޓުމުން ދެން އައީ މުނިފޫހިފިލުވުމުގެ ދާއިރާ އަށް އައި އެންމެ އުފާވެރި އެއް ދުވަހެވެ.

ކުލަ ވެއްޓި، ބޮލަށް ވެއްޓެން ގާތްވެފައި ހުރި އޮލިމްޕަސް ރިނޮވޭޓްކުރީ އެވެ. ގޮނޑިތައް ބަދަލުކޮށް އޭސީކޮށް އަރާމުކޮށްލީ އެވެ. ދެން ބުނީ ޝްވެކް ސިނަމާގައި ފިލްމު އެ ދައްކާ ގޮތަށް ވަރަށް އަވަހަށް އޮލިމްޕަހުގައި ވެސް ފިލްމު ދައްކަން ފަށާނެ ވާހަކަ އެވެ.

އެހެން ބުނެ ފުރުސަތުގެ ފުރުސަތު ބިޑަށް ވެސް ހުޅުވައިލި ކަމަށްވެ އެވެ. ނަމަވެސް ފިލްމީ ދާއިރާގެ ތެރޭގައި އެނބުރުނު ގޭސްގަނޑަކާ އެކު އިންޓަނޭޝަންލް ފިލްމުގެ ޑްރާމާ ނިމުމަކަށް އައީ އެވެ.

ނަމަވެސް އޮލިމްޕަހުގެ ބެލެނިވެރިޔާ، ނެޝެނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނަނީ އޮލިމްޕަހުގައި ގަވާއިދުން އިންޓަނޭޝަނަލް ފިލްމު ދެއްކުމުގެ ވިސްނުން އަދިވެސް އެބައޮތް ކަމަށެވެ. އެންސީއޭގެ ކޯޑިނޭޓަރެއް ކަމުގައިވާ އަބްދުﷲ މުއާޒު ވިދާޅުވީ މި އަހަރަށް އެންމެ ފުރަތަމަ ވެސް އެޖެންޑާކޮށްފައިވާ ކަންކަމުގެ ލިސްޓްގެ އެންމެ ކުރީގައި އޮތީ އޮލިމްޕަހުގައި އިންޓަނޭޝަނަލް ފިލްމު ދެއްކޭނެ ގޮތެއް ހެދުން ކަމަށެވެ.

މިއީ އަޅެ ކިހާ އުފާވެރި ޚަބަރެއް ހެއްޔެވެ؟ އޮލިމްޕަހަކީ 400 ސީޓުގެ ސިނަމާއެކެވެ.

ޝްވެކް ސިނަމާގެ ގޮނޑިތަކަށް ވުރެ ގޮނޑިތައް ވެސް އަރާމެވެ. އުހެވެ.

މުއާޒު ވިދާޅުވީ ވިޔަފާރީގެ އުސޫލުން ދެ ފަރާތަށް ފައިދާވާ ފަދަ ގޮތަކަށް އޮލިމްޕަހުގައި އިންޓަނޭޝަނަލް ފިލްމު ދެއްކޭނެ ނިޒާމެއް އެކުލަވައިލުމަށް ފާސްކޮށް ގެޒެޓަށް ވެސް ފޮނުއްވާފައިވާ ކަމަށާއި ބިޑްކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ހޯމަ ދުވަހު އެކަން ގެޒެޓުން އިއުލާނުކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް އެހެން ސިނަމާތަކެއްގައި ފިލްމު ދެއްކުމުގެ ވިސްނުން ނެތީކީއެއް ނޫނެވެ.

"އޮލިމްޕަސް ހިފައިގެން އެ ތަނުގައި ފިލްމު އެޅުމުގެ ވިސްނުމެއް އަދި ނެތް. ކުރިން ފަހަރު ވެސް އަޅުގަނޑުމެން ބިޑްކުރިން. އެކަމަކު އެކަން ވެސް ސަކަރާތަކަށް ބަދަލުވެގެން ދިޔައީ. އެކަމަކު މިފަހަރު ވެސް ބިޑް ހުޅުވާލައިފި ނަމަ ކުރިމަތިނުލާނަމެކޭ ވެސް ނުބުނާނަން،" އަލްތާފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ އާއި އައްޑޫ އަދި އާބާދީ ބޮޑު އެހެން ރައްތަކެއްގައި ސިނަމާތަކެއް ހިންގުމުގެ ވިސްނުން ހުއްޓަސް އެކަން އަދި ކުރެވެން ނެތް ކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން އޭނާ ދެން ވިދާޅުވީ މި ދެކެވުނު ހުރިހާ ވާހަކައަކާ ދެކޮޅު ވާހަކަ އެވެ.

އަލްތާފް ވިދާޅުވަނީ މާލެ އަށް އިތުރު ސިނަމާއެއް ބޭނުންވާ ކަމަކަށް އޭނާ އަށް ގަބޫލުނުކުރެވޭ ކަމަށެވެ.

"މާލޭގައި ނެތް އަސްލު ތިބުނާ ސަޕޯޓެއް ފިލްމުތަކަކަށް. އެހެންނެއް ނޫން. ވަކި ވަކި ފިލްމުތަކަށް އެބައޮތް ތާއީދު. މިސާލަކަށް ޕީކޭ ކަހަލަ ފިލްމުތައް. މިފަދަ ބޮޑު ފިލްމެއް ނާންނަ ނަމަ ހަގީގަތުގައި ނޯވޭ ތިބުނާ ތަރުހީބެއް. އެހެންވީމަ މާނަ އަކީ މިއީ ވިޔަފާރީގެ އުސޫލުން ކުރެވޭ ވަރުގެ ކަމެއް ނޫނޭ،" އަލްތާފް ވިދާޅުވީ މިހެންނެވެ.

އެހެންވީމަ މަޝްހޫރު ބޮޑެތި ފިލްމުތަކަށް މާލޭގައި އޯޑިއަންސެއް ނެތޭ ބުނުމަކީ ގަބޫލުކުރަން ވަރަށް ވެސް ދަތި ވާހަކަ އެކެވެ.

ދެން މި އޮތީ އެހެން މައްސަލައެކެވެ. ކުރިއަށް އޮތް ދެ އަހަރު ދުވަހު ނެރުމަށް ހަމަޖެހިފައިވާ ހުރިހާ ބޮޑެތި ފިލްމުތަކެއް މާލޭގައި ދެއްކުމުގެ ރައިޓްސް ޝްވެކް ސިނަމާ އިން މި ވަނީ ނަގައިފަ އެވެ. މާނަ އަކީ އޮލިމްޕަހުގައި ބޭރުގެ ފިލްމުތައް ދެއްކުމަށް ބަޔަކު ޝައުގުވެރިވިޔަސް މި ޑީލްގެ ތެރެއަށް އޮޓޮމެޓިކުން ޝްވެކް ސިނަމާ ވަންނާނެ ކަމެވެ.

އޮލިމްޕަހުގައި ހިންދީ ފިލްމާއި އިނގިރޭސި ބޮޑެތި ފިލްމުތައް ދައްކަން ބޭނުން ނަމަ ޖެހޭނީ ޝްވެކް ސިނަމާ އިން އެ ފިލްމުތަކުގެ ރައިޓްސް ގަންނާށެވެ.