(ހަތަރުވަނަ ބައި)
ޒޫނާގެ އަތަށް ބާރުކޮށްލެވުނެވެ. އޭނާގެ އަތަށް ދަމާލެވުނެވެ. ވަރަށް ހިތްވަރުކޮށްފައި ޗަކަގަނޑުގެ ތެރެއިން ޒޫނާގެ ފައި ދަމައިގަނެވުނެވެ. ޖަހަމުންދިޔަ ވާރޭ ކަނިތައް ބޮޑެތިވަމުން ދިޔައެވެ. ހީވަނީ އޮއްގާ އަކިރި މަތިން އުކާހެންނެވެ. މޫނާއި އަތްތިލައިގައި ފެންތިއްކެއް ޖެހޭ ކޮންމެ ތަނަކުން ދިލަ ނަގަމުން ދިޔައެވެ. އަނެއްކާ ވެސް ވިދައިލިއެވެ. މުޅި ތަން އެކުގައި ހުދުވިއެވެ. ވަށައިގެން ހޯދާލެވުނެވެ. އަހަރުމެނަށް ތިބެވުނީ ބޮޑު ޗަކަ ގަނޑެއްގެ މެދުގައިކަން އެނގުނީ އެވަގުތުއެވެ. ކުޑަހިތްވަރެއް ކޮށްލައިގެން އެންމެ ކައިރިން ވެސް ދެވެން އޮތީ ފެންނަމުންދިޔަ ގެއާދިމާއަށެވެ. ޒޫނާ ބިރުން ތުރުތުރު އަޅަމުން ދިޔައެވެ. އޭނާ އަހަރެންގެ މުލައްދަނޑީގައި ހިފައި ބާރުކޮށްލިއެވެ.
"ހިނގާ. ހިތްވަރުކޮށްފަ އެ ގެއަށް ދެވޭތޯ." އަހަރެންގެ އަތުން ޒޫނާގެ ބުރަކަށީގައި ފިރުމާލީމެވެ.
"ބިރުގަނޭ." ޒޫނާގެ އަޑުގައި ހުރީ ތުރުތުރެކެވެ.
ޒޫނާ އަހަރެންގެ މުލައްދަނޑީގައި ހިފާ އޮޅުލައިގަތެވެ. އަހަރެން މަޑުމަޑުން ފައި ހިއްލައިލީމެވެ. ވަރަށް ފަރުވާތެރިކަމާއެކު ފަހަރަކު ފިޔަވަޅެއް އަޅަމުން ކުރިއަށް ދިޔައީމެވެ. އަޅާ ކޮންމެ ފިޔަވަޅަކާއެކު ގައިން ހީބިހި ނަގައިގަނެއެވެ. ފާޑަކަށް ތުރުތުރު އަޅައިގަނެއެވެ. ފައިތިލަ ގަބައިގެންފާނެތީއެވެ. ކޮންމެ ފިޔަވަޅެއް ވެސް އަޅަނީ ގަނބައިގަނޭތޯ ބެލުމަށްފަހުއެވެ. ޖެހެމުން ދިޔަ ވަޔާއެއްވަރަށް ވާރޭގެ ރާޅުބާނި ހަރަކާތްތައް އިތުރުވަމުން ދިޔައެވެ. ގަސްގަހުގެ ފަތްތަކުގައި ވައި އަޅުވާލާ ބޫން އަޅުވާލާފައި ވުމުން ހިތަށް ވެރިވަމުން ދިޔައީ އިތުރު ބިރުވެރި ކަމެކެވެ.
އިރުއިރު ކޮޅާ ޒޫނާ ރޯން ފަށައެވެ. އަހަރެންގެ މުލައްދަނޑިއަށް ބާރުކޮށްލަމުން އޭނާ ތެޅި ގަނެއެވެ. ކޮންމެ ފަހަރަކު ވެސް އޭނާ މަސަލަސް ކުރާން އެތައް ވަގުތެއް ހޭދަވެއެވެ. ދޭތެރެ ދޭތެރެއިން ވިދައިލައެވެ. ގުގުރުމުގެ އަސަރު ހުރީ ދުރުން އިވިއިވިއެވެ. ކުއްލިއަކަށް ބާރު އަޑުފައްގަނޑަކާ އެކު ވިދުންކަނީގެ ހާމަ މަންޒަރު ފެނުނެވެ. އަހަރެން ވެސް ހުރި ތަނަން ގަނޑުވިއެވެ. މީހާ ހާސްވެ ތުރުތުރު އަޅަގަތެވެ. ޒޫނާ ބާރުބާރަށް ހަޅޭއްލަވާ ގަތެވެ. އޭނާ އަހަރެންގެ ބުރަކަށީގައި ބާރުބާރަށް ބައްދައިގަނެ ރޯން ފެށީއެވެ.
