ސަލާމް ބުނާ ކޮންމެ ދުވަހަކަށް މެޑިކަލް ސެޓްފިކެޓް (އެމްސީ) ހުށަހަޅަންޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށް ކުރިމަތިވި ފާޑުކިއުންތަކާއެކު، އެމްސީއާ ނުލައި އަހަރަކު 15 ދުވަހު ސަލާމް ބުނެވޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިހާރު ގާނޫނުގައިވާ ގޮތުން، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް އަހަރަކު ގިނަވެގެން 30 ދުވަސް ލިބޭއިރު، ވިދިވިދިގެން ދެ ދުވަހަށް ވުރެ އިތުރަށް ސަލާމް ބުނާނަމަ އެމްސީ އެއް ހޯދުމުގެ އިހުތިޔާރު ވަޒީފާ ދޭ ފަރާތަށް ވަނީ ދީފަ އެވެ.
އެ ބިލު ދިރާސާކޮށް މަޖިލީހުގެ އިޖުތިމާއީ ކޮމެޓީ އަދި އިގުތިސޯދީ ކޮމެޓީގެ ޖޮއިންޓް ކޮމެޓީން ނިންމި ގޮތަށް މިއަދު ވަޒީފާއާ ބެހޭ ގާނޫނަށް މިއަދު ގިނަ އިސްލާހުތަކެއް ފާސްކޮށްފައިވާއިރު، އެ ގާނޫނުގެ 42 ވަނަ މާއްދާ ވަނީ އިސްލާހުކޮށްފަ އެވެ.
އެގޮތުން، އެ މާއްދާގެ (ހ)ގައި ބުނެފައި ވަނީ މުވައްޒަފަކު ހިދުމަތް ކުރާ ކޮންމެ އަހަރަކު، މުސާރަ ލިބޭ ގޮތަށް ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން 30 ދުވަހުގެ ޗުއްޓީއެއް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ދޭންވާނެ ކަަމަށެވެ.
އަދި އެމާއްދާގެ (ށ)ގައި ބުނެފައި ވަނީ ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން މެނުވީ އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެން ނުވާ ކަމަށެވެ.
ނަމަވެސް އެމާއްދާގެ (ނ)ގައި ބުނެފައި ވަނީ އެ މާއްދާގެ (ށ)ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 ދުވަހުގެ ތެރެއިން 15 ދުވަސް، ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު ނުވާނެ ގޮތުގެ މަތިން މެޑިކަލް ސެޓްފިކެޓާ ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިހްތިޔާރު ވަޒީފާ އަދާކުރާ ފަރާތަށް ލިބިގެންވާ ކަމަށެވެ.
ސަލާމު ޗުއްޓީއާ ބެހޭ މާއްދާގެ އިތުރުން، އެ ބިލުގެ 41 ވަނަ މާއްދާ ވެސް ވަނީ އިސްލާހުކޮށްފަ އެވެ.
އިސްލާހުގައި ބުނެފައި ވަނީ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް މުވައްޒަފަކު އެދެފި ނަމަ އޭނާއަށް ލިބޭ އަހަރީ ޗުއްޓީ ފެށުމުގެ ކުރިން، މަސައްކަތަށް ނުކުންނަ އެންމެ ފަހު ދުވަހަށް ވުރެ ލަސް ނުވާނެ ގޮތުގެ މަތިން އެ ނަގާ ޗުއްޓީގެ ދުވަސްތަކަށް މުސާރައިން ޖެހޭ ފައިސާގެ އަދަދު ވަޒީފާދޭ ފަރާތުން އޭނާއަށް ދޭން ވާނެ ކަމަށެވެ.
އެހެން ނަމަވެސް ދައުލަތުން މުސާރަ ދޭ މުވައްޒަފަކު، އެ މުވައްޒަފު ޗުއްޓީގައި ހުރި ނަމަވެސް އާންމު ގޮތެއްގައި މުސާރަ ދޭ އުސޫލުން މުސާރަ ދެވިދާނެ ކަމަށް ބުނެފައިވެ އެވެ.