ހަބަރު

އެޗްއާރުސީއެމަށް ތިން މެމްބަރުން އައްޔަނުކުރަން ފާސްކޮށްފި

Sep 6, 2020

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ތިން މެމްބަރަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

އެޗްއާރުސީއެމްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފައިވަނީ އައްޑޫ ސިޓީ ފޭދޫ، ޑޯރެންސީ ވިލާ، އާމިނަތު ޝަފާއަތު އަބްދުއްރައްޒާގާއި މ. ޖިއެނާ މުއުމިނާ ވަހީދުގެ އިތުރަށް މއ. މާވެޔޮގެ ޑރ. އަހްމަދު އަދުހަމް އަބްދުﷲ އަށެވެ.

މި ތިންބޭފުޅުންނަށް އައްޔަނުކުރަން ފެނޭތޯ ވަކިވަކިން ވޯޓަށް އަހާފައިވާއިރު، އެ ތިން ބޭފުޅުންގެ ނަން ވެސް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

އެ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ހަތަރު މަގާމެއް ހުސްވެފައިވަނީ، މަގާމުން ވަކިކުރަން އުޅުމުން ތިން މެންބަރުން އިސްތިއުފާ ދެއްވާފައިވާއިރު، އިތުރު މެންބަރެއްގެ ދައުރު މި މަހު ހަމަވާތީ އެވެ.

އެޗްއާރުސީއެމަށް އައްޔަނުކުރައްވާފައިވާ މެންބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ރައީސް އާއެކު ތިން މެންބަރަކު އިސްތިއުފާ ދެއްވާފައިވަނީ އެ މެންބަރުންނާ ގުޅޭ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުން ބަލައި ބައެއް މެންބަރުން މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ.

މަޖިލީހުން ވަނީ ބާކީ ތިބި ދެ މެންބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ނާއިބް ރައީސް މަގާމުން ވަކިކޮށްފަ އެވެ. އެ ކޮމިޝަނުގައި މިހާރު ހުންނެވީ އެންމެ މެންބަރެކެވެ. އެ މެންބަރުގެ މެންބަރުކަމުގެ މުއްދަތު މި މަހުގެ 12 ވަނަ ދުވަހު ހަމަވާނެ އެވެ.