ވިދުވަރުގެ ތެރެއިން އަހަންނަށް އެހެންކަމެއް ވެސް ފާހަގަވިއެވެ. ކުރިމަތީން ފެންނަމުން ދިޔަ ގޭގައި މީހަކު އުޅޭ މަންޒަރެވެ. އެކަން ޒޫނާއަށް ސިއްރުކުރާން ބޭނުންވީއެވެ. ޒޫނާ ބިރުގަނެފާނެތީއެވެ. ޖެހިލުންވެ ހާސްވެދާނެތީއެވެ.
"ދެން ހިނގާ އަވަހަށް އެ ގެއަށްވަދެވޭތޯ ދަމާ." އަހަރެން ލަސްލަހުން ބުނެލީމެވެ.
"ބިރުގަނޭ." ތުރުތުރު އަޅާ އަޑަކުން ޒޫނާ ބުނެލިއެވެ.
"ކޮންކަމަކާތަ؟ އަހަރެން މިހުރީނު." އަހަރެން ބިރު ނުގަންނަ ކަމަށް ހެދުނީމެވެ.
"ނޫން." ޒޫނާ ކުސްތަޅައިގަތެވެ.
"ދެން މި ނޫން ގޮތެއް އެބަ އޮތްތަ؟" އަހަރެން ބުނެލީމެވެ.
"މި ކޮންތަނެއްތަ؟" އަހަރެންގެ މޭގައި ބޮނޑިވެގެން އޮވެ ބުނެލިއެވެ.
"ކިހިނެއް އެނގެނީ." ލަސްލަހުން އަހަރެން ބުނެލީމެވެ.
"ކިހިނެއްތަ މިތަނަށް މި އައީ؟" ޒޫނާ އަނެއްކާ ވެސް އަހައިލިއެވެ.
"މިހާރު ތިހިރި ތުރުތުރު އަޅަނީ. ވާރޭ ހުއްޓީމައެއްނު ތަނަކަށް ވެސް ދެވޭނީ." އަހަރެން ބޭނުންވީ ހިޔާވަހިކަމެއް ލިބެން ހުރި އެ ގެއަށް ވަންނާށެވެ.
"އަހަންނަކަށް ނުކެރޭނެ." ޒޫނާގެ ކަތުރުކަށިގަނޑު ތެޅިގަތް އަޑުއިވުނެވެ.
"ދެން ގޮތް ދޫކުރަންވާނެ. ވާގޮތެއް ވާނީ ދެމީހުންނަށް އެކުގައި." އަހަރެން ހިނގައިގަތީމެވެ.
ލަސްފިޔަވަޅުތަކެއް އަޅަމުން އަހަރުމެން ދިޔައީ އެގެއާ ދިމާއަށެވެ.
ގޭގެ ދޮރާހަމައަށް ދެވުނު އިރަށް މުޅިތަން ހުދުވިއެވެ. އަނެއްކާ ވެސް ވިދައިލީމައެވެ. ލޮލުގައި އަޅައިގަތީ ފާރުގައި އެއް އަރިއަށް އެލެން އޮތް ނަންބޯޑެވެ. ނަންބޯޑުގައިވާ ނަން އަހަންނަށް ކިޔައިލެވުނެވެ. އަކުރުތަކަށް ވަކި ވަކީން ބާރުކޮށްލަމުންނެވެ. 'ނަވާހި'އެވެ. އެއީ އަހަރެންގެ ގެއަށް ވެސް ކިޔާ ނަމެވެ. ހައިރާންކަމާއެކު އަހަރެން އެތެރެއަށް ކަޅިއެއް އެއްލީމެވެ. އޭރު ވިދުންކަނީގެ އަސަރު ކެނޑި މުޅިތަން އަނދިރިވިއެވެ. ތަނެއް ދޮރެއް ވަކި ނުވާވަރުވިއެވެ.
"މިތާ އަސްކަނި ކައިރީ މަޑުކޮށްލަމާ." ޒޫނާގެ އަތުގައި ހިފައިލަމުން އަހަރެން ބުނެލީމެވެ.
