ޑރ. މުހައްމަދު އިޔާޒް

ވަޒީފާ އިން ވަކިކުރި މައްސަލާގައި އިޔާޒު ޓްރައިބިއުނަލަށް ދަނީ

Jul 4, 2021

މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރުގެ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ނިންމަވައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ޑރ. އިޔާޒު މިއަދު ވިދާޅުވީ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އޭނާގެ ވަކީލުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

އިޔާޒު ވިދާޅުވީ އޭނާ ވަޒީފާ އިން ވަކިކުރުމުގެ ކުރިން އެމްއެންޔޫގެ ތަހުގީގު ކޮމިޓީ އަކަށް ހާޒިރުކޮށް އޭނާއާ ދެކޮޅަށް ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތަކާ މެދު އޭނާ ދެކޭ ގޮތް ސާފުކުރެއްވި ކަމަށެވެ. ނަމަވެސް ހުށަހެޅިފައިވާ މައްސަލައަށް ވަކީލަކާ އެކު ޖަވާބުދާރީވާން ފުރުސަތަކަށް އެދުމުން އެ ފުރުސަތު ނުދެއްވާ ކަމަށެވެ.

"ދެން އަޅުގަނޑު ކަނޑާލުމުގެ މާކުރިން އަޅުގަނޑަށް ފެނުނު ނޫސްތަކުގައި ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ވިދާޅުވެފައި އޮއްވާ ޖުލައި އެކެއްގެ ކުރިން އަޅުގަނޑު ކަނޑާލާނެ ކަމަށް. އެހެންވީމާ މިއީ އެބޭފުޅުން ވަރަށް ދުރާލައި ރާވައިގެން ކުރި ކަމެއް ކަމަށް ގަބޫލުކުރެވޭ،" އިޔާޒު ވިދާޅުވި އެވެ.

އިޔާޒު ވަޒީފާ އިން ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅަން ތައްޔާރުވަމުންދާއިރު މިއަހަރުގެ މާޗް މަހު އޭނާ ވަޒީފާ އިން ސަސްޕެންޑް ކުރި މައްސަލަ ވެސް ވަނީ ޓްރައިބިއުނަލަށް ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލައާ މެދު ޓްރައިބިއުނަލުން ގޮތެއް ނިންމާފައެއް ނުވެ އެވެ.

ޑރ. އިޔާޒު މިދިޔަ ބުރާސްފަތި ދުވަހު އެމްއެންޔޫގެ ވަޒީފާއިން ވަކިކޮށްފައި ވަނީ އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. ނަަމަވެސް އެ ޕޯސްޓް ކުރެވި ސަބަބު އިޔާޒު ވަނީ ސާފުކޮށްދެއްވާފަ އެވެ. ވިދާޅުވީ އަންހެނުން ހިތާނު ކުރުމަކީ އޭނާ ހިތްވަރު ދެއްވާ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ޕްރޮމޯޓް ވެސް ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ޓުވީޓެއް ކުރެއްވީ އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން އަންހެނުން ހިތާނު ކުރުން އިސްލާމް ދީނުގައި އޮންނަނީ ކިހިނެތްކަން އަންގައި ދޭން ކަމަށެވެ.

އިޔާޒު ވަޒީފާ އިން ވަކިކުރި މައްސަލާގައި އޭނާ ނިސްބަތްވާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ވަނީ ޔުނިވަސިޓީގެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އިމްރާން އިތުރަށް ވިދާޅުވީ ޑރ. އިޔާޒަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާ ކުރެއްވުމަށް ދީނީ އިލްމުވެރިއެއްގެ ހައިސިއްޔުން ނުހަނު ގިނަ ހިދުމަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށެވެ.

ޑރ. އިޔާޒުގެ ޓްވީޓުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުންނާއި އިސްލާމިކް މިނިސްޓްރީ ވެސް ގެންދަނީ ބަލަމުންނެވެ.