ލައިފްސްޓައިލް

އެންމެ އަގު ބޮޑުކޮށް ވިކުނު ގަސް އެނގޭތަ؟

ވަރަށް ކުޑަ ކުޑަ ގަހެއް ނިއު ޒިލެންޑް މީހަކު ވަރަށް ބޮޑު އަގެއްގައި ގަނެފި އެވެ. މިއީ ދުނިޔޭގައި ވެސް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ގަހެކެވެ. އެހެންވެ މީގެ އަގު އިންތިހާއަށް ބޮޑުވީ އެވެ. ގަސް ކުޑަވެފައި އޭގައި އިނީ އެންމެ ހަތަރު ފަތެވެ. ނަމަވެސް ފަތުގައި ވަރަށް ޚާއްސަ ރީތި ސިފަ ތަކެއް ހުރެ އެވެ. ފަތުގެ ދެ ފަޅި ދެ ކުޅައިގައި އިނުމާއި ފަތުގެ ޑިޒައިން ވެސް އެހެން ގަސްތަކާ ވަރަށް ތަފާތެވެ. މި ގަސް ނިއުޒިލެންޑް މީހާ ގަނެފައިވަނީ 8150 ނިއު ޒިލެންޑް ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 5500 ޔޫއެސް ޑޮލަރެވެ.

މި ގަސް ވިއްކީ އޮކްލެންޑްގެ ބޮޓަނިސްޓެކެވެ. މި ގަހުގެ ޚާއްސަ ކަމަކީ މިއީ ވަރަށް މަދުން ނޫނީ ދުނިޔޭން ފެންނަ ގަހަކަށް ނުވުމެވެ. ރަފިޑޮފޯރާ ޓެޓްރަސްޕާމާ ކިޔާ މި ގަހަށް ބައެއް ހިސާބުތަކުގައި ފިލޮޑެންޑްރޮން މިނިމާ ނުވަތަ ވެރިގޭޓެޑް މިނިމާ ވެސް ކިޔަ އެވެ. "ޓްރޭޑް މީ" ކިޔާ ވެބް ސައިޓަކުން ވިއްކި މި ގަސް ގަންނަން ގިނަ ބަޔަކު ބިޑް ކޮށް މި ގަސް ހޯދަން ވަރަށް ވަރުގަދަ ހަނގުރާމައެއް ކޮށްފައި ވެއެވެ.

ނިއު ޒިލެންޑްގެ ނޫހަކުން ބުނި ގޮތުގައި މި ގަހަށް 62 ފަރާތަކުން ބިޑް ކުރި އެވެ. އެންމެ ފަހުން ބިޑް ކާމިޔާބުކޮށް ގަސް ލިބުނީ ނިއުޒިލެންޑް މީހާ އަށެވެ. މިއީ ދުނިޔޭގައި މިހާތަނަށް އެންމެ އަގު ބޮޑުކޮށް ވިކުނު ގަސް ކަމަށް އެ ގަސް ވިއްކި ވެބްސައިޓުގައި ބުނެފައި ވެއެވެ.

މި ވައްތަރުގެ ގަހަކީ ދުނިޔޭގައި އެހާ މަދު ގަހަކަށް ވެފައިވަނީ މި ގަސް ހެދޭލެއް ލަސް ކަމުންނެވެ. މި ގަސް އާއްމުކޮށް ހޯދަނީ ހޯޓިކަލްޗަރިސްޓުންނާއި ގަހުގެ ޚާއްސަ ބާވަތްތައް އެއްކުރާ މީހުންނެވެ.

މި ގަސް ވިއްކި ވެބް ސައިޓުއިން ބުނި ގޮތުގައި ފާއިތުވީ ހަތް ދުވަހުގެ ތެރޭގައި އެ ގަހާ ބެހޭ މައުލޫމާތު 1600 އަށް ވުރެ ގިނަ މިހުން އެ ވެބްސައިޓުން ހޯދާފައި ވެއެވެ. ދެން އެންމެ ގިނައިން މީހުން ފާއިތުވީ ހަފުތާގައި އެ ވެބް ސައިޓުން ސާޗް ކޮށްފައިވަނީ ހޯޔާ ކިޔާ ޕްލާންޓެއްގެ މައުލުމާތެވެ.

ހޯޔާ އަކީ މުޅި ދުނިޔޭން ވެސް އެންމެ ގިނަ ބަޔަކަށް އެންމެ މަގްބޫލު ޕްލާންޓްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ގަސް ކަމަށާއި ދެ ވަނަ އަށް އެންމެ މަގްބޫލީ މޮންސްޓެރާ ކަމަށް އެ ވެބްސައިޓުގައި ވެއެވެ. ތިން ވަނަ އަށް އެކި ކަހަލަ ސަކްލަންޓްސް އާއި ސްނޭކް ޕްލާންޓެވެ.

މި ފަހަރު މިހާ އަގުބޮޑުގޮސް މި ގަސް ގަން މީހާ ބޭނުންވަނީ ޓްރޮޕިކަލް ޕެރަޑައިސް އެއް ތައްޔާރުކުރަން ކަމަށް އެމީހާ ބުނެފައި ވެއެވެ.

"އަހަރެން މިއުޅެނީ ޓްރޮޕިކަލް ޕެރަޑައިސް އެއް ބިނާކުރަން. އެތަނުގައި ދޫންޏާއި ކޮކާލަށް ޚާއްސަ ގެތަކެއް ހުންނާނެ. އަދި މެދުގައި މުޅި ބަގީޗާ ފެންނަ ގޮތަށް ރެސްޓޯރެންޓެއް ވެސް ހުންނާނެ. އެހެންވެ ނިއު ޒިލެންޑުން ވެސް ލިބެން ނެތް ރީތި އަދި މަދު ބާވަތްތަކުގެ ގަސްތައް މި ހޯދަނީ މި ތަނުގައި ބަހައްޓަން،" ގަސް ގަން މީހާ ބުންޏެވެ.