ވިޔަފާރި

އެމިރޭޓްސްއިން ކުޑަކުރި މުވައްޒަފުންގެ މުސާރަ އިޔާދަކޮށްފި

Sep 6, 2020

ކޮވިޑް-19 އާ ގުޅިގެން، އެމިރޭޓްސް އެއާލައިންސް އިން ކުޑަކުރި މުވައްޒަފުންގެ މުސާރަ ކުރިން ހުރި ވަރަށް އިޔާދަކޮށްފި އެވެ.

އެމިރޭޓްސް އެއާލައިންސްގެ މުސާރަތައް އިޔާދަ ކުރުމާ ބެހޭ ގޮތުން، އެ އެއާލައިންގެ ޗެއާމަން އަދި ސީއީއޯ ޝެއިހް އަހުމަދު ބިން ސައީދު އަލް މަހުތޫމް ވިދާޅުވެފައިވާ ގޮތުގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މުވައްޒަފުންގެ ބޭސިކް މުސާރަ ކުރިން ހުރި އަދަދަށް އިޔާދަކޮށްފައިވާ ކަމަށެވެ. މި ބަދަލު ގެނައި ނަމަވެސް އެ ކުންފުންޏަށް މިހާލަތުން ކުރިމަތިވެފައިވާ ދަތިތަކުން މުޅިން އަރައި ގަނެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރުވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެފައިވެ އެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ސަރުކާރުން ވަނީ އެ ގައުމުގެ ގައުމީ އެއާލައިން ކަމަށްވާ އެމިރޭޓްސް ކޮވިޑް-19 ގެ ސަބަބުން ލިބެމުންދާ ގެއްލުން ތަކުން ސަލާމަތް ކުރުމަށްޓަކައި 7.34 ބިލިއަން ދީރާނު (ދެ ބިލިއަން ޑޮލަރު) އެހީއެއް ދީފަ އެވެ. އަދި އެމިރޭޓްސް އިން ވަނީ އެ އެއާލައިން އަންނަ އަހަރު ކުރިން ހުރި ގޮތަށް އޮޕަރޭޝަން ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފަ އެވެ.

އެމިރޭޓްސް އިން ރާއްޖެ ހިމެނޭ ގޮތަށް 80 ގައުމެއްގެ 13 ސިޓީ އަކަށް ދަތުރު ކުރެ އެވެ.

ޔޫއޭއީ ސަރުކާރުގެ ބޮޑު އެހީއަކާއެކު އެމިރޭޓްސްގެ މުސާރަތައް އިޔާދަކުރުމުން އެނގެނީ މާހިރުން ދެކޭ ގޮތުގައި ކޮވިޑް-19 އަށްފަހު ދަތުރު ފަތުރުތައް ރަނގަޅުވަން ފަށާފައިވާ ކަމެވެ. ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރުތައް ހުއްޓާލުމާއެކު ގިނަ އަދަދެއްގެ އެއާލައިންތަކެއް ވަނީ ހުއްޓި، ބަނގުރޫޓުވެފަ އެވެ.