ލައިފްސްޓައިލް

10 އަހަރުތެރޭ ދުވަސްވީ 8 މީހުނާ އިނދެ އެމީހުން ލޫޓުވައިފި

މިފަދަ ހާދިސާތައް ގިނައިން ފެންނަނީ ބޮލީވުޑް ފިލްމުތަކުންނެވެ. ނަމަވެސް މިއީ ހަގީގަތުގައި ވެސް އިންޑިޔާގައި ވަރަށް ފަހުން ހިނގާފައިވާ ހަގީގީ ހާދިސާ އެކެވެ. ދުވަސްވީ އަށް ފިރިހެނުންނަށް އޮޅުވާލައި މަކަރު ހަދައިގެން އެމީހުންގެ އަތުގައި ހުރި ފައިސާ އާއި ގަހަނާ އަދި އެނޫން ވެސް އަގު ބޮޑު އެއްޗެތި ފޭރިގަނެގެން އަންހެނަކު ވަނީ ފިލާފަ އެވެ.

ފާއިތުވީ 10 އަހަރު ތެރޭގައި އެ އަންހެންމީހާ ވަނީ އުމުރުން ދުވަސްވެފައި ތިބި އަށް މީހަކާ ވަނީ ކައިވެނި ކޮށްފަ އެވެ. އަދި ކައިވެނި ކޮށްގެން ދުވަސްކޮޅަކު އުޅެލާފައި އެމީހާގެ އަތުގައި ހުރިނަމަ ހުރި ފައިސާ އަކާއި ގަހަނާތައް ވަގަށް ނަގައިގެން ފިލަނީ އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ މި ރިޕޮޓުގައި ބުނެފައިވާ ގޮތުގައި މި އަންހެންމީހާގެ މަކަރާއި ހީލަތްތެރިކަން ފަޅާއެރީ އުއްތަރުޕްރަދޭޝްގެ ގާޒީއާބާދުގައި ދިރިއުޅޭ ކޮންސްޓްރަކްޝަން ކޮންޓްރެކްޓަރަކާ ކައިވެނި ކުރި ހިސާބުންނެވެ.

ޖުގަލް ކިޝޯރޭ ނަމަކަށް ކިޔާ މި ފިރިހެންމީހާގެ އަނބިމީހާ މިދިޔަ އަހަރު ވަނީ މަރުވެފަ އެވެ. އަންހެނުން މަރުވުމުން ޖުގަލް އުޅެފައި ވަނީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. އޭނާގެ ހުރީ އެންމެ ދަރިއެކެވެ. އެ ފިރިހެންދަރިފުޅު ވެސް ވަނީ މަންމަ މަރުވުމަށް ފަހު ބައްޕަ އެކަނި ގޭގައި ބަހައްޓާފައި އަންހެނުންނާއެކު އެހެން ގެއަކަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

އެކަނިވެރިކަމުން ގޮސް ދިރިއުޅުމުން ފޫހިވެފައި ހުއްޓާ މި ފިރިހެންމީހާ އަށް ދިއްލީގައި ހުންނަ މެޓްރިމޯނިއަލް އެޖެންސީއެއްގެ އިޝްތިހާރެއް ފެނުނެވެ. މި އިޝްތިހާރުގައި ބުނެފައި ވަނީ ދުވަސްވީ މީހުންނާއި ވަރިކޮށްފައި ތިބޭ މީހުންނަށް ރަނގަޅު ބައިވެރިން އެ އެޖެންސީން ހޯދައިދޭ ކަމަށެވެ.

ކިޝޯރޭ ވަގުތުން އެ އެޖެންސީގެ އެންމެ އިސް މީހާ މަންޖޫ ކަންނާ އާ ގުޅި އެވެ. އޭނާ މެދުވެރި ވެގެން ކިޝޯރޭ އަށް ކައިވެނި ކުރާނެ މީހަކު ހޯދައިދިނެވެ. އެއީ މަންޖޫ ކަންނާ ނަމަކަށް ކިޔާ އަންހެނެކެވެ.

ކިޝޯރޭ އާއި އޭނާއާ ގުޅިގެން ދުވަސްކޮޅަކު އުޅުމަށްފަހު 2019 ގެ އޮގަސްޓްގައި ދެ މީހުން ކައިވެނި ކުރި ކިޝޯރޭގެ ގޭގައި ދެ މީހުން ދިރިއުޅެން ފެށި އެވެ. ނަމަވެސް ކައިވެންޏަށް އެންމެ ދެ މަސް ވީތަނާ ކުއްލިއަކަށް ގެއްލިއްޖެ އެވެ. އަދި އެނާއާއެކު ކިޝޯރޭގެ ގޭގައި ރައްކާކޮށްފައި ހުރި ހުރިހާ ފައިސާ އަކާއި ގަހަނާއެއް ވެސް ގެއްލުނެވެ.

އޮކްޓޯބަރު 2019ގައި ކިޝޯރޭގެ ގެއިން އޭނާ ފިލިއިރު 15 ލައްކަ ރުޕީސްގެ ފައިސާ އާއި ގަހަނާ ވަގަށް ނަގާފައިވާ ކަމަށް ވެއެވެ.

ކިޝޯރޭ އައި ރުޅިއައިސްގެން އޭނާއަށް އަންބަކު ހޯދައިދިން މެޓްރިމޯނިއަލް އެޖެންސީގައި މައްސަލަ ޖައްސައި އެމީހުން ގޮވައިގެން ކޯޓަށް ދާނެ ކަމުގެ އިންޒާރުތައް ދިނެވެ. އަދި މި އެޖްންސީ އާއި އަންހެން މީހާގެ މައްސަލަ ކިޝޯރޭ ފުލުހުންނަށް ހުށަހެޅި އެވެ.

އުމުރުން ދުވަސްވެފައި ތިބި އެކަނިވެރި އަށް މީހަކަށް، ފާއިތުވީ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެ މީހާ ހަމަ މިގޮތަށް ލަނޑު ދީފައިވާ ކަން އެނގުނީ ފުލުހުން ކުރި ތަހުގީގުންނެވެ. އަދި އޭނާ އާއި އޭނާ ކައިވެނިކުރި އެންމެންނާ ވެސް ގުޅުވައިދީފައި ވަނީ ހަމަ ކިޝޯރޭ އަށް ވެސް އެ މީހާ ދެއްކި މެޓްރިމޯނިއަލް އެޖެންސީން ކަން ވެސް ވަނީ ފަޅާ އަރާފަ އެވެ. އެހެންވީމާ މިއީ އެ މީހާ އާއި އެ އެޖެންސީ އާ ގުޅިގެން ކުރަމުން ދިޔަ ކަމެއްކަން ވަނީ ޔަގީން ކުރެވިފަ އެވެ.

މިހާރު އެ މީހާ އާއި އޭނާގެ އާއިލާ އަދި މެޓްރިމޯނިއަލް އެޖެންސީ އާ ދެކޮޅަށް ދައުވާ ކުރަން ކޯޓަށް މައްސަލަ ވައްދަން އިންޑިޔާ ފުލުހުން ދަނީ ތައްޔާރު ވަމުންނެވެ. މި މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި މަކަރު ހެދުމާއި އޮޅުވާލުން އަދި ވައްކަން ކުރުން ހިމެނެ އެވެ.