ރިޕޯޓް

"ނައިޓަށްދާ" އިސްލާހުން ބޮޑު ގެއްލުމެއް ވެދާނެ!

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން، ޑިއުޓީ ގަޑި ނިމުމުން އެނބުރި ރަށަށް ދިއުމުގެ ފުރުސަތު ފަހިކޮށް ދިނުމަކީ އެމްޑީޕީން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެންޕެއިން ތެރޭގައި ރައްޔިތުންނަށްވީ ވައުދެކެވެ. ދުވާލު ރިސޯޓްގައި ވަޒީފާ އަދާކުރުމަށް ފަހު ރޭގަނޑު ނިދަން އަމިއްލަ ރަށަށް ދެވެން ޖެހޭނެ ކަމަށް އެމްޑީޕީން އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުން ވަކާލާތު ކުރެއްވި އެވެ. އެ އަޑު އެންމެ ބޮޑަށް އުފުއްލެވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. އެ ވާހަކަ އެންމެ ބާރަށް ދެއްކެވި ބޭފުޅަކަށް ހިސާން ވެވަޑައިގެންނެވީ ބ. ތުޅާދޫ އާއި އެ އަތޮޅު ހިތާދޫގެ ގިނަ ބަަޔަކު ވަޒީފާ އަދާކުރަމުންދާ ދުނިކޮޅު ރިސޯޓް އޮތީ ތުޅާދޫ ފަޅުތެރޭގައި ކަމަށްވާތި ކަމަށް ވެދާނެ އެވެ. އަދި ހުޅުވަން މަސައްކަތް ކުރަމުންދާ ބޮޑުފިނޮޅު ވެސް އޮތީ އެ ފަޅުތެރޭގަ އެވެ. ދާދި ގާތުގައި އެހެން ރިސޯޓްތައް ވެސް ބައިވަރެވެ. އެހެން ކަމުން ވޯޓަށް ވާހަކަ ދައްކަވަަން އޭރު މަޖުބޫރެވެ. އަދި އެއީ އެންމެނަށް ހަމަ ވަންޏާ ވަރަށް ރަނގަޅުވެސް ކަމެކެވެ.

މަޖިލީސް އިންތިހާބުގެ ބޮޑު ކާމިޔާބީއަށް ފަހު އިންތިހާބުގައި ވައުދުވީ ކަންކަން ހަގީގަތަކަށް ނުވާތީ އެކަމުގެ ކަންބޮޑުވުންތައް ރައްޔިތުން ދޭތެރެ ދޭތެރެއިން ފާޅުކުރެ އެވެ. އަދި އެފަދަ ވައުދުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ނަގައިގެން އުޅުނީ ރިސޯޓުގައި ހުރެފައި ރޭގަނޑު ނިދަން ރަށައް ދެވޭނީ ކޮން ދުވަހަކުންތޯ ކުރަމުން އައި ސުވާލެވެ. އެ ސުވާލު ގެއްލުނީ ކޮވިޑް ލައްވާލައިގެނެވެ.

މިދިއަ އާދީއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަޒީފާއާބެހޭ ގާނޫނަށް ގިނަ އިސްލާހުތަކެއް ވަނީ ގެނެސްފައެވެ. އޭގެ ތެރޭގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި ރިސޯޓް މުވައްޒަފުން "ނައިޓަށް ދެވޭ" އިސްލާހު ވެސް ހިމެނެ އެވެ. ހިސާން ހުށައެޅުއްވީ އެއީ ވަޒީފާއާބެހޭ ގާނޫނުގެ 34 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރު ކުރުމެކެވެ.

އެ މާއްދާ ބުނާ ގޮތުން މުވައްޒަފަކު އޭނާ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން، އޭނާ މަސައްކަތް ކުރާ ސައިޓެއްގައި ނުވަތަ ރަށުގައި ނުވަތަ އުޅަނދެއް ފަދަ ތަނެއްގައި ހުރުމަށް ވަޒީފާ ދޭ ފަރާތުން އޭނާއަށް މަޖުބޫރުކޮށްގެން ނުވާނެ އެވެ. އަދި މުވައްޒަފަކު އޭނާ ވަޒީފާ އަދާ ކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން ވަޒީފާ އަދާކުރާތަން ދޫކޮށް ދިއުމާއި ވަޒީފާއަށް ނުކުންނަން ޖެހޭ ގަޑިއަށް އެތަނަށް އަނބުރާ ދިއުމަށް ވަޒީފާ ދޭ ފަރާތުން ނުވަތަ ތަނުގެ ވެރި ފަރާތުން ހުރަސް އަޅައިގެން ނުވާނެ އެވެ.

