މަޑަވެލި

ހުއްދަ ނުހޯދާ މަޑަވެލިން ފުރި މީހަކު ހައްޔަރުކޮށްފި

ކޮވިޑް ބައްޔާ ގުޅިގެން ގދ. މަޑަވެލި މޮނިޓަރިންގައި އޮއްވާ އެޗްޕީއޭގެ ހުއްދައެއް ނުހޯދައި އަދި އެ އޮތޯރިޓީގެ ގައިޑްލައިނާ ހިލާފަށް އެ ރަށުން ފުރައިގެން ދިޔަ މީހަކު ހައްޔަރު ކޮށްފި އެވެ.

ހުއްދައެއް ނުހޯދައި އެ މީހާ މަޑަވެލީން ފުރައިގެން ދަތުރު ކުރީ މެދު އަަތޮޅުތަކުގެ ބ. ދޮންފަނަށެވެ. އުމުރުން 29 އަހަރުގެ ޒުވާން އެ މީހާ ހައްޔަރު ކުރީ ކޯޓު އަމުރަކާއެކު އިއްޔެ ރޭ ގަ އެވެ.

ބޮޑު އާބާދީއެއް އޮތް މަޑަވެލި މޮނިޓަރިންގައި އޮތީ ކޯޒުވޭއަކުން ގުޅި އެއްފަސްވެފައިވާ ގއ. ހޯނޑެއްދޫން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވެފައިވާތީ އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރެއިންނެވެ. މަޑަވެލިން އަދި މިހާތަނަށް މި ބައްޔަށް މީހަކު ޕޮޒިޓިވް ވެފައި ނުވި ނަމަވެސް 61 މީހެއްގެ ސާމްޕަލް ވަނީ ނަގާފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ހަރުކަށި އުސޫލުތަކެއް ހަދާފަ އެވެ. ވެރިރަށް މާލެއިން އެހެން ރަށްރަށައް ދަތުރު ކުރެވޭނީ އެޗްޕީއޭއިން ލިބޭ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އަދި އެޗްޕީއޭގެ މޮނިޓަރިންގައިވާ ރަށްރަށަށް ވެސް އަރާ ފޭބުން މަނަލެވެ.