"ބިރުގަނޭ." ޒޫނާ އަނެއްކާ ވެސް ބުނެލިއެވެ.
"ޒޫނާ. ޝަހާދެއްތަ ތި ކިޔަނީ؟" އަހަރެން ހިތްހަމަ ނުޖެހެވުނެވެ.
"ގޮތް ނޭނގޭ ތަނެއް، ބޮލަށް ވެއްޓެން ވެފަ ހުރި ގެއެއް. ވައިރޯޅިއެއް އަންނަ އިރަށް ވެއްޓި ވެސް ދާނެ." ޒޫނާ އަހަންނާ ދުރަށް ޖެހިލިއެވެ.
"ނުދޭ. އާދޭ." އަހަންނަށް ބުނެލެވުނެވެ.
ކުއްލިއަކަށް ކުއްޖެއްގެ ރުއިމުގެ އަޑު އިވެންފެށިއެވެ. އަޑު އަންނަނީ ގޭ ތެރެއިންނެވެ. އަހަންނަށް ބަލައިލެވުނީ ޒޫނާއަށެވެ. އަނދިރިކަމުގެ ތެރެއިން ފެންނަނީ ޒޫނާގެ ހެދުމެވެ. ލޮލުގެ ހުދުކަޅިއެވެ. މޫނުގައި އުފުލިފައި ހުރި ބައެއް ވަނާތަކެވެ. ޒޫނާ އަހަންނާ ގާތަށް ޖެހިލިއެވެ.
އޭރުވެސް އެ އަޑު އިވެމުން ދިޔައެވެ. ހީވަނީ ދެންމެ ވިހޭ ކުއްޖެއްގެ ރުއިމުގެ އަޑުހެންނެވެ. އަޑު ދިޔައީ ބާރުވަމުންނެވެ. ޒޫނާ އަހަރެންގެ ގައިގައި ބާރަށް ބައްދާގަތެވެ. މޭތެރެއަށް މޫނުކޮށްޕާލަމުންނެވެ. އަހަރެން ވެސް ބިރު ނުގަންނަކަމަށް ހެދުނީމެވެ.
"ޒޫނާ. ކިހިނެއްތަވީ؟" ގައިން ހީބިހި ނަގަމުން ދިޔައެވެ.
"ބިރުގަނޭ." ޒޫނާ އަނެއްކާ ވެސް ތަކުރާރުކޮށްލިއެވެ.
"ކޮން އަޑެއްތަ؟" އަހަރެން ނޭނގޭ ކަމަށް ހަދައިލީމެވެ.
"އެ އިވެނީނު." ޒޫނާ ތުރުތުރު އަޅައިގަތެވެ.
"ކޮން އަޑެއްތަ؟" އަހަންނަށް އެ އަޑު ނީވޭކަމަށް ހެދީމެވެ.
"ޖައިއަށް ވެސް އެބަ އިވެއެއްނު." ޒޫނާގެ ދެ އަތަށް ބާރުކޮށްލިއެވެ.
"ކުދިންނެއް މި ކަހަލަ ތަނަކު ނޫޅޭނެއްނު." އަހަންނަށް ވިސްނައިނުލާ ބުނެލެވުނެވެ.
"އެހެންވީމަ އިވެއެއްނު." ޒޫނާ ތުރުތުރު އަޅައިގަތެވެ.
ތުއްތު ކުއްޖާގެ ރުއިމުގެ އަޑު ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުން ދިޔައެވެ. ބައެއްފަހަރު އެ އަޑު ފަހަތުން އިވޭހެން ވެސް ހީވަމުން ދެއެވެ. އަރިމަތިން އިވޭހެން ވެސް ހީވެއެވެ. ފާރު ތެރެއިން އަޑު އަންނަހެން ވެސް ހީވަމުން ދިޔައެވެ.
"ބިރުގަނޭ." އަނެއްކާ ވެސް ޒޫނާ ރޫރޫއަޅައިގަތެވެ.
އަނގައިން ނުބުނެ އިރުކޮޅެއް ވަންދެން މަޑުކުރީމެވެ. ޒޫނާ ކިތައްމެ ވަރަކަށް އެހެން ކީ ނަމަވެސް އެކަމަށް ސަމާލުކަން ނުދޭން ނިންމައިގެންނެވެ.
"ބިރުގަނޭ." އަނެއްކާ ވެސް ޒޫނާ ބުނެލިއެވެ.