އިސްލާހުގެ އަކުރު (ށ) ގައި ބުނެފައިވާ ގޮތުގައި މަސައްކަތު ގަޑި ނިމުމުން މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ ތަން ދޫކޮށް ދިއުމަށް އަދި ވަޒީފާއަށް ނުކުންނަން ޖެހޭ ގަޑިއަށް އެތަނަށް އަނބުރާ އައުމަށް ފުރާ ދުއްވާ އުޅަދެއް ބޭނުންކުރަން ޖެހޭނަމަ، އެ އުޅަނދަކަށް އެތަނަކަށް ކައިރި ކުުރުމުގެ ހުއްދަ ވަޒީފާދޭ ފަރާތުން ނުވަތަ ތަނުގެ ވެރި ފަރާތުން ދޭންވާނެ އެވެ.

މި އިސްލާހުތައް މި ދައުރުގެ ފަހު ޖަލްސާގައި މިހާރު ވަނީ ފާސް ކޮށްފަ އެވެ. އިސްލާހު ފާސްކުރަން މަޖިލީހުގެ 61 މެމްބަރުން ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެކަންޏެވެ.

އެ އިސްލާހުތައް ފާސް ކުރުމުން ކެންޕެއިންގެ ވައުދެއް ފުދުނީ އެވެ. އާންމުނަށް ވެސް ސަރުކާރަށްވެސް އެހެން ހީވާނެ އެވެ. ނަމަވެސް މިކަމާ ގުޅިގެން އާންމުންގެ ވާހަކަތަކަށް ބަލާއިރު ގިނަ ބަޔަކަށް މިކަންވެފައި ވަނީ ޖޯކަކަށެވެ. އިސްލާހު ފާސްކުރިޔަސް އަދި ތަސްދީގު ގާނޫނަކަށް ވެގެން ގެޒެޓްގައި ޝާއިއު ވިޔަސް ރިސޯޓުން އަމިއްލަ ރަށަށް ދާނީ ކާކުގެ އުޅަނދެއްގައި ހެއްވެ؟ އެތައް ބަޔަކު އެ ސުވާލު އެބަ ކުރެ އެވެ.

"ކޮންމެ ރެއަކު ބޮޑު އަގުގައި ލޯންޗެއް ހިފައިގެން ރަށައްދާންވީ؟ އޭރުން މަހު މުސާރައިން ދެތިން ދުވަހު ވެސް ދަތުރު ނުކުރެވޭނެ. ވަރަށް ހެޔޮ ކަމެއް ތިޔަކޮށްދެއްވީ!" އާންމު މީހަކު ހިޔާލެއް ފާޅުކޮށްފައި ވެއެވެ. "ތި ބޮޑު ކޮމެޑީ ފިލްމެއްނު!"

ބައެއް މީހުންގެ ނަޒަރުގައި ނަމަކަށް ކަމެއް ކޮށްލީ އެވެ. އެއްވެސް ވިސްނާލުމެއް ވެސް ފިކުރު ހިނގާލުމެއް ވެސް ނެތި ކޮށްލި ކަމެކެވެ. އުތުރުގެ ހއ. ގެ ރިސޯޓްތަކުގައި ތިބި ދެކުނުގެ މީހުނާއި އުފަން ރަށާއި ދުރު އަތޮޅުތަކުގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ މީހުންނަށް މި ކަމުގައި އޮތީ ކޮން ގޮތެއް ހެއްޔެވެ؟

"ގާނޫނަކީ ދެ ރަށަކަށް ނުވަތަ ވަކި ބަޔަކަށް ހަދާ އެއްޗެއް ނޫން. އެއީ ހަމަހަމަ ކަމާއެކު އެންމެންގެ މަންފާއަށް، މަސްލަހަތަށް ބިނާ ކޮށްގެން ހަދާ އެއްޗެއް. ކަމަކަށް ކަމެއް ކުރީމަ ވާނީ މިހެން،" ރިސޯޓެއްގައި 15 އަހަރު ވަޒީފާ އަދާކޮށްފައިވާ މީހަކު ކޮމެންޓް ކޮށްފައި ވެއެވެ.

