ވިޔަފާރި

ގޭމްހަބްގެ މޮބައިލް ގޭމްތައް ދިރާގަށް

Sep 7, 2020
1

ދިރާގުން ގޭމްހަބް ގެ ނަމުގައި މޮބައިލް ގޭމް ޕްލެޓްފޯމް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނި ގޮތުގައި ގޭމްހަބްގެ މި ފްލެޓް ފޯމުގައި 700 އަށް ވުރެ ގިނަ މޯބައިލް ގޭމް ހިމެނޭނެ ކަމަށާ، މި ޕްލެޓްފޯމަކީ ސަބްސްކްރިޕްޝަން ފީ އެއް ދައްކައިގެން ބޭނުން ކުރެވޭނެ ހިދުމަތެއް ކަމަށެވެ.

ދިރާގު ގޭމް ހަބްގެ ސަބްސްކްރިޕްޝަލް ޕޯޓަލް ގާއިމު ކޮށްފައިވަނީ ގޭމްލޮފްޓް އިން ކަމަށެވެ. ގޭމްލޮފްޓް އަކީ ދުނިޔޭގެ ފެންވަރުގައި މޮބައިލް ގޭމް ޑިވެލޮޕް ކުރާ ކުންފުންޏެކެވެ.

އެ ކުންފުނިން ތައާރަފު ކުރި ގޭމްހަބް ގެ ސަބްސްކްރިޕްޝަން މަހުން މަހަށް ނުވަތަ ހަފްތާ އަށް ވެސް ނެގެ އެވެ. މަހުން މަހަށް ސަބްސްކްރައިބް ކުރާނަމަ ދައްކަން ޖެހެނީ މަހަކު 50 ރުފިޔާ އެވެ. ހަފުތާ އަކަށް ސަބްސްކްރައިބް ކުރާނަމަ ދައްކަން ޖެހެނީ 20 ރުފިޔާ އެވެ.

ގޭމްހަބް އަށް ސަބްސްކްރައިބް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ ގޭމަހަބް ޕޭޖުން ބޭނުންވާ ސަބްސްކްރިޕްޝަން ޕެކޭޖެއް ނެގެ އެވެ. ސަބްކްރައިބް ކުރުމަށްފަހު، އެންޑްރޮއިޑް ކަސްޓަމަރުންނަށް ވަގުތުން ގޭމްތައް ޑައުންލޯޑްކޮށް ކުޅެލެވޭނެ އެވެ. އަދި އައިއޯއެސް ކަސްޓަމަރުންނަށް އޮންލައިންކޮށް ހާއްސަ ޕޯޓަލް އެއް މެދުވެރިކޮށް ގޭމް ކުޅެވޭނެ އެވެ.

ގޭމްހަބް ގެ އެންމެ ހާއްސަ ކަމަކީ، ގޭމްހަބްގެ ސަބްސްކްރިޕްޝަންއެއް ނެގުމުން، ގޭމްހަބްގައި ހިމެނޭ ހުރިހާ ގޭމް ތަކެއް ކުޅުމުގެ ފުރުސަތު ލިބުމުގެ އިތުރުން، އެއްވެސް އިތުރު "އިން އެޕް ޕަޗޭސް" އެއް ކުރަން ނުޖެހުމެވެ. ގޭމް ހަބުގައި އެކްޝަން ގޭމްތަކުގެ އިތުރުން ކުޅިވަރު އަދި ކުޑަ ކުދިންގެ ގޭމް ވެސް ހިމެނެ އެވެ.

އެ ކުންފުނިން ބުނީ އަމާޒަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ޒަމާނީ ހިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ. އަދި ދިރާގުން އުންމީދު ކުރަނީ ގޭމްހަބް މެދުވެރިކޮށް ގޭމް ކުޅުމަށް ޝައުގުވެރިވާ ކަސްޓަމަރުންނަށް މޮބައިލް ގޭމް ކުޅުމުގައި އިތުރު ފަސޭހަތަކާއި ފުރިހަމަ ކަމެއް ލިބިދިނުމެވެ.