ކޮވިޑް-19 އިގެ ސަބަބުން އިންޑިއާގެ ބޯޑަރުތައް އަދިވެސް ބަންދުކޮށްފައިވީ ނަމަވެސް، ރާއްޖެއާއެކު ވެފައިވާ ހާއްސަ އެއްބަސްވުމުގެ ދަށުން، އިންޑިއާގެ ބަޖެޓު އެއާލައިނެއްކަމަށްވާ "ގޯއެއާ" އިން ވެސް ރާއްޖެއަށް ދަތުރުތައް ފަށަން މަސައްކަތް ކުރަމުންދާކަމަށް ބުނެފި އެވެ.
ކޮވިޑް-19 އަށްފަހު، ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމްކުރެވުނު ފުރަތަމަ އެއާ ބަބަލްގެ ދަށުން، އިންޑިއާގެ ގައުމީ އެއާލައިން "އެއާ އިންޑިއާ" އިން މިދިއަ މަހު ރާއްޖެއަށް އަލުން ދަތުރުތައް ވަނީ ފަށައިފަ އެވެ. އެއާ އިންޑިއާ އިން ރާއްޖެ އާއި ޓްރިވެންޑްރަމް އާ ދެމެދު ހަފްތާއަކު އެއް ފްލައިޓް އޮޕަރޭޓު ކުރެ އެވެ.
އޭގެ ފަހުން މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެން، މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އިންޑިއާގެ އިންޑިގޯ އެއާލައިނުން އަންނަނީ މާލެ އިން ކޮޗިން އަށް ހަފުތާއަކު ދެ ދަތުރު އަޅަމުންނެވެ.
އަދި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޓްރިވެންޑްރަމަަށް ހަފުތާއަކު ދެ ދަތުރުކުރަން ވެސް އެއްބަސްވުމުގެ ދަށުން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ އިންޑިއާ އޮފީހުގެ އެކައުންޓްސް އޮފިސަރު ޝިކާ މިޝްރާ އިންޑިއާއަށް ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިންޑިއާ އިން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން، ޓްރެވަލް ބަބަލްގެ ދަށުން ފްލައިޓުތައް އިތުރުކުރެވުމުން، ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެކަމަށް އޭނާ އުއްމީދު ކުރައްވަ އެވެ.
މިޝްރާ ވިދާޅުވެފައިވާ ގޮތުގައި، މިހާރު ރާއްޖެއަށް އޮޕަރޭޝަން ފަށާފައިވާ އެއާލައިންތަކުގެ އިތުރުން "ގޯ އެއާ" އިން ޓޫރިސްޓު މޫސުމާ ދިމާކޮށް ފްލައިޓުތައް ފަށަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދަތުރުފަތުރު މަޑުޖެހުމުގެ ކުރިން، ގޯ އެއާ އިން އައީ އިންޑިއާގެ މައި ތިން ސިޓީއެއްކަމަށްވާ ނިއު ދިއްލީ އާއި މުމްބާއީގެ އިތުރުން ބެންގަލޫރުން އިން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަމުންނެވެ.
އިންޑިއާއަކީ ޓޫރިޒަމަށް ރާއްޖެއަށް ވަރަށް މުހިއްމު މާކެޓެކެވެ. އެގޮތުން، މިދިއަ އަހަރު 160،000 އަށް ވުރެ ގިނަ އިންޑިއާ ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފައިވާއިރު، އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 83 ޕަސަންޓުގެ އިތުރުވުމެކެވެ.
އޭގެ އިތުރުން ކޮވިޑާ ގުޅިގެން ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމުން ރާއްޖޭގައި މަސައްކަތްކުރާ އެތަކެއް ހާސް އިންޑިއާ މީހުން ވަނީ ފްލައިޓުތަކުގެ އިތުރުން އިންޑިއާ އިން ފޮނުވި މަނަވަރުތަކުގައި އަނބުރާ ގެންގޮސްފަ އެވެ.
މި އެއާ ކޮރިޑޯގެ ދަށުން، އެ މީހުން ވެސް ރާއްޖެ އައުމުގެ މަގު ފަހި ވެގެން ދިއުމަކީ މި ޓްރެވަލް ބަބަލްގެ މުހިއްމު ބޭނުމެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.