ބައެއް މީހުންގެ ބުނާގޮތުން މި އިސްލާހާއެކު ރިސޯޓް މުވައްޒިފުންނަށް އިތުރަށް ވާނީ ގެއްލުމެވެ. ލިބޭނީ ދެރައެވެ. މިހާރުވެސް ބައެއް ރިސޯޓްތަކުން މުވައްޒިފުންނަށް ދޭންޖެހޭ ހައްގުތައް ނުލިބިވާއިރު މި އިސްލާހާއެކު ދިވެހިންނަށް ވަޒީފާތައް ގެއްލި އިތުރަށް ބިކަވުމުގެ ފުރުސަތު ބޮޑުވުން ނޫން އެއްވެސް ކަމެއް ނުވާނެ އެވެ.

"މިހާރު ވެސް އޮފް ޑޭ ގައި ހަމަަޖެހިފައިވާ އުސޫލަކުން ރިސޯޓް ދޯނީގައި ރަށަށް ދެވޭ. އެކަމަކު ގާނޫނަކުން މަޖުބޫރު ކުރީމަ އޯނަރުން މިހާރު ކޮށްދޭވަރު ވެސް ނުކޮށްދޭނެ. މިއަދު ވެސް ޑިޕާޓްމަންޓްގެ ވެރިއަކު ބުނެފި، ދެން ރަށަށް ދާން ދޯނި ވެސް ނުލިބޭނެއޭ. ކޮންމެ ރެއަކު އަމިއްލައަށް ރަށުން ދޯންޏެއް ގެނެސްގެން ދާށޭ. ގާނޫނު ހެދީމާ ވެސް ގެއްލުން މި ލިބެނީ އަހަރެމެންނަށް،" ހއ. ގެ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒިފަކު ފޯނުކޮށްފައި ބުންޏެވެ

ފާސް ކުރި އިސްލާހާއެކު އުފަން ރަށަށް ކޮންމެ ރެއަކު ނިދާލަން ދެވޭނެ ކަމުގެ އުންމީދުގައި ތިބި މުވައްޒިފުން އެބަ ތިއްބެވެ. ހާއްސަކޮށް ރަށާއި ކައިރި ރިސޯޓްތަކުގައި އުޅޭ މީހުނެވެ. ނަމަވެސް އެ މީހުންގެ ވެސް ސުވާލަކީ މިއީ އެވެ.

"އަހަރެމެން މި ތަނުން [ރިސޯޓް] ރަށައް ދާންވީ އަމިއްލަ ހަރަދުގައި؟ ނޫނީ ކިހިނެތް؟ އަމިއްލައަށް އެކަން ކުރަން ޖެހޭނަމަ އެކަމެއް ނުކުރެވޭނެ. ނޫނީ ރިސޯޓުން އެ ފުރުސަތު ތަނަވަސްކޮށްދޭންވީ! އެހެން ވެއްޖެނަމަ އެންމެންނަށް އެކަން ކޮށްދޭނީ ކިހިނެތް؟ އޭރުން ގެސްޓް އޮޕަރޭޝަނަށްވުރެ މުވައްޒިފުން ރަށަށް ގެންދިއުމުގެ އޮޕަރޭޝަން މާ ބޮޑުވާނެ. އަދި މިކަމުގައި ވާންވީ ގޮތެއް ނޭނގުނު،" ރާއްޖޭގައި އެންމެ ރިސޯޓްތައް ގިނަ އަރިއަތޮޅުގެ ރިސޯޓެއްގެ މަގާމެއްގައި ހުރި މީހަކު ލިޔެފައި ވެއެވެ.