އޭނާ ހުރީ ހަމަ ރަނގަޅަށް ވެސް ބިރުން ހަލާކުވާ ވަރު ވެފައެވެ. މުޅި މީހާ ހީވަނީ ރޯމަހެއް މަރަށް ތެޅޭހެންނެވެ. އަތްފައި ތުރުތުރު އަޅަމުން ތެޅެނީއެވެ. އޭނާގެ ކަތުރުކަށިގަނޑު ނަށަނީއެވެ.
"ޒޫނާ." އަކުރުތަކަށް ބާރު ލަމުން އަހަރެން ބުނެލީމެވެ.
"ކޮން ޒޫނާއެއް ކިޔާކަށްތަ؟" އަޑު އައީ ފަހަތުންނެވެ.
ސިހިފައި އަހަރެން ފަހަތަށް އެނބުރިލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޒޫނާއަށް ވެސް އެ އަޑު އިވުނެވެ. އޭނާ ވެސް އަހަރެންގެ އަތުގައި ހިފައިލިއެވެ. އަޑު އިވުނު ދިމާއަށް ބޯ އަރިކޮށްލިއެވެ.
"ކާކު؟" އަހަންނަށް ބޭއިހުތިޔާރުގައި ބުނެލެވުނެވެ. "ކާކު؟"
"ކާކުތޯ އަހައިބަލަ. ކަލޭގެ އަންހެނުން ޒޫނާ ގާތުގަ." އެއީ ފިރިހެނެއްގެ އަޑެވެ.
އެ އަޑުގައި ހުރީ ރުޅިވެރިކަމެވެ. އަޑު އައީ ފާރާ ދިމާއިންނެވެ. ފައިން ފެށިގެން ކަނދުރާއާއެކު ފާޑެއްގެ ހީގަނޑެއް ދުވެގަތެވެ. ނޭނގޭ ގޮތަކަށް ހިތްތެޅިގަތެވެ. އަތްފައި ފިނިވެ މޭ ފިނިވާން ފެށިއެވެ.
"ކާކު؟" އަހަންނަށް އަހައިލެވުނެވެ.
"މި ބުނީނު އަހާށޭ ކަލޭގެ އަންހެނުން ގާތު." ރުޅިވެރިކަމާއެކު އެމީހާ ވާހަކަދެއްކިއެވެ.
އަހަންނަށް ވަށައިގެން ހޯދާ ލެވުނެވެ. އެއީ ކާކުތޯ ބަލާށެވެ. އަނދިރިކަމުގެ ތެރެއަށް ލޯ ހޭނިފައި ހުރުމުން ކޮންމެ ވެސް ވަރަކަށް ތަންތަން ސިފަވަމުން ދިޔައެވެ. އުނދޯއްޔެ ހެއްލެން ފެށި އަޑު އިވުނެވެ. އަހަރުމެންގެ ފަހަތުގައި އުނދޯއްޔެއް ހުރިކަން ވެސް އެނގުނީ އެ އަޑު އިވުމުންނެވެ.
"ކާކުހޭ؟" އަހަރެން ވެސް ރުޅި އަންނަ ކަމަށް ހެދީމެވެ.
"މި ބުނީނު ކަލޭ އަންހެނުން ގާތު އަހައިލާށޭ." އެ އަޑުގައި ހުރި ރުޅިވެރި ގޮތްގަނޑު ބަދަލުވަމުން ދިޔައެވެ.
"މާފުއްޕާލައިގެން ފިލައިގެން ނޫޅޭނެ ގޮތެއް ހުންނަ މީހުންނެއް." އަހަރެން ބޭނުންވީ އޭނާއާ ޖަދަލުކޮށްލާށެވެ. "އަހަރުމެންނަކީ ހާލުގައި ޖެހިގެން ހިޔަވަހިކަމަކަށް މިތަނަށް އައި ބަޔެއް."
އަހަރެންގެ ވާހަކަ ނުނިމެނީސް އެމީހާ ހޭންފެށި އަޑު އިވުނެވެ. މުޅި ތަނުން އެ އަޑު އިވެމުން ދިޔައެވެ. ބާރުބާރަށެވެ. ހީވަނީ ގޭތެރެއިން ވެސް އެ އަޑު އަންނަހެންނެވެ. ފަހަތުން ވެސް ހުނުމުގެ އަޑު އިވޭހެންނެވެ. އަނެއްކާ ވެސް އުނދޯލި ހެއްލެން ފެށި އަޑު އިވުނެވެ.
