ލައިފްސްޓައިލް

ފެޝަން އެލާޓް: ކުލަމަޖާ ގަނޑެއް!

ގޭގައި އުޅޭއިރުވެސް ބޭރަށްވެސް ދާން ހޫނުގަދަ މި ރާއްޖޭގައި ލައިގެން އުޅެން އެންމެ އަރާމީ ޓީޝާޓެކެވެ. މިކަމާއި ދެބަސް ވާނީ ވެސް މަދު މީހެކެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ވެސް ޓީޝާޓް ކަމުދަނީ މި ސަބަބާއި ހެދިއެވެ.

ފުރަތަމަ ކޮމްފޯޓެވެ. ދެން ފެޝަނެވެ. ކެޝުއަލް ކޫލް ލުކެކެވެ. މާ ވެފަ އެއްވެސް ނޫނެވެ. ވަރަށް އާދައިގެ އެވެ. ހަމައެކަނި ވަކި ސްޓައިލެއްގެ ޓީޝާޓް އެކަނި ލާ ބަޔަކުވެސް އުޅެއެވެ. ގިރުއާނުލީ ޓީޝާޓެވެ. ނޫނީ ރޮނގު ދެމި ފޮތީގައި އެކަންޏެވެ. އެހެން ނޫނީ ހުސް ކަޅު ކުލައެވެ. މިހެން ގޮސް އެތަށް ސްޓައިލަކާއި ވައްޓަފާޅިއެއްގެ ޓީޝާޓް ހުންނައިރު އަމިއްލަ ޑިޒައިންނަށް ޕްރިންޓްކޮށް ކަސްޓަމައިޒްކޮށްލާ ޓީޝާޓެއް ހާއްސަ ވެދާނެ އެވެ.

ޓީޝާޓް ހާއްސަކޮށްލެވޭނެ އެއްގޮތަކީ ޓައި ޑައި ބޭނުން ކޮށްލުމެވެ. ހުދު ކުލައިގެ ޓީޝާޓެއް ބޭނުން ޑިޒައިނަކަށް ޑައި ކޮށްލެވިދާނެ އެވެ. އަދި ޑައިކޮށް ނިމޭ އިރު "ރެއިންބޯ" ކުލަތައް ނޫނީ ނުލުގެ އެކި ޝޭޑް ބޭނުންކޮށް ވިލުގެ ކުލަޖައްސާލާ މޫދު ފީލެއް ލައިގެން ހުންނަ އިރު ގެނެވެއެވެ. އަނެއް ބައި ޓީޝާޓްގައި ބޭނުންކުރާ ކުލަތަކުން މާ ސިންގާ ކަނޑު ނޫނީ އުޑާއި ވިލާތަށް ގޮތަށް ވެސް ޑައި ކޮށްލެވެއެވެ. ކުޑަކުދިންގެ މެދުގައި މަގުބޫލު ޔުނިކޯން ތީމްވެސް ބޭނުން ކޮށްގެން ޑައި ކޮށްލެވިދާނެ އެވެ.

މިއީ ފަސްދޮޅަހުގެ ވަރަށް ބޮޑަށް މަގުބޫލުވެގެން ދިޔަ ސްޓައިލެކެވެ. މި ޓީޝާޓްތަކުގައި ސިޔާސީ މާޒީއެއްގެ ވާހަކައެއް ވެސް އޮވެއެވެ. އެމެރިކާއިން އެ ގައުމުގެ ޒުވާނުން ވިއެޓްނާމަށް ހަނގުރާމައަށް ފޮނުވުމާއި ދެކޮޮޅަށް ކުރި މުޒާހަރާ ތަކުގައި މީހުންގެ ސަމާލުކަން ހޯދަން މިގޮތަށް ޑައިކޮށްގެން ޓީޝާޓް ބޭނުންކުރި އެވެ.

އަދި އެ ފަހުންވެސް ކޮންމެ 10 އަހަރެއްގައި ހެން މި ޓައިޑައި ޓީޝާޓް އެކި ކަހަލަ މެސެޖުދޭން ބާއްވާ އެއްވުންތަކުގައި މަގުބޫލު ވެއެވެ. ބޮޑަށް މި ޓްރްނޑް ވަނީ ކޮންމެވެސް ކަހަލަ ދަތި އުދަނގޫ ދުވަސްވަރަކުން އަރައިގަންނަން އުޅޭ އުޅުމުގަ އެވެ.