މިއީ ރިޒޯޓްތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒިފުންގެ ޝުއޫރުތަކާއި ބައެއް އާންމުން މިކަމާމެދު ދެކޭ ގޮތެވެ. މިއަށްވުރެ މާ ސީރިއަސް މައްސަލަތައް އޯނަރުން / އިންވެސްޓަރުން ފާޅު ކުރައްވައެވެ. މި އިސްލާހާއެކު ދެން ނުކުންނާނެ ނުރައްކާތެރި ނަތީޖާތައް މިހާރުވެސް އެ ބޭފުޅުންނަށް ފެންނާން ފަށައިފި އެވެ.

އަވަސްއާ ވާހަކަ ދެއްކެވި ދިވެހި ރިސޯޓް އޯނަރަކު ވިދާޅުވި ގޮތުގައި މަޖިލީހުން ފާސްކުރި އިސްލާހާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވަ އެވެ. އަދި އެ އިސްލާހަކީ އެއްވެސް ދިރާސާއެއް ނުކޮށް އަދި ފަތުރުވެރިކަމަށް އެކަމުން ކޮށްފާނެ އަސަރުތަކާމެދު ކުޑަކޮށް ވެސް ވިސްނާލުމެއް ނެތި ގެނައި އިސްލާހެކެވެ.

"މިސާލަކަށް އިސްލާހުގައި މި ބުނާ ގޮތުން ޑިއުޓީ ނިމުމާއެކު ރަށަށް ދާންވީ. އެއް ކަމަކީ އަޅުގަނޑުގެ ހުރިހާ ރިސޯޓްތަކެއްގައި މި ތިބީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އައިސް ތިބި މުވައްޒަފުން. ހާއްސަކޮށް ދެކުނުގެ ތިން އަތޮޅު. ނަމަވެސް ރިސޯޓްތައް މި އޮތީ އުތުރާއި މެދު އަތޮޅުތަކުގައި. މި އިސްލާހުން މި ގެއްލުވާލީ މުވައްޒިފުން މެދުގައި އޮންނަން ޖެހޭ ހަމަހަމަކަން،" އޭނާ ވިދާޅުވިއެވެ.

އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ހިސާންގެ އިސްލާހަކީ އެކަމަނާ ނިސްބަތްވެ ވަޑައިގަންނަވާ ތުޅާދޫ އާއި ހިތާދޫ މުވައްޒަފުންނަށް އެކަމަނާގެ ފަރާތްޕުޅުން ފަހައި ދިން "ކޯޓެ"' ކެވެ.

މިއީ އަދި ގާނޫނުތައް ވުޖޫދު ކޮށްގެން ވާނެ ގޮތެއް ނޫނެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި މި އިސްލާހާއެކު ރިސޯޓްތަކުގެ ސެކިއުރިޓީއަށް ކޮމްޕްރަމައިޒް ވެގެންދާނެ އެވެ. ރާއްޖޭގެ ފަތުރުވެރިކަމަކީ މުޅި ދުނިޔޭގައި ވެސް އެންމެ ރައްކާތެރި ފަތުރުވެރިކަމެވެ. އެހެން ވަނީ ދުރުދުރުގައި ހުރި ރަށްތަކުގައި އޮތް ރައްކާތެރި ކަމުގެ ސަބަބުންނެވެ. އެކަމަކު މި އިސްލާހާއެކު އަންނަ ޑިމާންޑްތަކުގެ ތެރެއިން ރިސޯޓް ސެކިއުރިޓީ ކޮމްޕްރަމައިޒް ވާނެ އެވެ.

