އަންހެން ކުދިން ހިތާނުކުރާ ކަމަށް ބުނާ މައްސަލަ އަށް ގާނޫނީ ހައްލެއް ހޯދުމުގެ މަސައްކަތް ފެށުމަށް ރަށްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފި އެވެ.
ހިއުމަން ރައިޓްސް ކޮމިޓީން އެގޮތަށް ނިންމީ އަންހެނުން ހިތާނުކުރުމަށް ތާއީދުކުރައްވާ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ވާހަކަ ދެއްކެވި ކަމަށް ވިދާޅުވެ އެ މައްސަލަ ބެލުމަށް ކޮމިޓީއަށް ހުށަހަޅާފައި އޮތް މައްސަލާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ހުށަހެޅުމަކާ ގުޅިގެންނެވެ.
ޑރ. އިޔާޒުގެ މައްސަލާގައި މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ރޮޒައިނާ ހުށަހެޅުއްވީ އަންހެން ކުދިން ހިތާނުކުރުމާ ގުޅިގެން މުޖުތަމައުގައި ދެކެވެމުންދާ ވާހަކަތަކާ އެކު ކުރިމަތިވެފައި އޮތް މައްސަލައަށް ގާނޫނީ ހައްލެށް ގެނައުމަށެވެ. އެގޮތުން މައްސަލަ އަށް ގާނޫނީ ހައްލެއް ގެނައުމަށްޓަކައި އިސްލާމިކް މިިނިސްޓްރީއާއި، ފަތުވާ މަޖިލީހާއި، އެޗްއާރްސީއެމް އާއި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބަންޑާރަނައިބް ކޮމިޓީ އަށް ހާޒިރުކޮށް ލަފާ ހޯދުމަށްވެސް ހުށަހެޅުއްވި އެވެ.
ރޮޒައިނާގެ ހުށަހެޅުމަށް އެއްވެސް މެންބަރަކު އިއުތިރާޒު ކުރައްވާފައި ނުވާތީ އެ ހުށަހެޅުން ފާސްވި ކަމަށް ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވަނީ އިއުލާންކުރައްވާފަ އެވެ. ނަމަވެސް އިދާރާތައް ކޮމިޓީއަށް ހާޒިރުކުރާނެ ވަކި ދުވަހެއް މިއަދު ނިންމާފައެއް ނުވެ އެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ މުޖުތަމައުގައި މީހުން ބަލައިގަންނަ ދީނީ އިލްމުވެރިޔަކު އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކެވުމުން މުޖުތަމައުގެ ތެރޭގައި ހިޔާލުތަފާތުވުން އުފެދިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އަންހެން ކުދިން ހިތާނު ކުރުމުގެ ސަގާފަތް އަލުން ފެންމަތި ވުމުގެ ފުރުސަތު އެބަ އޮތް ކަމުގައި ވެސް ވިދާޅުވި އެވެ.
"އަންހެން ކުދިން ހިތާނު ކުރުމަކީ ރާއްޖޭގައި ކުރިން ކޮށް އުޅުނު ކަމެއް. އިލްމުވެެރިޔަކު އެކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކެވުމުން ގިނަ ބައެއްގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފަ. ކުރިން އެކަމަށް ތާއީދު ނުކުރާ މީހުން ވެސް ހިޔާލު ބަދަލުވުމުގެ ފުރުސަތު އެބަ އޮތް" ރޮޒައިނާ ވިދާޅުވި އެވެ.
އަންހެން ކުދިން ހިތާނުކުރާ ކަމަށް ބުނާ މައްސަލަ އަށް ގާނޫނީ ހައްލެއް ހޯދުމަށް މަޖިލީހުން މަސައްކަތް ފަށާފައިވާއިރު ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތަށް މިހާރު އެއީ ގާނޫނީ ކުށެކެވެ. އެގޮތުން އަންހެން ކުދިން ހިތާނުކުރުމާއި އަދި އެކަމަށް ހިތްވަރުދީ ވާހަކަ ދައްކާ މީހުންނަށް މިހާރު މިއޮތް ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުންނާއި ގާނޫނުލްއުގޫބާތުގެ ދަށުން ފިޔަވަޅު އެޅޭނެ ގޮތްތައް ހަމަޖެހިފައިވާ ކަމަށްވެސް ގާނޫނީ ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.