"ކަލޭ ކީއްކުރަން އަހަންނާ ސަމާސާކުރަނީ." އަހަރެން ހިތްހަމަ ނުޖެހިގެން އަހައިލީމެވެ.
"ކަލޭ އަންހެނުން ގާތުގައި އަހައިބަލަ." އަޑު އައީ ޒޫނާގެ ފުރަގަހުންނެވެ.
އަހަންނަށް ބަލައިލެވުނީ ޒޫނާއަށެވެ. އޭނާ ވެސް ބަލައިލީ ސީދާ އަހަންނަށެވެ. އަހަންނަށް ކުރެވުނީ ހީއެއްހެން ހީވިއެވެ. ބޭނުންވީ ޔަގީންކޮށްލާށެވެ.
"ކީއްވެހޭ ކަލޭ އަހަންނާ ސަމާސާ ކުރަނީ؟" ޒޫނާގެ މޫނަށް ބަލައިގެން ހުރެ އަހަރެން ބުނެލީމެވެ.
"ކަލޭ އަންހެނުން ގާތު އަހާށޭ." އަޑު އައީ ސީދާ ޒޫނާގެ އަނގައިންކަން އަހަންނަށް ކަށަވަރު ކުރެވުނެވެ.
އަހަންނަށް ތެޅި ގަނެވުނެވެ. އަހަރެންގެ އަތުން ޒޫނާ ފޮޅުވާލެވުނެވެ. ޒޫނާ ބިނދިބިނދިފައި ހޭން ހުއްޓެވެ. އަހަރެންނާ ދިމާއަށް އިނގިލި ދިމާކޮށްކޮށްފައެވެ.
"ކާކު؟ ކޮބާ ޒޫނާ؟" އަހަންނަށް ބުނެލެވުނެވެ.
"ކަލޭ އަންހެނުން ގާތު އަހައިބަލަ." މި ފަހަރު ވެސް ޖަވާބު ދިނީ ޒޫނާއެވެ.
ނަމަވެސް އިވެނީ ފިރިހެނެއްގެ ބަރު އަޑެވެ. އެއީ ޒޫނާގެ އަޑު ނޫންކަން އަހަންނަށް ކަށަވަރުވިއެވެ.
"ކޮބައިހޭ ޒޫނާ؟" އަހަރެން މަޑުމަޑުން ބުނެލީމެވެ.
އޭރު ތުންފަތާއި އަތް ވެސް ތުރުތުރު އަޅަމުންދިޔައެވެ.
"ބިރުގަނޭ." ކަނާއަތް ފަރާތުން ޒޫނާގެ އަޑު އިވުނެވެ.
ޔަގީންކުރެވުނީ އެއީ ޒޫނާ ކަމެވެ. އަހަންނަށް ބަލައިލެވުނެވެ. އެފަރާތުގައި ވެސް ހުރީ ޒޫނާއެވެ. ވައަތްފަރާތަށް ބަލައިލެވުނެވެ. އެ ފަރާތުގައި ވެސް ހުރީ ޒޫނާއެވެ.
"ޒޫނާ." އަހަންނަށް ލަސްލަހުން ބުނެލެވުނެވެ.
ޒޫނާ ވެސް ބާރުބާރަށް ހޭންފެށިއެވެ. އެއާއެކު އުނދޯލި ހެއްލެން ފެށިއެވެ. އަހަންނަށް ބެލުނީ އުނދޯއްޔަށެވެ. އުނދޯލީގައި ވެސް އިނީ ޒޫނާއެވެ. އެކި ފަހަރު އެކި ދިމާއަށް ބެލެމުން ދިޔައެވެ.
"ކާކުހޭ؟" އަހަންނަށް ބާރުބާރަށް އަހައިލެވުނެވެ.
"ކަލޭ އަންހެނުން ގާތު އަހައިބަލަ." ތިން މީހުން އެއްފަހަރާ ބުނެލިއެވެ.
ހީވީ މުޅިތަން ފަޅައިގެން ދިޔަހެންނެވެ. ބާރު އަޑުފައްގަނޑަކާއެކު އެންމެން އެކުގައި ހޭން ފެށިއަޑު އިވުނެވެ. އެ އަޑުތަކުގެ ތެރެއިން ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑު ވެސް ގުގުމަމުން ދިޔައެވެ. (ނުނިމޭ)