"ކޮންމެ މުވައްޒިފެއް ޑިއުޓީ ނިންމާފައި ކައިރި އޮންނަ ރަށަށް ނުވަތަ ރަށް ދުރުގައި އޮތް ނަމަވެސް، ޖެޓް ސްކީގައި ވެސް ދާންވީ. ޑިންގީއެއްގައި ބަލައި އަންނަ މީހުންނާއެކު ވެސް ދާންވީ. ނޫނީ ކައިރީ އޮތިއްޔާ ކަޓަމަރާނެއްގައި ވެސް ދާންވީ. މިހާރުވެސް އަޅުގަނޑުގެ ރަށެއް ކައިރި އޮންނަ ރަށަށް ޑިންގީގައި އެބަދޭ. އެކި ފަަހަރު އެކި ޖެޓީތަކުން އެކި ދިމަދިމާއިން ފުރައިގެން ދަނީ. އެއީ ކަން ވެގެންވާނެ ގޮތެއް ނޫން. އެކަމަކު މިހާރު ގާނޫނަކުން މި ހުއްދަ ދެނީ. ދެން ކިހިނެތްތޯ ރިސޯޓްތަކުގެ ސެކިއުރިޓީގެ ޔަގީންކަން ފަތުރުވެރިންނަށް ދޭނީ،" ރިސޯޓް އޯނަރަކު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި "ނައިޓަށް ދެވޭ" އިސްލާހަކީ އިންސާފެއް ނެތް އިސްލާހެކެވެ. އަދި މިއީ އިންވެސްޓަރުންގެ ވިޔަފާރިއަށް ބެލުމެއް ނެތި ވުޖޫދުކުރި އިސްލާހެކެވެ. އޭގެ ސަބަބުން އިންވެސްޓްމަންޓްތަކަށް ބުރޫ އަރާނެ އެވެ. އަންނަން ހުރި އިންވެސްޓްމަންޓްތައް ހުއްޓޭނެ އެވެ.

"މިވަގުތު އެ ކަންކަން އަދި ނުފެނި ދާނެ. އެ ގެއްލުން މީހުންގެ ލޯ ކުރިމައްޗަށް އަދި ނުފެނިދާނެ. ނަމަވެސް އަޅުގަނޑަށް ޔަގީން މި އިސްލާހުތަކުގެ އަސަރު ދެތިން އަހަރުތެރޭ ވަރަށް ބޮޑަށް ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއަކީ ފަތުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވުމުގައި ފަތުރުވެރިންގެ ސެކިއުރިޓީއާއި ޕްރައިވެސީ ވަރަށް މުހިންމު ދައުރެއް އަދާ ކުރެއެވެ. ނަމަވެސް ބައެއް ބޭފުޅުންގެ ނަޒަރުގައި ފާސްކުރި "ނައިޓަށް ދެވޭ" އިސްލާހާއެކު ސެކިއުރިޓީގެ ޔަގީންކަން ގެއްލޭނެ އެވެ. އަދި ފަތުރުވެރިންގެ ޕްރައިވެސީގެ ކަށަވަރުކަން ވެސް ނެތުނީ އެވެ. ހާއްސަކޮށް މަތީ ފެންވަރުގެ ޓޫރިމަށް ބޮޑު ހުރަހެއް އެޅޭނެ އެވެ.

"ރިސޯޓްތަކުގެ އޮޕަރޭޝަންތަކަކީ ވަރަށް ބޮޑަށް އުސޫލެއްގެ ތެރެއިން އޮންނަ ކަމެއް. ކޮންމެ މުވައްޒަފަކު ޑިއުޓީ ނިމޭ ގޮތަށް އަމިއްލަ އުޅަނދެއްގައި ފުރައިގެންދާން ވެއްޖެނަމަަ ވަރަށް ބޮޑު ހަލަބޮލި ކަމެއް އަންނާނެ. އެހިސާބުން ފަތުރުވެރިންނަށް އެކަން ނޯޓިސް ކުރެވޭނެ. އެމީހުންގެ ޕްރައިވަސީ އަދި ސެކިއުރިޓީގެ ޔަގީންކަން ގެއްލޭނެ. ގެސްޓް ހައުސްތަކަށް ދާ މީހުންނާއި ރިސޯޓްތަކަށް އަންނަ މީހުން މި އަންނަނީ މި ތަފާތު ހުންނާނެކަން އެނގިގެން،" ކުރިން ވާހަކަ ދެއްކެވި ރިސޯޓްގެ އޯނަރު ވިދާޅުވިއެވެ.

އެހެން ބޭފުޅަކު ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގެ ފަތުރުވެރި ކަމުގައި "'ޕްރައިވެޓް އައިލެންޑް" ކޮންސެޕްޓް އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. ނަމަވެސް "ނައިޓަށް ދެވޭ" އިސްލާހާއެކު އެކަމަށް ބުރޫއަރާނެ އެވެ. އަދި އޭނާ ވަރަށް ގިނަަ ސަބަބުތައް ވެސް ވިދާޅުވެ ދެއްވަ އެވެ.