ކުލަ ގަދަކޮށް ހެދުންލާ ހިތްވާ މީހުނަށް މި ޓީޝާޓް މާ ކަމުދެއެވެ. ކެޝުއަލް ރީލެކްސްޑް ލުކެއް ހުންނަ މި ޓީޝާޓް އަކީ އަމިއްލަ އަށް ޑައި ބޭނުން ކޮށްގެން ހަދާލާ ޓީޝާޓެވެ. ރާއްޖޭގައި ނުވަދިހައިގެ ކުރީކޮޅު މިކަހަލަ ޓީޝާޓަކީ ފެޝަނެކެވެ. ގޭގެތެރޭގައި މިގޮތަށް ޓީޝާޓް ބްލީޗް ބޭނުން ކޮށްގެން ޑައިކުރި ބައެއްވެސް އުޅުނެވެ.

މި އަހަރު އަލުން މި ޓްރެންޑް މިހާރު ދަނީ މަގުބޫލުވަމުންނެވެ. ކޮވިޑް-19 ގެ ދަތި އުދަނގޫ މި ދުވަސްވަރު ލައިގެން ހުންނަ ކުލަގަދަ ޓީޝާޓުން މޫޑާއި މީހާ އަށް އުޖާލާކަމެއް ގެނެސްދީފާނެ އެވެ. މި ދުވަސްކޮޅު ފެޝަން ޓްރެންޑެއް ކަމުގައިވާ ޓައިޑައި ބޭނުންކޮށް އެކި އެކި އަންނައުނުގައި ވިއްކާ ފަރާތްތަކެއް ވެސް އެބައުޅެއެވެ.

ކުލަމަޖާ ޕޭޖް ހިންގާ ހުސެއިން ޝިފާޒް ހޮބީއެއް ގޮތުގައި ފެށި މި މަސައްކަތް މިހާރު ވަނީ ކުޑަ ވިޔަފާރިއަކަށް ވެސް ބަދަލުވެފައެވެ. އޭނާގެ ގޭގެ ސިޓިންރޫމް މިއޮތީ ޓީޝާޓް މަސައްކަތުގެ ކުޑަ ސްޓޫޑިއޯއަކަށް ބަދަލުވެފައެވެ.

"މި ދުވަސްކޮޅަކު ހާއްސަކޮށް މި ކުލާމަޖާގަނޑު ޑިމާންޑް އެބައޮތް. އެންމެ ހިނގަނީ ބޮޑަށް ނޫކުލަ. އަމިއްލައަށް ބޭނުންވާ ކުލަތަކުގެ ފޮޓޯ ކަސްޓަމަރުން ފޮނުވާލާ. ދުވާލެއްގެ މައްޗަށް ދެތިން ޓީޝާޓްގެ މަސައްކަތް އޮވޭ." އޭނާ ބުންޏެވެ.

ކުޑަކުދިންނަށް ހާއްސަކޮށް ވަންސީވެސް ހުސެއިން މިގޮތަށް ޑައިކޮށްދެއެވެ. އަދި އާއިލާއަށް އެއްމެން އަށް އެއްކުލައަކުން ޓީޝާޓް ހަދާދެއެވެ.

"ވަންސީ އައިޑިއާ އަކީ އަސްލު އާއިލާ ތެރެއިން ބޭބީސްއަށް ކުޑަވެފައިވާ ހުރި ހެދުން ކުލަޖައްސާލާން ޓްރައިކޮށްލަން ދިނީ. ދެން އެހެން ފެށިގެން ކުޑަކުދިންގެ ޓީޝާޓާއި ވަންސީސް މިހާރު ޑައި ކޮށްދެން. ޑިމާންޑް އެބައޮތް"

ބުރަ މަސައްކަތެއް އުދަނގޫ މަސައްކަތެއްހެން ހީނުވިއަސް ހުސެން ކުލަޖެއްސުމުގެ ކަންކަން ކުރަނީ ވަރަށް ފަރުވާތެރިކަމާއި ކަމަށް ކަމޭހިތައިގެނެވެ.

"ޓީޝާޓެއް މެޝިނަށް ލާ ދޮންނަނީ ފުރަތަމަ. ކުޑަކޮށް ތެއްކޮށް ހުއްޓާ އެ އޮޅަންވާގޮތަށް އޮޅާލާ ނޫނީ ރޫއަރުވާލާ އެއްގޮތަކަށް ސެޓްކުރަން ރަބަރު ބޭންޑެއް އަޅުވާލާ ޑައި އަޅަނީ. ޑައި އެޅުމަށްފަހު ދެތިން ދުވަސްވަންދެން ބާއްވަނީ އެއްކޮށް ހިކެން ދެން. ހިކުމުން އަލުން ދޮންނަނީ ކުޑަ ދޮންނަ ކުނޑިކޮޅެއް އަޅައިގެން. ކޮންމެ ޓީޝާޓެއް ވެސް ހިކުނީމާ ސަޕްރައިޒަކަށްވޭ،"