"ދުވާލަކު 60،000 ޑޮލަރު ހޭދަ ކޮށްގެން މި އަންނަނީ 'ޕްރައިވެޓް އައިލެންޑް' ތަކަށް. ދުނިޔޭގެ ވަރަށް މަޝްހޫރު ބޭފުޅުން. ޕަޕަރާޒީންނާއި އެހެން އެންމެންނަށް ވެސް ސިއްރުން. ނަމަވެސް އެފަދަ ރަށްތަކުގައި އުޅޭ މީހުން ކޮންމެ ރެއަކު ފުރަފުރައިގެން ގޮސް އައިސް ވާނަމަ އެކަން އެ ގެއްލުނީ. މިއީ ހައްތަހާވެސް ލިބޭނެ ގެއްލުން،" ކުރިން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވި ބޭފުޅަކު ވިދާޅުވިއެވެ.

މިފަދަ އެތައް ސަބަަބަކާ ހެދި ހިޝާންގެ "ނައިޓަށް ދެވޭ" އިސްލާހު ރަނގަޅު ނޫން ކަމަށް ރިސޯޓް އޯނަރުން ދެކެ ވަޑައިގަންނަވަ އެވެ. އެ ހުރިހާ ބޭފުޅުން ވެސް މުވައްޒިފުންނަށް ފަސޭހަ ގޮތްތަށް ހަމަޖައްސައިދިނުމަށް ތާއީދު ކުރައްވަ އެވެ. ނަމަވެސް އިންވެސްޓަރުންގެ އިތުބާރު ހިފަހައްޓަންޖެހެ އެވެ. ފަތުރުވެރި ކަމަށް ގެއްލުމެއް ގާނޫނުތަކުން ވެގެން ނުވާނެއެވެ.

"އަޅުގަނޑުގެ ނަޒަރުގައި މިއީ ޓޫރިޒަމަށް ދެވޭނެ އެންމެ ބޮޑު ހަމަލާ. މި ކަމާމެދު މިނިސްޓަރު [ޑރ. މައުސޫމް] ވެސް އަދި ރައީސް ސޯލިހު ވެސް އެއްޗެއް ވިދާޅުވާން ޖެހޭ ކަމަށް އަޅުގަނޑު ދެކެން. އަދި ކައުންޓަރު ޓެރަރިޒަަމް ސެންޓަރު ނުވަތަ ޑިފެންސުން ވެސް އެއްޗެއް ބުނަން ޖެހޭ. އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިހާރު ވެސް ރިސޯޓްތަކުގެ ސެކިއުރިޓީ ހަމަޖެހިފައިވާ ގޮތް. މި އިސްލާހާއެކު އެކަންކަމަަށް އަންނާނެ ބަދަލުތައް އެ ބޭފުޅުން ވެސް ވިދާޅުވެ ދެއްވަން ޖެހޭ،"

މި ފަހުން މަޖިލީހުން ފާސް ކުރާ ބައެއް ގާނޫނުތަކަށް ނުވަތަ ގާނޫނުތަކަށް ގެންނަ އިސްލާހުތަކަށް އާންމުންނާއި ދާއިރާގެ ތަޖުރިބާކާރުން ހިޔާލު ހޯދައެވެ. މިފަދަަ އިސްލާހެއް ފާސްކުރިއިރު އެކަމަށް ހިޔާލު ނުހޯދީ ކީއްވެގެންތޯވެސް އެ ބޭފުޅުން ސުވާލު އުފައްދަ އެވެ.

އަޅުގަނޑުގެ ނަޒަރުގައި މިއީ ޓޫރިޒަމަށް ދެވޭނެ އެންމެ ބޮޑު ހަމަލާ. މި ކަމާމެދު މިނިސްޓަރު [ޑރ. މައުސޫމް] ވެސް އަދި ރައީސް ސޯލިހު ވެސް އެއްޗެއް ވިދާޅުވާން ޖެހޭ ކަމަށް އަޅުގަނޑު ދެކެން. އަދި ކައުންޓަރު ޓެރަރިޒަަމް ސެންޓަރު ނުވަތަ ޑިފެންސުން ވެސް އެއްޗެއް ބުނަން ޖެހޭ. އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިހާރު ވެސް ރިސޯޓްތަކުގެ ސެކިއުރިޓީ ހަމަޖެހިފައިވާ ގޮތް. މި އިސްލާހާއެކު އެކަންކަމަަށް އަންނާނެ ބަދަލުތައް އެ ބޭފުޅުން ވެސް ވިދާޅުވެ ދެއްވަން ޖެހޭ،
ރިސޯޓް އޯނަރެއް

ރާއްޖެއިން މިފަދަ އިސްލާހުތަކެއް ގެނައުމުން ވާދަވެރި ގައުމުތަކުން އެކަންކަން ދުނިޔެއަށް ހާމަކުރާނެ އެވެ. އެކަމުގެ ސަބަބުން ފަތުރުވެރިކަމަށް ނޭދެވޭ އަސަރު ކުރާނެ އެވެ. އަދި ޒަމާނުއްސުރެ ރާއްޖެއިން ފަތުުރުވެރިންނަށް ވިއްކަމުން އައި ސެކިއުރިޓީއާއި ޕްރައިވެސީގެ ޔަގީންކަން ގެއްލިގެންދާނެ އެވެ.

"އަޅުގަނޑުމެންގެ ވާދަވެރިން މިތާ ކައިރީ ކޮންމެ ގައުމަކީ. އެ ގައުމުތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުން އަދި އެ ގައުމުތަކުން ވެސް ރާއްޖެއަކީ ސެކިއުރިޓީ އާއި ޕްރައިވެސީ ނެތް ތަނެއް ކަމަށް ބުނާނެ. މިސާލަކަށް ލަންކާގެ ބީޗް، އެއީ ޕްރައިވެޓް ތަނެއް ނޫން. އެހެންވީމަ އެއީ ފަތުރުވެރިން ކަންބޮޑުވާ ކަމެއް. ނަމަވެސް ރާއްޖޭގެ ރިސޯޓްތައް އެހެނެއް ނޫން. ހުރިހާ ރިސޯޓްތަކެއް ވެސް ސެކިއުރިޓީ އާއި ޕްރައިވެސީ އޮންނާނެ. އެ ޔަގީންކަން ވެސް މި އިސްލާހުން ގެއްލޭނެ ކަމަށް އަޅުގަނޑު މި ދެކެނީ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

ބައެެއް ރިސޯޓް އޯނަރުން ވިދާޅުވާ ގޮތުގައި މިކަމާއި ގުޅިގެން ކުރިމަތިވާނެ މައްސަލަތައް ރައީސް ސޯލިހުގެ ސަމާލު ކަމަަށް އެ ބޭފުޅުން ގެންދާނެ އެވެ. އެކަމާއި ގުޅޭ ޝަކުވާތައް ލިޔެކިޔުމުން ހުށައަޅުއްވާނެ އެވެ. އަދި އުންމީދަކީ އެ އިސްލާހުތައް ތަސްދީގު ކުުރެއްވުމުގެ ކުރިން އެކަންކަމާމެދު ވިސްނަވާ ލެއްވުމެވެ.

"އެއް ގޮތަކަށްވެސް މިއީ މުވައްޒިފުންނާ ދެކޮޅަށް ހަމައެކަނި ރިސޯޓް އޯނަރުންގެ ހައްގުތައް ހިމާޔަތް ކުރަން ދައްކާ ވާހަކައެއް ނޫން. މިއީ މުޅި އިންޑަސްޓްރީއަށް ދެވޭ ދެރައެއް. މުވައްޒިފުންނަށްވެސް ދެވޭ ދެރައެއް. ފަތުރުވެރިން ރާއްޖެ އައުމަށްވެސް އެޅޭ ހުރަހެއް، ވަކިން ހާއްސަކޮށް މަތީ ފަންތީގެ ފަތުުރުވެރިން. އެހެންވީމަ އަލުން ރިވިއު ކުރަން ޖެހޭ"